ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން، 4،000 އަކަ ފޫޓްގެ ބިމެއް ތިނަދޫ ކައުންސިލުން ހަމަޖައްސައިދީފިއެވެ.
ތިނަދޫ ސްކޫލަށް ބިން ހަމަޖައްސައިދީ، ހަމަޖެއްސި ބިމުގެ ރަޖިސްޓްރީ މިއަދު ވަނީ ކައުންސިލުގެ ފަރާތުން އެ ސްކޫލާ ހަވާލު ކޮށްފައެވެ.
ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް ސަޒިއްޔާ އަޙްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން ބޭނުންވާ ބިން ހަމަޖައްސައިދޭން ކައުންސިލުގައި އެދިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެކަމަށް ހައްލެއް ހޯއްދަވައި، ބިން ހަވާލު ކުރެއްވީ މިއަދު ކަމަށެވެ.
ސަޒިއްޔާ ވިދާޅުވީ، ކުލާސްރޫމުގެ ދަތިކަން އެ ސްކޫލަށް އެބަހުރި ކަމަށާއި، އަލަށް ލިބުނު ބިން ތަރައްޤީ ކުރާނެ ގޮތް ކަނޑައަޅާނީ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށެވެ.
" ބިމުގެ ރަޖިސްޓްރީ ލިބުނީމާ އަޅުގަނޑުމެން ވާނީ އެޑިޔުކޭޝަން މިނިސްޓްރީއާ އެކަން ހިއްސާ ކުރައްވާފައި. އެ ބޭފުޅުންގެ މަޝްވަރާއާއެކު އެންމެ ފައިދާ ހުރި ގޮތުގައި ބިން ބޭނުން ކުރާނީ" ސަޒިއްޔާ ވިދާޅުވިއެވެ.
ތިނަދޫ ސްކޫލަށް ބިން ހަމަޖެއްސީ އެ ސްކޫލުގެ ކުރިމަތިންނެވެ. އެ ސްކޫލާއި އަލަށް ހަމަޖެއްސި ބިމާ ދެމެދު މަގެއް އޮވެއެވެ. އެހެންވެ އެ ބިން ބޭނުން ކުރުމުގައި އެންމެ ރަނގަޅު ވިސްނުމަކަށް ދާންޖެހޭ ކަމަށް ސަޒިއްޔާ ވިދާޅުވިއެވެ.
އެލްކޭޖީން ފެށިގެން ގުރޭޑް 6އާ ހަމައަށް 430 ދަރިވަރުން ތިނަދޫ ސްކޫލުގައި ކިޔަވަމުން ގެންދެއެވެ.
ސަޒިއްޔާ ވިދާޅުވީ، އެ ސްކޫލަށް އިތުރަށް ކުއްޖަކު ވައްދާނެ ޖާގައެއް މިހާރު ނެތް ކަމަށެވެ.
" އަޅުގަނޑުމެންގެ ކެޕޭސިޓީއާ އެއްވަރަށް މިހާރު ކިޔަވައިދެމުން މިދަނީ. އިތުރު ކުއްޖަކު ވައްދާނެ ޖާގައެއް މިހާރު ނެތް"
advertisment
ހިޔާލު