ސަތާރަ ސަތޭކަ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ ސްކޫލުގެ ބިންގާ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައި ދެއްވައިފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އާރުސީސީން އިމާރާތް ކުރާ 54 ކުލާސް ރޫމު ހިމެނޭ މި ސްކޫލުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މިއީ ގުރޭޑް 1-10 ކިޔައިވައިދޭ ސްކޫލެކެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު އާބާދުވިއިރު، އެ ސަރަހައްދަށް މާ ބޮޑު އަޅާލުމެއް ނެތް ކަމަށާއި، މިއަދު ބިންގާ އެޅި ސްކޫލުގެ ސަބަބުން އެތަނުގައި ދިރިއުޅުމެންދާ ގިނަ ބަޔަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބިންގާ އަޅުއްވައި ދެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރުއޫއަކީ ސިކުނޑިތައް ބިނާކުރުން ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އިމާރާތަކީ ތައުލީމަށް ބިނާ ކުރާ ތަނަކަށް ހެއްދެވުމަކީ އޭގެ އަމާޒެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމު ބިނާކުރުމަށް ކިތަންމެ އުސްކޮށްވެސް ޢިމާރާތްތައް ހެދިދާނެކަމަށާއި، އެހެންނަމަވެސް ސިކުނޑިތައް ތަރައްޤީނުކުރެވޭނަމަ، އެ ގެނެވޭ ތަރައްޤީގެ ފައިދާ އެންމެ ހެޔޮގޮތުގައި ނުކުރާނެ ކަމަށެވެ. އަދި ތަޢުލީމު ހެޔޮގޮތުގައި ނުދެވިއްޖެނަމަ އޭގެ ހިތާމަ މުޅި ޤައުމަށް ކުރާނެ ކަމަށާއި ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ތަޢުލީމީ ދާއިރާއިން އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފައި ނުނިމި ގިނަ މަޝްރޫޢުތަކެއް އެބަހުރި ކަމަށާއި ނުނިމި ހުރި އެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ކިޔއަވއަި ދެމުން ގެންދަނީ ދެ ސްކޫލެއްގައެވެ. އެއީ ކާމިލު ދީދީ ޕްރައިމަރީ ސްކޫލާއި ޞަލާޙުއްދީން ސްކޫލެވެ.
advertisment
ހިޔާލު