ތިން ބާވަތެއްގެ ދަނޑުވެރިކަން ކުރާނެ ގޮތް ސ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ދަސްކޮށްދޭން ނިންމައި، އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ސ. އަތޮޅު މަދަރުސާއިން ބުނެފިއެވެ.
އެ މަދަރުސާގެ ދަރިވަރުން މިހާރު ވެސް އަންނަނީ ބިމުގައި ގަސްއިންދައި ހައްދަމުންނެވެ. އެ ސްކޫލުގެ ގޯތިތެރޭގައި އިންދި ގަސްތަކުގައި އެޅި ކިއުކަމްބާ ހުސްވި ހަފްތާގެ ތެރޭގައި ވަނީ ކަނޑާފައެވެ. ބީންސް ހުރީ ކަނޑާވަރަށް ހަރުވެފައެވެ.
ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ވިދާޅުވީ، ކޮވިޑްގެ ކުރިން އެ ސްކޫލުގައި ދަނޑުވެރިކަމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވުނު ކަމަށާއި ކޮވިޑްގެ ހާލަތުގައި އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު އަލުން ފަށައިގަތީ ކަމަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރަނީ އެ ސްކޫލުގެ އެގުރިކަލްޗަރ ކުލަބުގެ ދަރިވަރުންނެވެ. އެނޫން ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އެ ސްކޫލުން އޮންނަނީ ފަހިކޮށްދީފައެވެ.
ޒީނިޔާ ވިދާޅުވީ، ބިމުގައި ގަސްއިންދައިގެން ކުރާ ދަނޑުވެރިކަމުގެ އިތުރުން ފެނުގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ހައިޑްރޮޕޮނިކް ސިސްޓަމްތައް ވެސް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މި އަހަރު އެ ސްކޫލުގައި އެކުއަރ ޕޯނިކްސް ދަނޑުވެރިކަން ވެސް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

" ތިން ވައްތަރެއްގެ ދަނޑުވެރިކަމަށް އަޅުގަނޑުމެންގެ ދަރިވަރުން ތައްޔާރު މި ކުރަނީ" ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ އެކުއަޕޮނިކްސްއަށް ބޭނުންވާ ޕޮންޑް ތައްޔާރުކޮށް، އެ ޕޮންޑުގައި މަސް އާލާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ހުރީ ލިބިފައި ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރުމަށް ސ. އަތޮޅު މަދަރުސާގެ ގޯތިތެރޭގައި ވަކި ސަރަހައްދެއް ޚާއްޞަކޮށްފައި އޮވެއެވެ. އެތަނުގައި ގަސް އިންދުމުގެ މަސައްކަތް ކުރަނީ އެ ސްކޫލުގެ އެގުރިކަލްޗަރ ކުލަބުގެ ދަރިވަރުންނެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި، ސްކޫލުގެ ކުލަބު ހަރަކާތުގެ ގޮތުގައި ހިމަނައިގެން ދަރިވަރުން ދެ ގަޑިއިރު އެކަމަށް ހޭދަކުރެއެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި އެކުއަޕޯނިކްސް ތަޢާރަފު ކުރަނީ، ދަނޑުވެރިކަމުގެ ހުރިހާ ވައްތަރެއް ވެސް ދަރިވަރުންނަށް ކިޔައިދީ، އެއީ ޓެކްނޮލޮޖީއާއި ޒަމާނާއެކު ފަސޭހައިން ކުރެވޭނެ ކަމެއްކަން ދަރިވަރުންނަށް އަންގައި ދިނުމުގެ ގޮތުންނެވެ.
" ދަނޑުވެރިކަން ކުރެވޭނެ ތަފާތު ގޮތްތައް ދަރިވަރުންނަށް ދަސްކޮށް މި ދެނީ. މީގެ ސަބަބުން ދަނޑުވެރިކަމަށް ދަރިވަރުންގެ ޝަޢުޤު އުފައްދަން ބާރަކަށްވޭ" ޒީނިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑަށްފަހު، ދަނޑުވެރިކަމަށް ޝަޢުޤުވެރިވި ދަރިވަރުން މަދުވި ނަމަވެސް، ގަސްތައް ހެދެން ފަށައި ތަރުކާރީ އަޅަން ފެށީމާ ގިނަ ދަރިވަރުންގެ ޝަޢުޤުވެރިކަން އިތުރުވި ކަމަށެވެ. އެކަމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އަދަދު ވެސް އިތުރުވި ކަމަށެވެ.
advertisment
ހިޔާލު