މަސައްކަތްތެރިކަމުގެ ދާއިރާއިން އިމާދުއްދީން ސްކޫލުގެ 23 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މިއީ ޤައުމީ ސަނަދު ތިނެއްގެ ކޯސްތަކެއް ރާއްޖޭގެ ސްކޫލެއްގައި ހިންގާ، އެ ކޯސްތަކުން ދަރިވަރުން ދަސްވެނިވި ފުރަތަމަ ފަހަރެވެ.
އިމާދުއްދީން ސްކޫލުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުހައްމަދެވެ.
އިމާދުއްދީނުގެ ދަރިވަރުން ދަސްވެނިވީ:
- ނެޝަނަލް ސެޓިފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
- ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިންގ
- ނެޝަނަލް ސެޓިފިކެޓް 3 އިން ފެޝަން ޑިޒައިނިންގ އެންޑް ޓެއިލަރީ
މި ތިން ކޯހުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނީ، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ޓެސްޓްކޮށް، ޤައުމީ ސަނަދު ތިނެއްގައި މިންވަރަށް އެ ދަރިވަރުން ފާސްވިކަން ކަށަވަރު ކުރުމަށްފަހުއެވެ.

އިމާދުއްދީން ސްކޫލުން ބުނީ، ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ގިނައީ އެ ސްކޫލުގެ ޖުވެލް ސެންޓަރުގައި ކިޔަވާ ދަރިވަރުންނެވެ. ދެން ހިމެނެނީ ހުސްވި އަހަރު އެ ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުންނެވެ.
"މިއީ ވަރަށް ތާރީޚީ ދުވަހެއް. މަދަރުސީ ތަޢުލީމީ ނިޒާމުގައި ވެސް ފާހަގަކުރެވޭ ފަދަ މުހިންމު ދުވަހެއް" އިމާދުއްދީނުގައި ހިންގި ކޯސްތަކުގެ ކާމީޔާބީ ފާހަގަ ކުރައްވައި ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވިއެވެ.
އިމާދުއްދީން ސްކޫލުގެ ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް "ފަންނުވެށި" ގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އަހަރުއެވެ. އެތަނުގައި ހިމެނެނީ ޓެކްވެއްޓާއި ފަހާވަތި އަދި ކައްކާވަތިއެވެ.

އިމާދުއްދީނުގެ އިންކުލޫސިވް އެޑިޔުކޭޝަން އެނަލިސްޓް ސީނިޔާ މުސްތަފާ ވިދާޅުވީ، އެ ސްކޫލުގައި ހިންގި ކޯސްތަކުގެ ދަރިވަރުންނަށް ސްކޫލުގެ ބޭރުން ވެސް އަމަލީ ގޮތުން ތަޖުރިބާ ހޯދާދީފައިވާނެ ކަމަށެވެ.
"ސްކޫލުން ބޭރުގައި ހަދަންޖެހޭ މޮޑިއުލްތައް، މިސާލަކަށް ފަޔަރ އެންޑް ރެސްކިޔު މޮޑިއުލްތައް ހެދީ އެމްއެންޑީއެފަށް ދަރިވަރުން ގެންގޮސްގެން. ބަދިގޭގެ ތަޖުރިބާ ހޯދީ ރިސޯޓްތަކަށް ދަރިވަރުން ގެންގޮސްގެން" ސީނިޔާ ވިދާޅުވިއެވެ.
ޕްރިންސިޕަލް މަމްދޫޙްގެ އިސްނެންގެވުމާއެކު އެ ސްކޫލުގައި ވަނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގެނުމަށް ފަހި ވެއްޓެއް ޤާއިމް ކޮށްފައެވެ. މަސައްކަތް ދަސްކޮށް ދިނުމުގެ އިތުރުން ޒަމާނީ ލައިބްރަރީއަކާއި ތަފާތު ވައްތަރުގެ ތެރަޕީގެ ޚިދުމަތް ދިނުމަށް ތެރަޕީގެ ޚިދުމަތް ވެސް އެ ސްކޫލުގައި ވަނީ ތަޢާރަފު ކޮށްފައެވެ.
advertisment
ހިޔާލު