ސާނަވިއާ ހަމައަށް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބިނާކުރަން ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ޕްރައިމަރީ އަދި ސެކަންޑަރި ލެވެލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ދިވެހި ޓީޗަރުންނަށް ހަދަން ކެބިނެޓްގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ބިނާކުރުމަށްޓަކައި ފަސް އަހަރު ދުވަހަށް، ރޭވިގެން އެ މަސައްކަތް ކުރިއަށް ދާނީ މިހާރުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.
" އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ ތުއްތު ދިވެހި ކުދިންގެ ދިވެހި ސިކުނޑިތައް، ދިވެހި ޤައުމިއްޔަތުގެ މަތީގައި ބިނާކުރަން ތިބޭނީ ދިވެހި ޓީޗަރުންނޭ. އެއީ، ވަރަށްވެސް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، އޭގެ ފޮނިމީރުކަން އަޅުގަނޑުމެންގެ ޢާއިލާތަކަށް، އަޅުގަނޑުމެންގެ ޅަދަރިންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންދާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަޅުގަނޑުމެންނަށް އެންމެ މުހިންމީ، އަޅުގަނޑުމެންގެ މުސްތަޤްބަލަކީ މިހާރު މި ކުރެވޭ އިޚްލާޞްތެރި ބުރަ މަސައްކަތުން، އުޖާލާ ކުރެވިފައިވާ މުސްތަޤްބަލަކަށް ހެދިގެންދިޔުންކަން ބަޔާން ކުރައްވައި، އެމަނިކުފާނު ވިދާޅުވީ، " ހުރިހާ މާނައެއްގައި، ދިވެހި ޤައުމު ދެކެ ލޯބިވާ، ހިތުގެ ތެރޭގައި ޤައުމިއްޔަތު ފުންކޮށް ބިންވަޅު ނެގިފައިވާ ޖީލެއް ބިނާވެގެން ދިޔުން. އުސްކޮށް އިމާރާތް ކުރެވޭ އިމާރާތްތަކާ އެއްވަރަށް، އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، ޤައުމީ ޖޯޝުން ފުރިފައިވާ ހިތްތަކެއް ލިބިފައިވާ ޖީލެއް ބިނާވެގެން ދިޔުން. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ހާސިލުވެގެންދާނެ" ކަމަށެވެ.
ދިވެހިންނަށް ޚާއްޞަ ކޮށްފައިވާ ވަޒީފާގެ ދާއިރާތައް ސަރުކާރުން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި މުދައްރިސުން ވެސް ވަނީ ހިމަނާފައެވެ.
ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުން މަދުވާ މައްސަލަ ޤައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މީގެ އަހަރު ތަކެއް ކުރިން ވަނީ އެކަމަށް ޚާއްޞަ ދިރާސާއެއް ވެސްކޮށްފައެވެ. އެ ދިރާސާގެ އަލީގައި ތަޢުލީމީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައި ނަމަވެސް ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންގެ އަދަދު ނިސްބަތުން މަދެވެ.
advertisment
ހިޔާލު