-
ސެޓްލައިޓް ސްކޫލުތަކުގެ ދަރިވަރުން ފުރަތަމަ ފަހަރަށް އޯލެވްގައި އަންނަ އަހަރު ބައިވެރިވާނެ
ސެޓްލައިޓް ސްކޫލަކީ އާބާދީ ކުދި ރަށްތަކަށް ތަޢުލީމުގެ އަލިކަން ފޯރުކޮށްދޭން ދިއްލި ބައްތިއެކެވެ. އޭގެ އަލި މިއަދު އެތައް ރަށެއްގެ އެތައް ކުދިންނަށް ލިބެމުން ދެއެވެ. ރަށުގައި، އާއިލާ ކައިރީގައި ތިބެގެން ކިޔެވޭނެ އެންމެ ފަސޭހަ މަގަކީ ވެސް އެއީއެވެ. އެފަދަ ކުދިންނަށް އޮތް އުއްމީދަކީ ވެސް އެއީއެވެ.
ސެޓްލައިޓް ސްކޫލް ނިޒާމުގައި ކިޔަވައި ދޭނީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. ރާއްޖޭގެ ހަ ސްކޫލެއްގައި 42 ދަރިވަރުން ދަނީ ސެޓްލައިޓް ސްކޫލުގެ ނިޒާމުން ކިޔަވަމުންނެވެ. އެއީ ވ. ތިނަދޫ، ވ. ރަކީދޫ، އދ. ދިއްދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ ގއ. ކޮނޑޭ ސްކޫލުގެ ދަރިވަރުންނެވެ. އެ ހުރިހާ ސްކޫލުތަކެއްގެ ބެލެނިވެރިއަކީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. ސެޓްލައިޓް ސްކޫލްތަކުގެ ކޮމާންޑް ސެންޓަރަކީ ވެސް އެއީއެވެ.

ހުރަވީ ސްކޫލުގެ ހަތަރު ވަނަ ފަންގިފިލާގައި ގާއިމް ކޮށްފައިވާ ސެޓްލައިޓް ސްކޫލަށް ދަރިވަރު ނޫހުން ވަން އިރު، އެ ސްކޫލުގެ ކިޔެވުން ކުރިއަށް ދެއެވެ. އެތަނުގައި ކޮންމެ ގުރޭޑަކަށް ވަކި ކުލާހެއް ހުރެއެވެ. އޮންލައިންކޮށް ކިޔަވައިދޭން ބޭނުންވާ ވަޞީލަތްތައް ހުރީ ޤާއިމް ކޮށްފައެވެ. އެކިއެކި މާއްދާތަކަށް ޚާއްޞަ ޓީޗަރުންނާއެކު 30 ޓީޗަރުން އެތަނުގައި މަސައްކަތް ކުރެއެވެ. އެ ހުރިހާ ޓީޗަރުންނަކީ ހުރަވީ ސްކޫލުގެ ޓީޗަރުންނެވެ.
ސެޓްލައިޓް ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ކަންތައްތައް އެންމެ ކައިރިން ފެނިވަޑައިގަންނަވާނެ އެއް ބޭފުޅަކީ 2019 ވަނަ އަހަރުން ފެށިގެން ހުރަވީ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަޒިއްޔާ މުޙައްމަދެވެ. އެއީ މިއަދު އެ ހުރިހާ ދަރިވަރުންގެ މަންމައެވެ.
ހުރަވީ ސްކޫލުގެ އެހެން ގުރޭޑް ތަކެކޭ އެއްގޮތަށް، ހެނދުނު 7:10 ގައި ސެޓްލައިޓް ސްކޫލުގެ ގުރޭޑް ތަކުގެ ކިޔެވުން ވެސް ފަށައެވެ. އެއް ކުލާހެއްގައި އެތައް ސްކޫލެއްގެ ދަރިވަރުންނެވެ. ބައެއް ކުލާސްތަކުގައި އެންމެ ކުއްޖެކެވެ. އެލްކޭޖީން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދެމުން ގެންދަނީ ޓައިމްޓޭބަލް ހަދައިގެން އެ ޓޭބަލާ އެއްގޮތަށެވެ. ހުރަވީ ސްކޫލުގައި ގެންދާ ހުރިހާ ހަރަކާތެއް ހެން އެ ސްކޫލްތަކުގައި ވެސް ކުރިއަށް ގެންދެއެވެ.

ސެޓްލައިޓް ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖަކަށް އެޑިޔުކޭޝަން މިނިސްޓްރީން ކްރޯމް ބުކެއް ދީފައި އޮވެއެވެ. އެ ކުދިންގެ ކިޔެވުން ބިނާވެފައި އޮންނަނީ އެއަށެވެ. އެހެން ކުދިން ކިޔަވަން ކުލާސްތަކަށް ވަންނައިރު، އެ ކުދިން ވަންނަނީ ވަކި ގުރޭޑް ތަކަށް ހާދާފައި ހުންނަ މީޓް ގުރޭޑް ލިންކަށެވެ.
" ވަކިވަކި މާއަްދާ ތަކުގެ މީޓް ކުލާސް ބޭނުން ކުރާނީ ފިލާވަޅު ހަވާލުކޮށް މާކް ކުރަން " މަޒިއްޔާ ވިދާޅުވިއެވެ.

