ބާ އިމްތިޙާނުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި އެމްއެންޔޫގެ ހަތަރު ދަރިވަރުން

މިދިޔަ އޮކްޓޯބަރު މަހ،ު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ބާ އިމްތިޙާނުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ހަތަރު ދަރިވަރުން ހިމެނިއްޖެއެވެ. ޤައުމީ ޔުނިވަރސިޓީގެ އިތުރުން ދެން ހިމެނުނީ ޔުނިވަރސިޓީ އޮފް ރެޑިންގ އިން ލޯ ހަދާފައިވާ ދަރިވަރެކެވެ.

ބާ އިމްތިޙާނުން އެންމެ މޮޅު ފަސް ދަރިވަރުން

  • އިސްމާއިލް ޙާފިޘް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  • ފާތިމަތު ޝިނާޒާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  • އާޔަތު އަބްދުﷲ، ޔުނިވަރސިޓީ އޮފް ރެޑިންގ
  • ފާތިމަތު ނަޒާހާ، ނަޞީރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  • އާމިނަތު ސަމާޙާ، ނަޞީރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި ބާ އިމްތިޙާނުގައި 149 ދަރިވަރުން ބައިވެރިވި އިރު، އޭގެ ތެރެއިން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން 89 އިންސައްތަ ދަރިވަރުން ބައިވެރިވިއެވެ. 11 އިންސައްތައަކީ ބޭރުގެ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކެވެ.

މި އަހަރު ބޭއްވި އިމްތިޙާނުން ފާސްވީ 66 އިންސައްތަ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނި ގޮތުގައި، މިދިޔަ އަހަރު ވެސް އެވްރެޖް ނަތީޖާ އެންމެ ރަނގަޅީ ޤައުމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުން ހިންގާ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް ބްރިސްޓަލް ޕްރޮގްރާމުގެ ދަރިވަރުންނެއެވެ. 2022 ވަނަ އަހަރު އެންމެ މަތިން ފާސްވި ރޭޓް ހޯދާފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނެވެ. މި އަހަރު އެންމެ މަތީ ޕާސިންގ ރޭޓް ހޯދާފައި ވަނީ ވިލާ ކޮލެޖުން ހިންގާ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް ބްރިސްޓަލް ޕްރޮގްރާމުގެ ދަރިވަރުންނެއެވެ.

ބާ ކައުންސިލުން ބުނެފައި ވަނީ، 120 ސުވާލުގެ މައްޗަށް އެކުލަވާލާފައިވާ ބާ އިމްތިޙާނުގައި ހަ ދާއިރާއަކުން ބައިވެރިންގެ ކިބައިގައި ޤާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރި މިންވަރު ވަޒަންކުރެވިގެންދާނެ ކަމަށެވެ. އިމްތިޙާން ކުރެވޭ ދާއިރާތަކަކީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް. ކޮންސްޓިޓިޔުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *