ތަޞައްވުރަކީ ސައިންޓިފިކް ދިރާސާތައް އިތުރުކޮށް، ދިރާސާ ކުރުމާއި ޕަބްލިޝް ކުރުމަށް ރާއްޖެއިން ބޭރުން ހޯދާ މާލީ އެހީ އިތުރުކުރުން ކަމަށް ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ޑރ. ރަހީމާ ވިދާޅުވީ، ސައިންޓިފިކް ދިރާސާ ކުރުމަކީ ޒަމާނީ ޔުނިވަރސިޓީއެއްގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށާއި ޔުނިވަރސިޓީ ރޭންކު ކުރާއިރު ޕާފޯމަންސް އިންޑިކޭޓަރ ސްކޯގެ ބޮޑު ބައެއް ބަލަނީ ޔުނިވަރސިޓީއެއްގައި ކުރެވޭ ދިރާސަތަކަށް ކަމަށެވެ. އަދި ސްކޯރގެ 30 އިންސްތަ ކިޔަވައި ދިނުމަށް ބަލާއިރު، އަނެއް 30 އިންސައްތަ ބަލަނީ ރިސަރޗް ވޮލިޔުމަށާއި ރިސަރޗް ރެޕިއުޓޭޝަނަށާއި ރިސަރޗް އާމްދަނީއަށް ކަމަށެވެ. މިއާއެކު އިތުރު 30 އިންސައްތަ ބަލަނީ ޔުނިވަރސިޓީގެ ސްޓާފުންގެ ޕަބްލިކޭޝަންތައް އެހެން މީހުން ބަލާ މިންވަރެއްގެ މައްޗަށް ކަމަށެވެ. ބާކީ ދިހަ އިންސައްތަ ބަލަނީ އިންޓަރނޭޝަނަލައިޒޭޝަންއާއި އިންޑަސްޓްރީއަށް އެ ޔުނިވަރސިޓީއަކުން ނެރެދޭ އިނޮވޭޝަންތަކުން ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ.

ޑރ. ރަހީމާ ވިދާޅުވީ، "ރިސަރޗް ހެދުމާއި އެ ރިސަރޗްތައް ޕަބްލިޝް ކުރުމަށް ދޭ ގްރާންޓްތައް އިތުރަށް ހަރުދަނާކޮށް ބޭރުން ހޯދާ ގްރާންޓް ތަކާއި ފަންޑިންގ އިތުރު ކުރަން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ވާނީ ނިންމާފައި" ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގައި 18 އަހަރު ޚިދުމަތް ކުރެއްވި ޑރ. ރަހީމާ ވިދާޅުވީ، މޯބިލިޓީ ޕްރޮގްރާމްތަކާއި ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓް ތަކުގައި އެ ޔުނިވަރސިޓީގެ އެކަޑަމިކް އަދި އެޑްމިން ސްޓާފުންނާއި ދަރިވަރުންނަށް ބައިވެރިވެވޭނެ އިންސާފުވެރި އުޞޫލެއް ޤާއިމްކޮށް ކޮލަބަރޭޓިވް ރިސަރޗް ޕަބްލިޝް ކުރެވޭ ގޮތްތަކެއް ވެސް ރާވާފައިވާނެ ކަމަށެވެ.

ޔޫސަރ ފްރެންޑްލީ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމް ކުރުމާއި ސްޓާފުންނަށާއި ދަރިވަރުންނަށް ބޭނުންވާ އޮންލައިން ޕޯޓަލްތައް އިތުރަށް ހަރުދަނާ ކުރަން ނިންމާފައިވާކަމަށް ޑރ. ރަހުމާ ވިދާޅުވިއެވެ.
ޑރ. ރަހުމާ ވިދާޅުވީ، ދަރިވަރުންނަށް ސްޓާޓަޕް ޕްރޮގްރާމްތަކެއް ފަށައި، ރިސަރޗް އިންކިޔުބޭޓާސް ޤާއިމްކުރުމާއި ލައިބްރަރީގެ ޑޭޓަރބޭސްތަކަށް ފަސޭހައިން އެކްސަސް ވެވޭނެ ގޮތްތައް ރާވައި ލައިބްރަރީއިން ދޭ ތަމްރީނުތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ.
ޑރ. ރަހީމާ ޕީއެޗްޑީ ޙާޞިލު ކުރެއްވީ ޕަބްލިކް ހެލްތްގެ ދާއިރާއިން، ކަރޓިން ޔުނިވަރސިޓީންނެވެ.
ޑރ. ރަހީމާ ފައިތުވި ހަތް އަހަރު ހުންނެވީ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗްގެ މަޤާމުގައެވެ. ރަހީމާ އަކީ މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗްގެ ޗީފް އެޑިޓަރެވެ.
advertisment
ހިޔާލު