ހައްޖާޖީންނަށް އެހީވުމުގެ ރަސްމީ ހުއްދައެއް ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ދޭން އެދިއްޖެ

ހައްޖާޖީންނަށް އެހީވާން ދިއުމުގެ ރަސްމީ ހުއްދައެއް ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ދިނުމަށް، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާގެ ކިބައިން އެދިވަޑައިގަނަންވައިފިއެވެ.

ވަޒީރު، ޝަހީމް އެކަމަށް އެދިވަޑައިގަތީ، ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރުގެ ދައުވަތަކަށް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި، ޑރ ޝަހީމް ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދަނީ ދެއްވަމުންނެވެ. މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.

ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ވަޒީރު ޑރ. ޝަހީމް ވަނީ، ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއަށް ދައުވަތު ދެއްވާފައެވެ. ކޮވިޑް ޕެންޑަމިކް ތެރޭގައި ޑރ ތައުފީޤު ހުންނެވީ ސަޢުދީގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ. އެމަނިކުފާނު ދެއްކެވި ލީޑަރޝިޕަށް ސައުދީގެ ވެރިންނާއި ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނު ޙައްޖު މިނިސްޓްރީއާ ޙަވާލުވެވަޑައިގަތް ފަހުން ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ ތައުފީޤު ބިން ރަބީޢާ ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *