މަތީ ތައުލީމް ހާސިލުކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންގެ ނަންތައް އެ ބޭންކުން އިޢުލާން ކޮށްފިއެވެ.
ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް ހުރިހާ ހަރަދެއް ބީއެމްއެލުން ހަމަޖައްސައިދޭ ސްކޮލާޝިޕް ލިބުނީ، އާމިނަތު އަލްޔާ ޝާވިންއާއި މުހައްމަދު ސާޖިއު އިސްމާއީލްއާއި މުހައްމަދު އައިކު އަލީއަށެވެ.

ބީއެމްއެލުން ދޭ މި ސްކޮލާޝިޕު ދެނީ ތައުލީމީގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.
ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް، ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީގެ ތެރެއިން ބޭނުން ޔުނިވަރސިޓިއަކުން ބޭންކިން އެންޑް ފައިނޭންސްއިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އާއި އެނަލެޓިކްސް ފަދަ ބޭންކިން އާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެފައި ވަނީ، މިއަހަރުގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން ކަމަށެވެ. މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކައި އެ ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް ކަމަށެވެ.
މިދިޔަ އަހަރު ސްކޮލަރޝިޕް ލިބުނު ތިން ދަރިވަރުން ޔޫކޭ އާއި އޮސްޓްރޭލިއާގައި ދަނީ މަތީ ތައުލީމަށް ކިޔަވަމުންނެވެ.
advertisment
ހިޔާލު