ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ދުވަސްވީ މުދައްރިސް، ސުލްޠާނާ މުސާ، 43 އަހަރަށްފަހު، ވަޒީފާއިން ރިޓަޔަރ ކުރެއްވުމުން، އެ މަރުކަޒުގެ ފަރާތުން އެކަމުގެ އަގުވަޒަން ކުރެއްވީ، ހަތްކޮޅުގެ ވަދާއީ ސަލާމަކުންނެވެ. އޭނާ ވަކިވެވަޑައިގެންނެވީ ރިޓަޔަމަންޓް އުމުރު ހަމަވާން ކުރިވުމުންނެވެ.
ސުލްޠާނާ މިސް، ދިގު ޚިދުމަތުގެ އެންމެ ފަހު ފިލާވަޅު ނަންގަވާ ދެއްވުމަށްފަހު، ގެއަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައެވެ. މި ހަރަކާތް އިންތިޒާމް ކުރީ ނ. އޭއިސީގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުންނެވެ. ވަދާއީ ހަރަކާތުގައި އެ މަރުކަޒުގެ ހުރިހާ މުދައްރިސުންނާއި ސްޓާފުން ބައިވެރިވިއެވެ. ހަތްކޮޅުގައި ގެއަށް ވަޑައިގެންނެވި އިރު، ސުލްޠާނާ މިސްގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ.

ނ. އޭއީސީއަށް 43 އަހަރު ފުރުނުއިރު، އެ މަރުކަޒުގެ އެންމެ ދުވަސްވީ މުދައްރިސަކީ ވެސް ސުލްޠާނާ މިސްއެވެ. ކިޔަވައި ދެއްވީ ދިވެއްސާއި އިސްލާމެވެ.
ނ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު ނިޒާރު މިއަދު ދަރިވަރު ނޫހަށް ވިދާޅުވީ، ސުލްޠާނާ މިސް ވަކިވެވަޑައިގެންނެވުމަކީ އެއީ އެ މަރުކަޒަށް ލިބޭ ހިތާމައެއް ކަމަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިންގެ ރުހުމާއި ލޯބި ހޯއްދެވި މުދައްރިސެއް ކަމަށެވެ.

" ސުލްޠާނާ މިސް ވަކިވެވަޑައިގެންނެވީ ހުރިހާ އެންމެންގެ ލޯބި ހޯއްދެވުމަށްފަހު. އެންމެންގެ ހިތް އަތުލާފައި " ނިޒާރު ވިދާޅުވިއެވެ.
ސުލްޠާނާ މިސްއަށް ވަނީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް ލިބިވަޑައިގެންފައެވެ.
advertisment
ހިޔާލު