ސާނަވީ ގުރޭޑެތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުމުގެ ބައްދަލުވުން ތަކެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތަކުން ކުރިއަށް ގެންގޮސްފިއެވެ.
ތިނަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުން، ގދ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފާއިތުވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.

ރަތަފަންދޫ ސްކޫލުގެ ސާނަވީ ދަރިވަރުންނާއި މުދައްރިސުންނަށް ކުރިއަށް ގެންދިޔައީ ފުރަތަމަ އެހީގެ ސެޝަނެކެވެ. ހޯޑެއްދޫ ސްކޫލްގެ ސާނަވީ ގުރޭޑްތަކުގެ ދަރިވަރުންނަށް ގެންދިޔައީ ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަނެކެވެ. މަޑަވެލީ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް ގެންދިޔައީ ފުރަތަމަ އެހީގެ ސެޝަނެކެވެ. ނަޑެއްލާ ސްކޫލުގެ ދަރިވަރުންނަށް ގެންދިޔައީ ކިޔެވުމުގެ ހުނަރުތަކާއި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރު ކުރުމުގައި ވިސްނަންވީ ކަންތައްތަކެވެ. އަދި ފުރަތަމަ އެހީއާ ގުޅުން ހުރި މުހިންމު މައުލޫމާތު އެ ސްކޫލުގެ ސާނަވީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ދީފައިވެއެވެ. ގދ. ވާދޫގައި ހުންނަ ވާދޫ މުހައްމަދު ޖަމާލުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ފިޔޯރީ ސްކޫލުގެ ދަރިވަރުންނަށް ގެންދިޔައީ ކިޔެވުމުގެ ހުނަރުތަކާއި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރު ކުރުމުގައި ވިސްނަންވީ ކަންތައްތަކެވެ. އަދި އެ ތިން ސްކޫލުގެ މުދައްރިސުންނަށް ޕީޑީ ސެޝަނެއް ވެސް ކުރިއަށް ގެންދިޔައެވެ.

ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އެމްއެންޔޫގެ ހިތަދޫ ކެމްޕަހުން މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔައީ، ސްޓްރީމް ޚިޔާރު ކުރުމުގައި ދަރިވަރުން ބަލަންވީ ކަންތައްތަކާއި ކުރިއަށް ދާންވީ ދާއިރާ ކަނޑައެޅުމުގައި ދަރިވަރުން ވިސްނަންވީ ކަންތައްތަކާ ގުޅޭ ގޮތުންނެވެ.

ހިތަދޫ ކެމްޕަހުގެ އެސިސްޓެންޓް ޑައިރެކެޓަރު، މަރިޔަމް އަޙްމަދު ދީދީ ދަރިވަރު ނޫހަށް ވިދާޅުވީ، އައްޑޫ ސިޓީގެ ދެ ސްކޫލެއް ފިޔަވައި ހުރިހާ ސްކޫލަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާފައިވާ ކަމަށެވެ. ކޮންމެ އަހަރަކު ދެ ފަހަރު އެފަދަ ސެޝަންތައް ސްކޫލްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ، ގުރޭޑް އަށެއްގެ ދަރިވަރުން ގުރޭޑް ނުވައަކަށް ދާއިރު، ސްޓްރީމެއް ޚިޔާރު ކުރުމަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ލިބިފައި ނުހުންނާތީ ކުދިންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
"ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖާއަށް އެންމެ މުހިންމީ ކޮން މާއްދާތަކެއްކަން ބައެއް ފަހަރު ނޭނގި ސްޓްރީމް ކަނޑައެޅޭ. އޭގެ ސަބަބުން ކުރިއަށް ދާން ބޭނުންވާ ދާއިރާގެ އެންމެ މުހިންމު މާއްދާ ނުކިޔެވި ދަނީ. އަޅުގަނޑުމެން މި ދަނީ އެ މައުލޫމާތު ވެސް ދަރިވަރުންނަށް ދެމުން" މަރިޔަމް ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ، މަތީ ސާނަވީއާ ހަމައަށް ދާއިރު، ކުރިއަށް ދާނެ ދާއިރާއެއް ކަނޑައެޅުމުގެ މިނިވަންކަން ކިޔަވާ ކުއްޖާއަށް އޮންނަންވާނެ ކަމަށާއި، ބައެއް ފަހަރު އެކަމުގެ ތެރެއަށް ބެލެނިވެރިންގެ ނުފޫޒު ވަންނަ ކަމަށެވެ. އެ މައުލޫމާތު ވެސް ކުދިންނާއި ބެލެނިވެރިންނާ އެކީގައި ހިއްސާ ކުރެވޭ ކަމަށް މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ، ފުވައްމުލައް ސިޓީގެ ސްކޫލު ތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އަންނަ މަހުގެ ކުރީކޮޅު ބާއްވަން މިހާރު ތާވަލު ކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގެ މެނޭޖަރު، އާމިނަތު އަލީ ވިދާޅުވީ، އެ ކެމްޕަހުން، އެ ސަރަހައްދުގެ ސްކޫލްތަކާއެކު މިހާރަށްވުރެ ރަނގަޅު ގުޅުމެއް ބާއްވައި، މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކޮންމެ ސެމިސްޓަރއެއްގެ ތެރޭގައި ކުރިއަށް ގެންދަން އަންނަ އަހަރު ރާވާފައިވާ ކަމަށެވެ. އާންމުކޮށް މިހާރު ސްކޫލްތަކަށް ސެޝަންތައް ނަގައި ދެނީ އެ ސްކޫލްތަކުން އެކަމަށް އެދި ހުށަހެޅުމުން ކަމަށާއި އަންނަ އަހަރުން ފެށިގެން ސްކޫލްތަކަށް ޒިޔާރަތްކޮށް ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް އައިންތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްޓްރީމް ނެގުމާއި ކެރިއަރ ގައިޑެންސް ދޭން ޖެހެނީ ގުރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކަމަށެވެ. އެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން މީގެ ކުރިން ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ނަތީޖާ އެ ކެމްޕަހާ އަލަށް ގުޅުނު ދަރިވަރުންގެ އަދަދުން އެނގޭ ކަމަށް އައިންތު ވިދާޅުވިއެވެ.

"ސްޓްރީމް ސެލެކެޓް ކުރުމުގެ ކުރިން ދަރިވަރުންނަށް ކުރިއަށް ދެވިދާނެ ދާއިރާތަކާއި ކޯސްތަކުގެ މައުލޫމާތު ދޭންޖެހެނީ. ގުރޭޑް 10 އަށް ދާއިރު ގިނަ ކުދިންގެ ވިސްނުން ހުންނަނީ ވަކި ގޮތަކަށް ސެޓްވެފައި. އެ ހިސާބުން ބަދަލެއް ގެންނަން އުނދަގޫވޭ" އައިންތު ވިދާޅުވިއެވެ.
އައިންތު ވިދާޅުވީ، ގިނަ ކުދިންގެ ވިސްނުން ހުންނަނީ ޓެކްނިކަލް ދާއިރާތަކަށާއި ރަނގަޅު މުސާރަ ލިބޭ ދާއިރާތަކުން ކުރިއަށް ދާށެވެ.
"ކުދިންގެ ވިސްނުން ހުންނަނީ ޓެކްނިކަލް ވަޒީފާތަކަށް ދާން. ވަރަށް ގިނައިން ސުވާލު ކުރާނެ މި ވެނި ދާއިރާއަކުން ކިޔެވީމާ ކިހާ ވަރެއް ލިބޭނެހޭ" އައިންތު ވިދާޅުވިއެވެ.
އެމްއެންޔޫގެ އެހެން ކެމްޕަސްތަކުން ވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް ސްކޫލްތަކުގެ އިތުރުން އާންމުންނަށް ވެސް ދަނީ ބާއްވަމުންނެވެ.
advertisment
ހިޔާލު