އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް، ހުނަރު ދަސްކުރުމުގެ ފުރުޞަތު ހޯދައިދޭނަން

ހުރަވީ ސްކޫލުގެ "ހުނަރު ވެހި" ހުޅުއްވައި ދެއްވުމަށްފަހު، ދަރިވަރުންގެ ހުނަރުވެރި މަސައްކަތްތައް ތަޢުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ބައްލަވާލައްވަނީ- ދަރިވަރުންނަށް ހުނަރު ދަސްކޮށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި- ފޮޓޯ: ރިޝްވާން މުޙައްމަދު | ދަރިވަރު

ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް ވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ފޯރުކޮށް ދެއްވާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ހުރަވީ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް "ހުނަރު ވެހި" ހުޅުވައިދެއްވައި، ތަޢުލީމީ ވަޒީރު، ވިދާޅުވީ އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް ފައްޓަވާނެ ކަމަށެވެ. އެކަން ކުރައްވާނީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދެވޭ ފުރުޞަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހަމަހަމަކަމާ އެކު ފޯރުކޮށްދީގެން ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ، އެކަން ކުރައްވާނީ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ކޮންމެވެސް ހުނަރެއް އެނގޭ ދަރިވަރަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ، ހުނަރު ދަސްކޮށް ދިނުމަށް ސްކޫލް ނިޒާމުގެ ތެރެއަށް ތަޢާރަފުކުރަން ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މަތީތަޢުލީމުގެ ވުޒާރާއާއެކު ކުރިއަށް ގެންދަވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އޭރުން " ކިޔަވާ އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް ވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ" ކަމަށެވެ.

ދަރިވަރުންނަށް ހުނަރު ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތަކެއް ސްކޫލު ތަކުން އިސްނަގައިގެން މިހާރު ވެސް ކުރިއަށް ގެންދެއެވެ. އޭގެ އިތުރުން 28 ސްކޫލެއްގައި ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފު ކުރުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ ފައްޓަވާފައެވެ. އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް މާލޭގެ ތިން ސްކޫލެއްގައި ވަނީ ލެބްތަކެއް ހުޅުވައިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *