ފިޝަރީޒް ކޮލެޖް ޤާއިމް ކުރަން، މޯލްޑިވްސް ފިޝަރީޒް ޓްރެއިނިންގ އިންސްޓިޓިއުޓް ޤައުމީ ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އައި މޯލްޑިވްސް ފިޝަރީޒް ޓްރެއިނިންގ އިންސްޓިޓިއުޓް ޤައުމީ ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރުމުގެ ފަހުމުނާމާގައި ސޮއިކުރެއްވީ، އެ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމެވެ. ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝަޢުޤީ ވިދާޅުވީ، މޯލްޑިވްސް ފިޝަރީޒް ޓްރެއިނިންގ އިންސްޓިއުޓް އެ ޔުނިވަރސިޓީގެ ދަށަށް ބަދަލުކުރެއްވުމަކީ އެއީ މަސްވެރިކަމާ ބެހޭ ކޮލެޖެއް ޤާއިމް ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށާއި އެކަން ކުރެއްވީ މަސްވެރިކަމާ ބެހޭ ވަޒީރުގެ އިސްނެންގުވުމުގެ މަތިން ކަމަށެވެ.

ޑރ. ޝަޢުޤީ ވިދާޅުވީ، އަޅުގަނޑުމެންނަކީ 99 އިންސައްތަ ކަނޑު ހިމެނޭ ޖަޒީރާ ޤައުމަކަށް ވާއިރު، އަޅުގަނޑުމެންގެ ވަޞީލަތްތައް މުސްތަގުބަލުގައި ވެސް ބިނާވެފައި އޮންނާނީ ކަނޑުގެ ވަޞީލަތްތަކުގެ މައްޗައް ކަމަށެވެ. އެހެންވެ " އެކަމުގެ ޢިލްމް ދިރާސާކުރާ އިންސްޓިޓިއުޓެއް، ސެންޓަރެއް، ކޮލެޖެއް އުފެއްދުމަކީ މުބާސަބު ކަމެއް" ކަމަށެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މަސްވެރިކަމާ ގުޅުން ހުރި ތަޢުލީމާއި ތަމްރީނު ޒަމާނާ އެކަށޭނެ ގޮތަށް ދެވޭނެ ނިޒާމެއް ޤާއިމް ވެފައި އޮތުމަކީ އެ ސިނާއަތް ކުރިއަށް ގެންދިއުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ސަރުކާރުން ގަބޫލުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނުގެ 11 ވަނަ މާއްދާއިން، މަސްވެރިކަމުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ އިންތިޒާމް ތަކެއް ހަމަޖެއްސުމަކީ އެ ވުޒާރާއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި މަސްވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގައި އެ ވުޒާރާއެކީގައި މަސައްކަތް ކުރަން އެންމެ އެކަށޭނެ ޤާބިލް ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކަމަށެވެ.
" ވަޞީލަތްތައް އެބަހުރި. ރިސޯސް ބޭފުޅުން އެބަތިއްބެވި. އިންތިޒާމެއް އަންނަން ޖެހެނީ. އެމްއެންޔޫއަށް ވެސް ސަރުކާރަށް ދެވޭނެ އެއްބާރުލުމާއި އެހީތެރިކަން ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ، މިކަން ހާޞިލު ކުރުމަށްޓަކައި ސަރުކާރުން ޔުނިވަރސިޓީއަށް ދޭންޖެހޭ އެއްބާރުލުން ހުރިހާ ގޮތަކުން ދީގެން، ފުރުޞަތުތައް ދިވެހި އާއިލާތަކަށް ފަހިކޮށް ދިނުން" މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
" މަސް ވެރިކަމުގެ ސިނާއަތުގައި ބައިވަރު ވަޒީފާ އެބަހުރި. އެކަމަކު ނިޒާމީ ގޮތެއްގައި އެ ވަޒީފާތަކަށް ތައްޔާރުކޮށްފައިވާ ދިވެހިން މަދު. ތަޢުލީމާއި ތަމްރީނު ދެވޭނެ ނިޒާމެއް އޮވެއްޖެ ކަމަށް ވާނަމަ މަސްވެރިކަމުގެ ފެސިލިޓީތަކާއި ފެކްޓަރީތަކުގައި މިހާރު މަސައްކަތް ކުރާ ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ފެންނާނެކަން ޔަޤީން ކުރެވޭ" ޝިޔާމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މަސްވެރިކަމާ ގުޅުން ހުރި ކޯސްތައް އެ ޔުނިވަރސިޓީގައި ފަށާއިރު، ކުރު މުއްދަތުގެ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދާނެ ކަމަށާއި، ރައްޔިތުންނަށް ބުރައަކަށް ނުވެ އެފަދަ ކޯސްތަކުގައި ބައިވެރި ކުރަން މަސްވެރިކަމާ ބެހޭ ވުޒާރާގެ މާލީ އެހީތެރިކަން އެ ޔުނިވަރސިޓީއަށް ލިބޭނެ ކަމަށެވެ.
advertisment
ހިޔާލު