މަޒިއްޔާ ވިދާޅުވި ގޮތުގައި، ސެޓްލައިޓް ސްކޫލް ފެށިއިރު، ޓީޗަރުން ދުރުގައި ތިބިގެން އޮންލައިންކޮށް ކިޔަވައިދޭން ފެށުމުން ކުދިންނަށް އުނދަގޫތަކެއް ދިމާވިއެވެ. ކިޔެވުމުގެ ތެރެއަށް ވަންނަން އުނދަގޫވިއެވެ. އެކަން ބޮޑަށް ދިމާވީ ދަށް ގުރޭޑް ތަކުގެ ކުދިންނަށެވެ. ކިޔެވުން ކުރިއަށްދާ ވަރަކުން ކުދިން ހޭނި މިހާރު ކުދިން ވެސް ހިތްހަމަޖެހޭ ކަމަށް މަޒިއްޔާ ވިދާޅުވިއެވެ.

ކުދި އާބާދީތަކަށް، ރަށުގައި ތިބެގެން ކިޔަވަން ބޭނުންވާނަމަ ސެޓްލައިޓް ނިޒާމުގައި މައްސަލައެއް ނެތެވެ. އެއީ ފެންވަރު ރަނގަޅު ޓީޗަރުންގެ އެހީތެރިކަން އެ ދަރިވަރުންނަށް ލިބެމުން ދާނެތީއެވެ. އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މަޒިއްޔާ ފާހަގަކުރެއްވިއެވެ.
" އެއް ދުވަހުން އަނެއް ދުވަހަށް، އެއްޓާމުން އަނެއް ޓާމަށް ކުދިންނަށް އަންނަ ކުރިއެރުން ބެލެނިވެރިން ވެސް ފާހަގަކުރޭ. ސެކަންޑްރީ ގުރޭޑްތަކުގެ ކުދިން ފާހަގަ ކުރަނީ މާ ބޮޑު ދައްޗެއް ނެތް ކަމަށް" މަޒިއްޔާ ވިދާޅުވިއެވެ.
ދަރިވަރުންނަށް ކުރިއެރުން އަންނާތީ މަޒިއްޔާ ހުންނެވީ ހިނިތުން ވެލައިގެންނެވެ.
" ދަރިވަރުންނަށް އަންނަ ކުރިއެރުން އެންމެ ކައިރިން ފެންނަ މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ"

މަޒިއްޔާ ވިދާޅުވި ގޮތުގައި ސްޓްލައިޓް ސްކޫލްތަކުގައި ތަމްރީނުވެފައި ތިބި ޓީޗަރުން ތިބޭނަމަ މިހާރަށްވުރެ މާ ރަނގަޅަށް ދަރިވަރުންގެ ކުރިއެރުން ފެންނާނެއެވެ.
ދަރިވަރުންނަށް ކުރިއެރުން ހޯދައި ދިނުމަށް ގޫގުލް ކުލާސްރޫމް ބޭނުން ކުރުމުގައި ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރު ކުރަން ޖެހެއެވެ. ކުދިން މަސައްކަތް ނިންމި ނަމަވެސް ޓީޗަރުންނާ ހަމައަށް އެ މަސައްކަތް އައުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެއީ ދަރިވަރުންގެ މަސައްކަތްތައް އަފްލޯޑް ކުރުމުގައި ހުންނަ ދަތިތައް ކަމަށް މަޒިއްޔާ ފާހަގަކުރެއްވިއެވެ.

ސެޓްލައިޓް ސްކޫލުގެ ގުރޭޑް ދިހައެއްގައި އަށް ކުދިން ކިޔަވަމުން ދެއެވެ. އެއީ ބ. ފުޅަދުއާއި ފެންދޫގެ އިތުރުން ގއ. ކޮނޑޭ ސްކޫލުގެ ދަރިވަރުންނެވެ. އަންނަ އަހަރު އެ ދަރިވަރުން އޯލެވެލްގައި އިށީންނާނެއެވެ. އެއީ ސެޓްލައިޓް ސްކޫލުން ކިޔަވައިގެން އޯލެވެލްގައި އިށީންނާނެ ފުރަތަމަ ބެޗެވެ.

މަޒިއްޔާ ވިދާޅުވި ގޮތުގައި، ހުރަވީ ސްކޫލުގެ ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް އިތުރު ކުލާސްތައް ނަގައިދޭ ގޮތަށް، އިތުރު ކުލާސްތަކާއި، އިތުރަށް އެހީ ބޭނުންވާ ކުދިންނަށް ރީޗް ކުލާސް ވެސް ނަގައިދެއެވެ. ގުރޭޑް 10ގެ ދަރިވަރުން މާލެ ގެނެެސްގެން ސްޓަޑީ ކޭމްޕެއް މިހާރު ކުރިއަށް އެބަގެންދެއެވެ. އެއީ އޯލެވެލްގައި ރަނގަޅު ނަތިޖާއެއް ނެރެން ހުރަވީ ސްކޫލުން އަޅާ ބޮޑު ފިޔަވަޅެކެވެ. ބެލެނިވެރި ސްކޫލުގެ ހަތަރު ފާރުގެ ތެރެއިން ހޯދައިދޭ އިތުރު ފުރުޞަތެކެވެ. މަޒިއްޔާ ހުންނެވީ އެ ދަރިވަރުން އޯލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމަށް އުއްމީދު ކުރައްވައިގެންނެވެ.
advertisment
ހިޔާލު