ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ކޯސްތައް ހިންގަން "ހުނަރު ވެހި" ހުޅުވައިފިއެވެ. ހުނަރު ވެއްސަކީ އެ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތައް ދަސްކޮށްދޭން ހުޅުވި ޓްރެއިނިންގ ސެންޓަރެކެވެ. މި ތަނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ދިނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕަނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހުނަރު ވެހި ހުޅުވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، "ހުނަރު ވެހި"ގައި މި ވަގުތު ހިންގާނީ ސެޓްފިކެޓް ލެވެލް ތިނެއްގެ، ފެހުމާއި އިލެކްޓްރިކް ވައިރިން ދަސްކޮށްދޭ ކޯސްތަކެވެ. ވަޑާމާއި ވެލްޑިންގް ކޯސްތައް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
" ލެކްޗަރާއިން ލިބޭ ވަރަކުން ކޯސްތައް އިތުރު ކުރަމުން ގެންދާނީ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި " ހުނަރު ވެހި" ގައި ހިންގާނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ މުޤައްރަރަކަށް ކިޔަވައިދޭ ކޯސްތަކެއެވެ. އެ ކޯސްތައް ނިންމާ ދަރިވަރުންނަށް ސަނަދު ދޭނީ ވެސް އެންއައިއީންނެވެ. އެއީ އެމްކިޔުއޭއިން ޤަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދެކެވެ.
"ހުނަރު ވެހި"ގެ އިތުރުން ދަރިވަރުންނަށް އެކްސްޕެރިމެންޓް ކުރުމަށާއި އެކްސްޕްލޯ ކުރުމަށް ޚާއްޞަ ކޮށްގެން " ދަސް ވެށި"ގެ ނަމުގައި ލެބެއް ވެސް ވަނީ ހުޅުވާފައެވެ. މި ލެބް ހުޅުވައި ދެއްވީ އެއަރޕޯޓްސް ކޮމްޕަނީގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް ޝަރީފު މުޙައްމަދެވެ.

"ދަސް ވެށި"ގެ ތެރޭގައި ދާރުލް އަސާރެއްގެ ގޮތުގައި ވެސް ވަކި ބައެއް ޚާއްޞަ ކޮށްފައިވެއެވެ. ކުރީ ޒާމާނުގެ ދިވެހިން ގެންގުޅުނު ބައެއް އާލާތްތައް ދަރިވަރުން ބަލައި ހެދުމަށް މިތަނުގައި ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ހިފާގެންގުޅޭ ކަންވާރާއި އަންނައުނު ވެސް ހިމެނެއެވެ.

ހުރަވީ ސްކޫލުގެ ދަރިވަރުންގެ މުނިފޫހިފިލުވުމަށް ޚާއްޞަ "މަރިޔާދު" ވެސް މިއަދު ވަނީ ހުޅުވާފައެވެ. މި ތަން ހުޅުވައި ދެއްވީ މަތީ ތަޢުލީމާބެހޭ ވަޒީރު، ޑޮކްޓަރު މަރްޔަމް މާރިޔާއެވެ. މިއީ ދަރިވަރުންގެ ދުޅަހެޔޮ ކަމާއި މުނިފޫހިފިލުވަން ޚާއްޞަ ތަނެކެވެ. ރާޒުވާއާއި ކެރަމް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް މިތަނުގައި ވަނީ ޤާއިމް ކޮށްފައެވެ. އަދި ފޮތް ކިޔުމާއި ޓީވީ ބެލޭނެ ގޮތް ވެސް މި ތަނުގައި ވަނީ ހަމަޖައްސާފައެވެ.
ހުރަވި ސްކޫލުގައި 2500 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު