މީޑިއާއާއި ޕަބްލިކް ރިލޭޝަންސް ދާއިރާ އެއްކޮށްލައިގެން އެމްއެންޔޫއިން ޑިޕްލޮޕާ ކޯހެއް ފަށަނީ

މީޑިއާއާއި ޕަބްލިކް ރިލޭޝަންސް ދާއިރާ އެއްކޮށްލައިގެން "ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ގެ ނަމުގައި ކޯހެއް ފަށަން އެމްއެންޔޫއިން ތައްޔާރު ވެއްޖެއެވެ.

މިއީ ނޫސްވެރިކަމާއި، މަލްޓި މީޑިއާއާއި، މާކެޓިންގއާއި، ޕަބްލިކް ރިލޭޝަންސް އަދި ވިޝުއަލް މީޑިއާ ކޮމިއުނިކޭޝަންސްގެ ދާއިރާތައް އެއްކޮށްލައިގެން ރާއްޖޭގައި ފަށާ މި ފަދަ ފުރަތަމަ ކޯހެވެ.

އެމްއެންޔޫއިން އަލަށް ފަށާ މި ކޯހާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެކަލްޓީ އޮފް އާރޓްސް ގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ، ހަމައެކަނި ނޫސްވެރިކަމުގެ ދާއިރާއަށް ޚާއްޞަކުރެވިގެން ކޯސް ހިންގީމާ، ބައެއް ކަހަލަ ދާއިރާތަކުން ވަޒީފާ ހޯދުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އެކަން ދެނެގަތުމަށް އެކަމާ ގުޅުން ހުރި ސްޓަޑީއެއް ހެދިއިރު ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ ޖާނިޒަމް ކޯސް ނިންމި ވަރަށް ގިނަ ދަރިވަރުން މަސައްކަތް ކުރަމުން މިހާރު ގެންދަނީ ޕަބްލިކް ރިލޭޝަންސް ދާއިރާގައި ކަމަށް އާސިމް ވިދާޅުވިއެވެ. އެހެންވެ މީޑިއާއާއި ޕަބްލިކް ރިލޭޝަންސް ދާއިރާ އެއްކޮށްލައިގެން ކޯހެއް ފަރުމާކޮށް ހިންގުމުން ވަޒީފާ ހޯދުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އާސިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ ކޯސް ފަރުމާކުރުމުގައި އިންޑަސްޓްރީއާއި ދަރިވަރުން ހިމެނޭހެން ގިނަބަޔަކާ އެކީގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، އަދި ކޯސް ފަރުމާކޮށް ކަރިކިއުލަމް އެކުލަވާލުމުގައި ޔޫއެންޑީޕީގެ އެހީއާއެކު ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ.

އާސިމް ވިދާޅުވީ، މި ކޯހަށް ވަނުމުގެ ޝަރުޠަކީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމުގެ އާންމު ޝަރުޠުތައް ކަމަށެވެ. އެ ޔުނިވަރސިޓީން ހިންގި ޖާރނަލިޒަމް އިން އެޑްވާންސް ސެޓްފިކެޓް ލެވްލެގެ ކޯސްތައް ހަދާފައިވާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިޕްލޮމާއިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯސް" ފަރުމާ ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާ ޑރ. އަޙްމަދު ޒަކީ ނާފިޒު ވިދާޅުވީ، މި ކޯހުގައި ހިމެނެނީ މައިގަނޑު ދެ ބައެއް ކަމަށާއި، ކޯސް ފަރުމާކޮށްފައި ވަނީ ޖާރނަލިޒަމް ކިޔަވަން ބޭނުންވާ ކުދިންނަށް ޖާނަލިޒަމް ވެސް ކިޔެވޭ ގޮތަށް، ހަމަ އެގޮތަށް ޕްބަލިކް ރިލޭޝަންސް ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ވެސް ކިޔެވޭ ގޮތަށް ކޮންމެ ބަޔަކަށް 50 އިންސައްތަ ހިމެނޭ ގޮތަށް ހުރިހާ ބައެއް ވެސް ހިމަނައިގެން ކަމަށެވެ.

އާސިމް ވިދާޅުވީ، ޑިޕްލޮމާ ނިމެންވާއިރަށް ޑިގްރީ ކޯސް ފަށާނެ ކަމަށާއި އެ ކޯސް ފަރުމާކޮށް ނިމި، އިންޓަރނަލީ އެޕްރޫވަލް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ވިދާޅުވީ، ޑިގްރީ ކޯސް ނިމެންވާއިރަށް މާސްޓަރސްކޯސް ވެސް ފަރުމާކޮށް، އަދި ޕީއެޗްޑިއާ ހަމައަށް ވެސް އެ ކޯސް ގެންދާނެ ކަމަށެވެ.

ތިން ސެމިސްޓަރ އެކުލެވޭ، އެއް އަހަރު ދުވަހުގެ. "ޑިޕްލޮމާއިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 25 އަަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *