ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ފުވައްމުލައް ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ބޭރުގައި ބެލެނިވެރިންނާއި ދަރިވަރުން ތިބޭނެ " ވެއިޓިންގ އޭރިއާ" އެއް ހަދައި، އެތަން ބޭނުން ކުރަން ފަށައިފިއެވެ.
މި ތަން ހަދަން ބީއެމްއެލްއިން އެހީ ދިނީ ފުވައްމުލައް ދަނޑި މަގު ޒުވާނުންގެ ޖަމިއްޔާއަށެވެ.
މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލަށް ކުދިން ބަލައި އަންނަ ބެލެނިވެރިންނާއި އަދި ދަރިވަރުން މަގުމަތީގައި އަވީގައި ތިބެން ޖެހުމަކީ އެ ސްކޫލާއި ބެލެނިވެރިންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އެ ކަންބޮޑުވުމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، " ވެއިޓިން އޭރިޔާ ހަދަން އެހީތެރިކަން ފޯރުކޮށް ދިނީ، ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ކަމަށެވެ.
" އަޅުގަނޑުމެންނަށް ސީދާ ކޮމިއުނިޓީ ފަންޑުން އެހީއެއް ނުލިބޭ. އެހެންވެ ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާގެ އެހީތެރިކަމާއެކު ޕްރޮޕޯސަލް ހުށަހަޅައިގެން ފައިސާގެ ކަންތައް ހަމަޖެހުނީ" އާރިފާ ވިދާޅުވިއެވެ.
700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޖަމާލުއްދީން ސްކޫލުން ހެދި " ވެއިޓިން އޭރިޔާ" ތަރައްޤީ ކުރީ އެއް ފަހަރާ 100 އެއްހާ މީހުންނަށް އިށީދެލައިގެން ތިބެވޭ ގޮތަށެވެ.
" ކުދިން ބަލައި އަންނަ ބެލެނިވެރިންނަށް ކުދިން ނިމެންދެން މިހާރު ހިޔަލު، މަޑުކޮށްލައިގެން ތިބެވޭނެ" އާރިފާ ވިދާޅުވިއެވެ.
އާރިފާ ވިދާޅުވީ " ވެއިޓިންގ އޭރިއާ" ގެ މަސައްކަތް ނިންމާލަން ހޭދަވީ ދެ ހަފްތާއެއްހާ ދުވަސް ކަމަށެވެ.
advertisment
ހިޔާލު