ނަފުސާނީ ފަރުވާ ދިނުމަށް ޚާއްސަ ސެންޓަރެއް މިއަދު ވިލާ ކޮލެޖުގައި ރަސްމީކޮށް ހުޅުވައިފިއެވެ. "ވީކެއަރ ކައުންސެލިންގ އެންޑް ސައިކޮތެރަޕީ ސެންޓަރ" ގެ ނަމުގައި ވިލާ ކޮލެޖުގައި ޤާއިމުކުރި ސެންޓަރަކީ، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި މި ފަދަ ސެންޓަރެވެ.
މި ސެންޓަރ ހުޅުވައި ދެއްވީ، ވިލާ ކޮލެޖުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.

މި ސެންޓަރ ހުޅުވުމުގެ ގޮތުން ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، ވިލާ ކޮލެޖުގައި މި ސެންޓަރ ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ވިލާ ކޮލެޖު އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނަފުސާނީ ގޮތުން ދުޅަހެޔޮ ވެއްޓެއް ޤާއިމުކުރުމަށެވެ. އޭގެ އިތުރުން، މި ސެންޓަރގެ ސަބަބުން ވިލާ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަގަޅުކުރުމަށާއި، ދަރިވަރުންނާއި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވެދޭނެ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

ވީކެއަރ ކައުންސެލިންގ އެންޑް ސައިކޮތެރަޕީ ސެންޓަރުން ސައިކޮސޯޝަލް ސަޕޯޓް، ކައުންސެލިންގ، ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ޚިދުމަތް ލިބޭނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި ވިލާ ކޮލެޖުގައި ބެޗެލާރސް އިން ސައިކޮލޮޖީ އަދި މާސްޓަރސް އޮފް ސައިންސް (ކައުންސެލިންގ) ގެ ދާއިރާއިން މިހާރު ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް މި ސެންޓަރުގައި އެކަޑަމިކް އަދި ފަންނީ ތަޖުރިބާ ހޯދުމުގެ ގޮތުން އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހަމަޖެހިފައި އޮންނާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.
މި ސެންޓަރގެ ޚިދުމަތް ލިބެން ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ. މީގެ އިތުރުން، މި ސެންޓަރގެ ޚިދުމަތްތައް މިއަދުން ފެށިގެން ޢާންމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމަންޓް ބުކް ކުރެވޭގޮތަށް ހަމަޖެހިފައި ވަނީ އެ ސެންޓަރގެ ވެބްސައިޓް https://vcare.villacollege.edu.mv. މެދުވެރިކޮށް ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.
advertisment
ހިޔާލު