ދިއްފުށީ ސްކޫލުގެ ސްޓާފްރޫމް ބޮޑުކޮށް ވަޞީލަތްތައް ޤާއިމްކޮށްދޭން ނަސީމް ފައުންޑޭޝަނުން އެހީ ވަނީ

"ނަސީމް ފައުންޑޭޝަން"ގެ ހިލޭ އެހީގެ ދަށުން ދިއްފުށީ ސްކޫލުގެ ސްޓާފްރޫމް ބޮޑުކޮށް އެތަނުގައި ޓީޗަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އިސްވެ ހުންނަވައި އުފެއްދި ފއަުންޑޭޝަނެކެވެ. މި އެއްބަސްވުމުގައި "ނަސީމް ފައުންޑޭޝަން"ގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއައމަން އިބްރާހިމް ނަސީމެވެ.

ހަ ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ހުސައިން ޝާފިއުއާއެވެ.

ދިއްފުށީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އިނާދު ދަރިވަރު ނޫހަށް ވިދާޅުވީ، 32 ޓީޗަރުން އެ ސްކޫލުގައި މަސައްކަތް ކުރަމުން ގެންދާއިރު ސްޓާފުރޫމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންވެ ނަސީމް ފައުންޑޭޝަނުން ކުރިއަށް ގެންދާ އަޕްގުރޭޑިންގ މަސައްކަތްތައް ނިމޭއިރު، ކޮންމެ ޓީޗަރަކަށް ވެސް ހަމަޖެހިލައިގެން މަސައްކަތް ކުރާނެ ޖާގައެއް ހުންނާނެ ކަމަށެއެވެ.

"ޓީޗަރުންނާއި ލީޑިންގ ޓީޗަރުން އެއްތަނެއްގައި، މޭޒުތައް އަތުރާލާއިގެން ދެ ފަރާތުގައި މި ތިބެނީ ފިތިގެން ކަހަލަ ގޮތަކަށް. އެގޮތަށް މަސައްކަތް ކުރާތާ އެތަކެއް އަހަރެއް ވެއްޖެ. އެކަމަށް އެކަށީގެންވާ ރަނގަޅު ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް މި ފެށީ" އިނާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްޓާފް ރޫމުގެ މަސައްކަތް ނިމޭއިރު، އެތަނުގއަި ލީޑިންގ ޓީޗަރުން މަސައްކަތް ކުރާނެ ވަކި ކޮޓަރިއެއް ވެސް ހުންނާނެ ކަމަށެވެ. އަދި ދެ ޖިންސްގެ ޓީޗަރުންނަށް ވަކިން ފާހާނާ ހެދުމާއި ކެންޓީނެއްގެ ޚިދުމަތް ވެސް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

" ކޮންމެ ޓީޗަރަކަށް ވެސް ހަމަޖެހިގެން މަސައްކަތް ކުރެވޭނެ ޖާގައައި މަސައްކަތު މާހައުލެއް ޤާއިމް ކުރެވޭނެ. އޭގެ ސަބަބުން މަސައްކަތުގެ ސްޕީޑާއި ދެވޭ ތަޢުލީމުގެ ފެންވަރަށް ވެސް ބޮޑު ބަދަލެއް އަންނާނެ" އިނާދު ވިދާޅުވިއެވެ.

ދިއްފުށީ ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް 270 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *