އިންޓަނޭޝަނަލް ލޯގެ ދާއިރާއިން ބާއްވާ ފުރަތަމަ ސިމްޕޯޒިއަމް ވިލާ ކޮލެޖުގައި

އިންޓަނޭޝަނަލް ލޯ އާ މެދު ހޭލުންތެރިކަން އިތުރުމަށް ވިލާކޮލެޖުގައި މިއަދު ފެށި ސިމްޕޯޒިއަމްގެ ތެރެއިން- ފޮޓޯ: ރިޝްވާން މުޙައްމަދު | ދަރިވަރު ނޫސް

އިންޓަނޭޝަނަލް ލޯ އާ މެދު ހޭލުންތެރިކަން އިތުރުމަށް ވިލާކޮލެޖުން ބާއްވާ ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ. މިއީ ރާއްޖޭގައި އިންޓަނޭޝަނަލް ލޯގެ ދާއިރާއިން ބާއްވާ މިފަދަ ފުރަތަމަ ސިމްޕޯޒިއަމެވެ. އަދި އެ ކޮލެޖުން ޤާނޫނީ ދާއިރާއަށް އަމާޒު ކޮށްގެން ބާއްވާ ދެ ވަނަ ސިމްޕޯޒިއަމެވެ. މި ސިމްޕޯޒިއަމް ވިލާ ކޮލެޖުން ބާއްވަނީ ހިއުމަން ރައިޓްސް ސެންޓަރާއި ޔޫކޭގެ ޔުނިވާސިޓީ އޮފް އެސެކްސްގެ އިތުރުން އިންޑިއާގެ އެމްއެމް ޝަންކަރައޯ ޗަވަން ލޯ ކޮލެޖާ ގުޅިގެންނެވެ.

މިއަދު ހެނދުނު ފެށި މި ސިމްޕޯޒިއަމްގެ ބޭނުމަކީ އިންޓަނޭޝަނަލް ލޯ އަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގެ ޝަރުއީ އަދި ޤާނޫނީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމާއެކު އެ މައްސަލަތަކާ މެދު މަޝްވަރާ ކުރުމެވެ.

ވިލާ ކޮލެޖުން ބުނީ، މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްއަށް 22 ޕްރެޒެންޓޭޝަނާއި 17 ޕޭޕަރު ހުށަހަޅާނެ ކަމަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ލޯޔަރުންނާއި ލޯ ފާމްތަކާއި ޖަމިއްޔާތަކުން މި ސިމްޕޯޒިއަމްގައި ބައިވެރިވެއެވެ.

ސިމްޕޯޒިއަމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ މަލްޓިނޭޝަނަލް ކުންފުނިތައް އިތުރުވަމުންދާއިރު އެ ކުންފުނިތަކަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ލޯ ފާމްތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން ރާއްޖެ ހުޅުވި، ފޮރިން އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނައިރު އިންޓަރނޭޝަނަލް ލޯ އާއި ފޮރިން އެފެއާޒްގެ ދާއިރާއަށް އަމާޒުކޮށްގެން ތަޢުލީމީ ޕްރޮގްރާމްތަކެއް ހިންގުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޑރ. އަލީ ނަޖީބު ވިދާޅުވީ އިންޓަނޭޝަނަލް ލޯ އާއި ފޮރިން އެފެއާޒްއާ ގުޅޭ ޕްރޮގުރާމެއް ވިލާ ކޮލެޖުގައި އަންނަ އަހަރު ފަށަން މަސައްކަތް ކުރައްމުން ގެންދަވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *