އިމާމުވެ ހުކުރު ކުރަން 100 ކުދިން ކުރިމަތިލައިފި

އިމާމުވެ ހުކުރު ނަމާދު ކުރަން ސަތާކައެއްހާ ކުދިން ކުރިމަތި ލައިފިއެވެ.

ގުރޭޑް 10ން 12ގެ ދަރިވަރުންނަށް ހުކުރު ނަމާދު އިމާމުވެ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މުއްދަތު ހަމަވާނީ އަންނަ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ވިދާޅުވީ، އިމާމުވެ ހުކުރު ކުރަން ބޭނުން ވެގެން ކުރިމަތިލި 100 ޒުވާނުންނާ އިންޓަވިއުކުރުން އަންނަ ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ " އިންޓަވިއު އަންނަ ހަފުތާގައި ފަށާނެ. އެއަށްފަހު ފިޤުހީ ތަމްރީނު ތަކެއް ދެވޭނެ. އެއަށްފަހު އިންޝާ ﷲ މި ޒުވާނުން މިންބަރުތަކުން ފެނިގެންދާނެ. ރޯދައިގެ ކުރިން މި ހުރިހާ ކަމެއް ނިމޭނެ" ކަމަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ގުރޭޑް 10ން މަތީގެ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުޙްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް ދޭން ނިންމީ އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ކަމަށް އެ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިމާމުވެ ހުކުރު ނަމާދު ކުރަން ކުރިމަތިލި ކުދިންނާ އިންޓަވިއު ކުރިއަށް ގެންދާނީ މާލެއާއި އަތޮޅުތެރޭގައި ކަމަށެވެ. ބައިވެރިވާ ހުރިހާ ކުދިންގެ ޤުރުއާން ކިޔެވުމާއި އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ ހުޠުބާއަކުން ކުރެ އެ ކުއްޖަކު އިޚްތިޔާރު ކުރާ ހުޠުބާއެއް ކިޔުން އޮންނާނެ ކަމަށާއި އޭގެ ތެރެއިން ހުއްދަ ދެވޭ ކުދިންނަށް ޚާއްޞަ ތަމްރީނެއް ދެވޭނެ ކަމަށެވެ. ތަމްރީނު ދެނީ، ޚުތުބާ ކިޔުމުގެ ފަންނާއި މޮސްކް މެނޭޖްމަންޓާއި ޖަނާޒާގެ ކަންކަމާއި އިމާމުގެ އަޚުލާޤާއި ނަމާދުގެ ފިޤުހުގެ އިތުރުން މިސްކިތުގެ ދައުރާ ގުޅޭ ގޮތުން ކަމަށެވެ.

މިހާރު ވެސް ބައެއް ދަރިވަރުން މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެއެވެ. އެކަމަކު މިހާތަނަށް އެއްވެސް ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުކުމުގެ ހުއްދައެއް ނުދެއެވެ. ހުކުރު ކުރުމުގެ ހުއްދަ ކުދިންނަށް ދޭން ފެށުމުން އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *