ކ.ގުރައިދޫ ކައުންސިލުން ބޭއްވި އުސްތާޒް އިބްރާހީމް ރިޟާ ގުރުއާން މުބާރާތުން އެއްވަނަ ހޯދާ، "ގުރައިދޫ ތަރި " ގެ މަޤާމް އިސްމާއީލް ލުޖައިން ބިން އަބްދުﷲ ޝަބީރު ހޯދައިފިއެވެ.
ރޭ ބޭއްވި މި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މުބާރާތުގެ އެއް ވަނަ ހޮވޭ ދަރިވަރަކަށް 50،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. ދެ ވަނަ ދަރިވަރަކަށް ހޮވުނީ އާލް މުހައްމަދު ނިޔާޒެވެ. ދެވަނައަށް ދާ ދަރިވަރަކަށް 30،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ. ތިން ވަނައަށް ދިޔަ މުހައްމަދު ސާއީ ސާދިމެވެ. ތިން ވަނައަށް ހޮވޭ ދަރިވަރަކަށް ދެނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ދިހަ ބައިވެރިންނާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް ބުރު ގެންދިޔާއި ފަސް ބައިވެރިންނާއެކުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިފަދަ މުބާރާތްތަކަކީ ދަރިވަރުންނަށް މަދަރުސާއެއް ކަމަށާއި، މީގެ ސަބަބުން ދަރިވަރުންނަށް ގިނަ ފިލާވަޅުތަކެއް ލިބި ދީނީ ލޯބި އެކުދިންގެ ހިތްތަކުގައި އުފެދިގެން އަންނަ ކަމަށެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ، އަލްމަރްހޫމް އަލްއުސްތާޛް އިބްރާހިމް ރިޟާއަކީ ވަރަށް ގާތް ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ މަސައްކަތްޕުޅުތަކާއި، ތަޢްލީމު އުނގެނުއްވި ދުވަސްތަކުގެ ހަނދާން އާ ކުރައްވައިފައެވެ. އަދި އެމަނިފާނުގެ ހަނދާނުގައި، ކޮއްކޯފުޅު އަލްއުސްތާޛް ހަސަން ރިޟާ މި ޤުރުއާން މުބާރާތް ފައްޓަވައިދެއްވީތީ އެބޭފުޅާއަށްވެސް ވަޒީރު ޑރ. ޝަހީމް ވަނީ ތަޢްރީފް ކުރައްވައިފައެވެ. އަދި ވަޒީރު ވަނީ އަލްއުސްތާޛް ހަސަން ރިޟާ އަށާއި ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި އެއްވަނައަށް ހޮވުނު ދަރިވަރު އިސްމާޢިލް ލުޖައިން ބިން އަބްދުﷲ ޝަބީރުއަށް އިނާމް ހަވާލްކުރައްވާ ވަޒީރު ޑރ. ޝަހީމް ވަނީ ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހިއްވަރު ދެއްވައިފައެވެ. އަދި އެއްވަނަ ނުލިބުނު ކަމުގައިވިޔަސް ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖެކަމަށް ވިދާޅުވެ، ވަޒީރު ވަނީ ރަސޫލް ބޭކަލުންގެ ހަޔާތްޕުޅުން މިސާލެއް ޖައްސަވައިފައެވެ.
މި މުބާރާތުގެ މަޤްޞަދަކީ، ކ. ގުރައިދޫގެ ދަރިވަރުންނާއި، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، އަދި އެފަންނު ތަރައްޤީ ކުރުމަށް މަސައްކަތްކުރުމެވެ.
advertisment
ހިޔާލު