އަންނަ އެޕްރީލުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުންނަށް މެޑިކަލް ޗެކަޕް ހެދޭނެ

އަންނަ އެޕްރީލް މަހުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުންނަށް މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް ނެޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެންސްޕާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، މެޑިކަލް ޗެކަޕް ހެދުމުގެ މަސައްކަތް ފަށައިގަންނާނީ ތާވަލު ތަކަށް ބަހާލައިގެންނެވެ. 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހަދައިދޭން މިހާރު ފަށާފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް، 19 އަހަރުން ދަށުގެ ކުދިންނަށް މެޑިކަލް ޗެކަޕް ހަދައިދޭން ތާވަލުކޮށްފައި ވަނީ އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް މެޑިކަލް ޗެކަޕް ހަދައިދޭން ފެށުމާއެކު ސްކޫލްތަކުގައި މިހާރު ކުރިއަށް ގެންދާ ހެލްތް ސްކްރީނިންގ ޕްރޮގްރާމް މުރާޖައާކޮށް ތަންފީޒު ކުރާނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެއެވެ.

ކޮންމެ ސްކޫލަކުން ވެސް ހެލްތް ސްކްރީމް ޕްރޮގްރާމްތައް ސިއްޙީ ޚިދުމަތް ދޭ ތަންތަނާ ގުޅިގެން މިހާރު ވެސް ކުރިއަށް ގެންދެއެވެ.

އެންސްޕާއިން ބުނީ، މެޑިކަލް ޗެކަޕް ހަދައިދޭން ހިންގާ ޕްރޮގްރާމުގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހި ކުރުމާއި، ދިވެހި ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލު ގެނެސް ބަލިތަކުން ރައްކޭތެރިވެ ތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުމަށެވެ.

މި ގޮތުން ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްޙީމަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އަދި އެ މީހެއްގެ ވަށައިގެންވާ ހާލަތްތަކަށް ރިޢާއަތްކޮށް އެއް އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް މެޑިކަލް ޗެކަޕް ހަދަންޖެހޭ ފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިވެފައި ވާނެ ކަމަށް އެންސްޕާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *