ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ދިރާސީ އަހަރަށް ބަދަލުގެނެސްފި

ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ދިރާސީ އަހަރަށް ބަދަލުގެންނަން ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހުއެވެ. މި ބަދަލާއެކު އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބޮޑު ޗުއްޓީ ލިބޭނެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ބަދަލު ގެނައީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ބިނާކޮށެވެ. ދިރާސީ އަހަރަށް ގެނެވޭ ބަދަލާއެކު ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް، ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބަދަލު ގެނައީ އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެއްވުމަށްފަހު، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް ދެ އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބޭ ގޮތަށް ކަމަށެވެ.

ދިރާސީ އަހަރަށް ބަދަލު ގެނައީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެ ބަދަލާއެކު ދިރާސީ އަހަރު ފަށަނީ އޮގަސްޓްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *