ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު، އައު ސްޓްރީމާއި އިޚްތިޔާރީ މާއްދާ ތަޢާރަފު ކުރެވޭނީ، ކުރިއަށް އޮތް ދެ އަހަރަށް، ކުލާސްރޫމާއި ޓީޗަރުންނާއި ވަޞީލަތްތައް ފުރިހަމަވެފައި ހުރެގެން ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.
ހިނގަމުންދާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ގުރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން، ސްޓްރީމް އިޚްތިޔާރު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތާއި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ސާކިއުލާއެއް ތަޢުލީމީ ވުޒާރާއިން ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ.
އެ ސަރކިއުލާގައި ބުނެފައިވަނީ، ދަރިވަރުންނަށް ސްޓްރީމާއި އިޚްތިޔާރީ މާއްދާ އިޚްތިޔާރު ކުރުމަށް ހުޅުވާލާނީ މިހާރު ވެސް ސްކޫލު ތަކުގައި ކިޔަވައިދިނުމަށް ހުއްދަ ދެވިފައިވާ ސްޓްރީމާއި އިޚްތިޔާރީ މާއްދާތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް އައު ސްޓްރީމެއް ނުވަތަ އިޚްތިޔާރީ މާއްދާއެއް ތަޢާރަފު ކުރެވޭނީ ކަންތައްތަކެއް ފުރިހަމަ ވެގެން ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އެއީ:
- އެ ސްޓްރީމެއް ނުވަތަ މާއްދާއެއް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ކުރިއަށް އޮތް ދެ އަހަރަށް ތިބުން.
- އެ ސްޓްރީމެއް ނުވަތަ މާއްދާއެއް ތަޢާރަފު ކުރުމުން އިތުރަށް ބޭނުންވާ ކުލާސްރޫމާއި އެހެނިހެން ވަޞީލަތްތައް ކުރިއަށް އޮތް ދެ އަހަރަށް ހުރުން.
- އަލަށް ތަޢާރަފު ކުރެވޭ ސްޓްރީމް ނުވަތަ އިޚްތިޔާރީ މާއްދާ ކިޔެވުމަށް ބޭނުންވާ މަދުވެގެން 10 ދަރިވަރުން ތިބުމުގެ އިތުރުން، ސްކޫލުގައި ދެން ކިޔަވައިދޭ ސްޓްރީމާއި އިޚްތިޔާރީ މާއްދާތައް ކިޔަވާ މަދުވެގެން ދިހަ ދަރިވަރުން ތިބުން.
މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ސޮއިކުރައްވައި، އިއްޔެ ނެރުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ، ދިރާސީ އަހަރަށް ސްޓްރީމާއި އިޚްތިޔާރީ މާއްދާ ނެގުމަށްފަހު އިތުރު ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ހިންގަމުންދާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ގުރޭޑް 8ގެ ދަރިވަރުން ސްޓްރީމް ކުރުމުގެ މަސައްކަތް ނިންމާނެ ތާރީޚެއް ވެސް އެ ސަރކިއުލާގައި ވިދާޅުވެފައިވެއެވެ.
- އައު ސްޓްރީމް ނުވަތަ އިޚްތިޔާރީ މައްދާއެއް ތަޢާރަފު ކުރާނަމަ 10 ޖެނުއަރީ 2024ގެ ކުރިން އެކަމަށް ހުއްދަ ހޯދުން.
- ސްޓްރީމް ސިލެކްޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް މާއުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމާއި 14 ޖެނުއަރީ 2024ގެ ކުރިން ފޯމު ފުރުން.
- ސްޓްރީމް ނަގާފައިވާ ގޮތުގެ މައުލޫމާތު ތަޢުލީމީ ވުޒާރާއިން ދޭ ނަމުނާއާ އެއްގޮތަށް އެ ވުޒާރާއަށް، 17 ޖެނުއަރީ 2024ގެ ކުރިން ފޮނުވުން.
- އިޚްތިޔާރު ކުރާ ސްޓްރީމަށް 21 ޖެނުއަރީ 2024ގައި ކިޔަވައިދޭން ފެށުން.

ސްޓްރީމް ކަނޑައެޅުމުގައި 2022 ވަނަ އަހަރު ކަނޑައެޅި މިންގަނޑުގައި ބުނެފައިވާ ގޮތުން:
1- ކޯ މާއްދާތަކުގެ ގޮތުގައި އޮންނާނީ ގުރުއާން، އިސްލާމީ ތަރުބިއްޔތު، ދިވެހި ބަސް، އިންގްލިން ސެކަންޑް ލެންގުއޭޖް އަދި މެތެމެޓިކްސް.
2- ސައިންސް ސްޓްރީމްގައި އޮންނާނީ ފިޒްކްސް އަދި ކެމިސްޓްރީ.
