23ވަނަ ޤައުމީ ކެޑޭޓް ކޭމެޕް ނިންމާލައިފި

ސްކޫލްތަކުގެ ކެޑޭޓުންނަށް ބޭއްވި ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕް ނިންމާލައިފިއެވެ.

ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

2023 ޑިސެންބަރު 24 އިން 2024 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުންނެވެ.މީގެ އިތުރުން އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 16 ކެޑޭޓުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.

މިރަސްމިއްޔާތުގައި، ކޭމްޕްގެ ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެއެވެ. މި ކޭމްޕްގައި ކިޔަވާދެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންްސް ފޯސްގެ މުދައްރިބުންނެވެ.

ކޭޑޭޓް ކޭމްޕްގެ މަޤްޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުމެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *