އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލުގައި ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީގައި އެދޭނެ ކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވީ، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 6އާ ހަމައަށް މިހާރު ކިޔަވައިދޭ އެ ދެ ސްކޫލު 1-10ގެ ސްކޫލަކަށް ބަދަލުކޮށް ދިނުމަށް ބެލެނިވެރިން އެދެމުންދާ ކަމަށެވެ. ބެލެނިވެރިންގެ އެދުމުގެ މަތިން އެ ވާހަކަ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށާއި، އެ މައްސަލަ އަލުން މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރަށް ހުށަހަޅުއްވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
"މި އަހަރުގެ ތެރޭގައި އެ ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް އޭރު ދެއްވާފައި އޮތީ. ސަރުކާރު ބަދަލުވެގެން ދިއުމުން އެކަން އެ މަގުން ކުރިއަށް ގެންދަން މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރަށް އަޅުގަނޑުމެން ދަންންވާނަން" ސައުދު ވިދާޅުވިއެވެ.
ތިނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް 4000 އަކަފޫޓްގެ ބިމެއް އެ ސްކޫލަށް ތިނަދޫ ކައުންސިލުން ވަނީ ހަމަޖައްސާދީފައެވެ.

ސަރުކާރުގެ ތިން ސްކޫލެއް ތިނަދޫގައި ހިންގަމުން ގެންދެއެވެ. އެއީ އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލުގެ އިތުރުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެ ސްކޫލުގައި ގުރޭޑް 7ން 12އަށް 500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ތިނަދޫ ސްކޫލުގައި 430 ދަރިވަރުން ކިޔަވަމުން ގެންދާއިރު، އަބޫބަކުރު ސްކޫލުގައި ވެސް 400 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް ސަޒިއްޔާ އަޙްމަދު ވިދާޅުވީ، އެ ސްކޫލަށް ޖާގައިގެ ދަތިކަން އެބައޮތް ކަމަށާއި އިތުރު ކުއްޖަކު އެ ސްކޫލަށް ވެއްދޭނީ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެން ކަމަށެވެ.
" ޖަގަ އޮތް ވަރަށް ކުދިންނަށް ފުރުޞަތު ދެމުން މިދަނީ. އިތުރު ދަރިވަރުންނަށް މި ވަގުތު ޖާގަ އޮތް ގޮތުން ފުރުޞަތު ދެވެން ދަތި" ސަޒިއްޔާ ވިދާޅުވިއެވެ.
ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލުގައި ގެރޭޑް 10އާ ހަމައަށް ކިޔަވައިދޭނަމަ އެކަން ކުރެވޭނީ އެ ސްކޫލަށް އިތުރު އިމާރާތެއް ލިބިގެންނެވެ.
advertisment
ހިޔާލު