3- ބިޒްނަސް ސްޓްރީމުގައި އޮންނާނީ އެކައުންޓިންގ އދި ބިޒްނަސް ސްޓަޑީޒް.
4- އާޓްސް ސްޓްރީމުގައި އޮންނާނީ ހިސްޓްރީ އަދި ޖިއޮގްރަފީ.
5- ބީޓެކްގައި ކިޔަވައިދޭނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރުގެ ކޯސްތަކުގެ ތެރެއިން ސްކޫލުގައި ހިންގުމަށް ހުއްދަ ދެވިފައިވާ ކޯސް ނުވަތަ ކޯސްތަކެވެ. ބީޓެކް ކޯސްތަކުގައި ބައވެރިވާ ދަރިވަރުންގެ އދަދު 10 އަށްވުރެ އިތުރުނަމަ، ބީޓެކް ގެ 1 ށް ވުރެ ގިނަ ކޯސް ހިންގިދާނެއެވެ. އަދި ކޮންމެ ކޯހެއްގައި މަދުވެގެން 5 ދަރިވަރުން ތިބެންވާނެއެވެ.
6- އިލެކްޓިވް މާއްދާގެ ގޮތުގައި އޮންނާނީ ބައޮލޮޖީ، އިކޮނޮމިކްސް، މެރިން ސައިންސް، ކޮމްޕިއުޓަރ ސައިންސް، ޓްރެވަލް އެންޑް ޓޫރިޒމް ސްޓަޑީޒް، އާޓް އެންޑް ޑިޒައިން އަދި އިންގްލިޓ ލިޓްރޭޗަރއެވެ.
7- ކޮމްބައިންޑް ސްޓްރީމް އޮންނަ ސްކޫލުތަކުގައި ކިޔަވައިދޭނީ ތިރީގައިވާ ކޮންމެވެސް އެއް ކޮމްބިނޭޝަނެކެވެ.
- ކެމިސްޓްރީ، ފިޒްކްސް، އެކައުންޓިންގ، ބިޒްނަސް ސްޓަޑީޒް
- ކެމިސްޓްރީ، ފިޒިކްސް، އެކައުންޓިންގ، އިކޮނޮމިކްސް
- ކެމިސްޓްރީ، ބައޮލޮޖީ، އެކައުންޓިންގ، ބިޒްނސް ސްޓަޑީޒް
- ކެމިސްޓްރީ، ބައޮލޮޖ، އެކައުންޓިންގ، އިކޮނޮމިސް
8- ނޯމަލް ސްޓްރީމްގައި ކިޔަވާ ދަރިވަރުން ނަގާނީ ކޯ މާއްދާގެ 5 މާއްދާއާއި ސްޓްރީމް ދެ މާއްދާއާއި އެ ސްކޫލެއްގައި އޮންނަ އިލެކްޓިވް މާއްދާތަކުގެ ތެރެއިން ދެ މާއްދާއާއެކު ޖުމްލަ 9 މާއްދާއެވެ. އަދި ނޯމަލް ސްޓްރީމް އޮންނަ ސްކޫލުތަކުގައި ކޮމްބައިންޑް ސްޓްރީމެއް ނޯންނާނެއެވެ.
9- ބީޓެކް ކިޔވާ ދަރިވަރުން ނަގާ ކޯ މާއްދާގެ 5 މާއްދާއާއި އެ ސްކޫލެއްގައި އޮންނަ ބީޓެކް ކޯސް ތަކުގެތެރެއިން ކޮންމެވެސް 1 ކޯހެކެވެ. ބީޓެކް ކިޔަވާ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭ އިގްތިޔާރީ މާއްދާތަކުގެ ތެރެއިން އިތުރު އެއް މއްދާ އިޚްތިޔާރު ކުރެވިދާނެއެވެ.
10- ކޮމްބައިންޑް ސްޓްރީމް އޮންނަ ސްކޫލްތަކުގައި ކިޔަވައިދޭނީ ކޯ މާއްދާގެ ފަސް މާއްދާއާއި އެންމެ ގިނަ ދަރިވަރުން ނަގާ ކޮންމެވެސް އެއް ކޮމްބިނޭޝަނުގައި ހިމެނޭ ހަތަރު މާއްދާއެވެ. އެއްވެސް ސްކޫލެއްގައި މިކްސްޓް ކޮމްބިނޭޝަނެއް ނުހެދޭނެއެވެ.
ސާނަވީ މަރުޙަލާގައި ސްޓްރީމް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު
- ގުރޭޑް އަށެއް ނިންމާ ދަރިވަރުންގެ އަދަދު 20 އަށްވުރެ މަދުނަމަ އެ ސްކޫލެއްގައި ކިޔަވައިދޭނީ ކޮމްބައިންޑް ސްޓްރީމަށެވެ.
- ގުރޭޑް އަށެއް، ނިންމާ ދަރިވަރުންގެ އަދަދު 20 އާއި 40 އާ ދޭތެރޭގައި ތިބިނަމަ ކިޔަވައިދޭނީ ބިޒްނަސްއާއި ސައިންސް ސްޓްރީމްގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްޓްރީމެކެވެ.
- ގުރޭޑް އަށެއް، ނިންމާ ދަރިވަރުންގެ އަދަދު 40އާއި 60 އާ ތެރޭގައި ނަމަ ކިޔަވައިދޭނީ ބިޒްނަސް ނޫނީ ސައިންސް ސްޓްރީމްގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ އެއް ސްޓްރީމެކެވެ. ދެ ސްޓްރީމަށް ކިޔަވައިދޭނަމަ ސްޓްރީމެއްގައި މަދުވެގެން 10 ދަރިވަރުން ތިބެން ވާނެއެވެ.
- ގުރޭޑް އަށެއް ނިންމާ ދަރިވަރުންގެ އަދަދު 60އަށްވުރެ މަތި ނަމަ ކިޔަވައިދޭނީ ސައިންސް ބިޒްނަސް އަދި އާޓްސް ސްޓްރީމް ނުވަތަ އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ސްޓްރީމް ތަކަށެވެ. މިގޮތުން އެއް ސްޓްރީމަށް ވުރެ ގިނަ ސްޓްރީމަށް ކިޔަވައިދޭނަމަ ސްޓްރީމެއްގައި މަދުވެގެން ދިހަ ކުދިން ތިބެންވާނެއެވެ.
އިޚްތިޔާރީ މާއްދާތައް ބެލުމުގައި ބަލާނެ މިންގަނޑު
- ކޮންބައިން ސްޓްރީމަށް ކިޔަވައިދޭ ސްކޫލުތަކުގައި އިހްތިޔާރީ މާއްދާއެއް ނޯންނާނެއެވެ.
- އެއް ސްޓްރީމް އޮންނަ ސްކޫލުތަކުގައި އިޚްތޔާރީ މާއްދާގެ ގޮތުގައި ކިޔަވައިދޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އިމްތިޔާރީ މާއްދާތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚުތިޔާރު ކުރާ ދެ މާއްދާއެކެވެ.
- ދެ ޓްރީމް އޮންނަ ސްކޫލުތަކުގައި އިޚްތިޔާރީ މާއްދާގެ ގޮތުގައި ކިޔަވައިދެވޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އިގްތިޔާރީ މާއްދާތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ކޮންމެވެސް ހަތަރު މާއްދާއެކެވެ.
- ދެ ސްޓްރީމް ނުވަތަ އެއަށްވުރެ ގިނަ ސްޓްރީ އޮވެފައި، ކީސްޓޭޖް 4 ގެ ދަރިވަރުންގެ އާބާދީ 120 އަށްވުރެ އިތުރު ނަމަ އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އެންމެ ގިނަ ދަރިވަރުން އިޚްތިޔާރު ކުރ ހަ މާއްދާއެކެވެ.
ގުރޭޑް ނުވައެއްގައި ދަރވަރުންގެ ސްޓްރީމް ކަނޑައެޅުމަށްޓަކައި މިހާރު ގްރޭޑް 8 ގައި ކިޔވަމުންދާ ދަރިވަރުންނަށް ސްޓްރީމް ކިން އޮރިއެންޓޭޝަން ބާއްވަންވާނެއެވެ. މި ޕޮރޮގްރާމް ހިންގާއިރު، ސްކޫލުގައި ތިބި ޓީޗަރުންނާއި ލިބެންހުރި ވަސީލަތްތަށް ރިއާޔތްކޮށް، ސްކޫލުން އޮފަރ ކުރެވޭނެ މާއްދާތަކާއި އޮފަރ ނުކުރޭވެނެ މާއްދާތަކުގެ މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދޭންވާނެއެވެ.
ސްޓްރީމް، އިޚްތިޔާރީ މާއްދާ އަދި ދަރިވަރުންގެ އަދަދުތައް ވަކިގޮތަށް ބަޔާންކޮށްފައި ވީނަމަ ވެސް ވަކިވަކި ތަކުގެ ޙާލަތާއި ގާއިމުކުރެވިފައިވާ ވަސީލަތްއި ދަރިވަރުންނަށް ފުރުސަތުތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނޭ ގޮތަށް ސްޓްރީމް، އިމްތިޔާރީ މާއްދާ އަދި ދަރިވަރުންގެ އަދަދުތައް ކަނޑައެޅުމުގެ އިހްތިޔާރު ތަޢުލީމީ ވުޒާރާއަށް ލިބިފެންވާ ކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު