"ފައްސިޔަ ފަރުވާ"ގެ ނަމުގައި ތެރަޕީގެ ޚިދުމަތް އިމާދުއްދީނުގައި ފަށައިފި

"ފައްސިޔަ ފަރުވާ"ގެ ނަމުގައި ތެރަޕީގެ ޚިދުމަތް އިމާދުއްދީން ސްކޫލުގައި މިއަދު ފަށައިފިއެވެ. މި ޚިދުމަތް އެ ސްކޫލުގައި ފައްޓަވައި ދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

ފައްސިޔަ ފަރުވާ" ތެރަޕީގެ ޚިދުމަތް ތަޢާރަފު ކުރުމަށްފަހު، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިމާދުއްދީނުން ގެންދަނީ މުޖްތަމައުގެ އެހީތެރިކަމަށް ބޭނުންވެފައިވާ، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަޅައިލައި އޯގާތެރި މުޖްތަމައެއް ބިނާކުރަން މަސައްކަތް ކުރަމުންނެވެ. އެ ސްކޫލުން ގެންގުޅޭ ޕޮޒިޓިވް ތިންކިންގ، އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ ހިތްވަރު ދެއްވާފައެވެ.

" ތިޔަ ބޭފުޅުން، އިމާދުއްދީނުގެ ޕޮޒިޓިވް ތިންކިންގއަކީ އެޑިޔުކޭޝަން ނިސްޓްރީއަށް ވެސް ލިބިގެންދާ ހިތްހަމަ ޖެހުމެއް. އެއީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ލިބިގެންދާ ޕްޒިޓިވް ތިންކިންގއެއް. އެގޮތުގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމަށް އުއްމީދު ކުރަން. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްދޭން ރާއްޖޭގައި ތިބީ ވަރަށް މަދުބައެއް. މި ދާއިރާއިން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ހުނަރާއި ތަޖުރިބާ ރާއްޖޭގެ އެހެން ސްކޫލްތަކަށް ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބޭނުން ވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަމާން ކަމާއި ރައްކާތެރި، އަދި ކިޔަވަން މަގުފަހިވެފައިވާ މާހައުލެއް ޤާއިމް ކުރެއްވުމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ހިމަނައިގެން، ދަރިވަރުންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ތެރަޕީގެ ޚިދުމަތް އިމާދުއްދީނުގައި ފެށީ އިންޑިޔާގެ "މައިޕީގޫ" ޕްރޮގްރާމްއާ ގުޅިގެންނެވެ. އިންޑިޔާގެ "މައިޕީގޫ" ޕޮރޮގްރާމްގެ ތެރެއިން " ފައްސިޔަ ފަރުވާ" ގެ ނަމުގައި އެ ސްކޫލަށް ބޭނުންވާ ގޮތަށް ފަރުމާ ކޮށްގެން ވަކި ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ.

" ތެރަޕިސްޓުންނާއި ކައުންސިލަރުން ރާއްޖެއިން ލިބޭކަށް ނެތް. އިތުބާރާއި ޔަގީން ކަމާއެކު އަޅުގަނޑުމެންގެ ކުދިންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތް މި ހޯދަނީ 175އަށްވުރެ ގިނަ ތެރަޕިސްޓުންނާއި ކައުންސިލަރުން ހިމެނޭ "މައިޕީގޫ" ޕްރޮގްރާމްގެ ތެރެއިން. ޕްރޮފެޝަނަލް އެހީތެރިކަން އެ ބޭފުޅުން އަޅުގަނޑުމެންނަށް ދޭނެ. ހުރިހާ ކަމެއް މެނޭޖްކޮށް ހިންގާނީ އަޅުގަނޑުމެންގެ ޓީޗަރުން" އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހް ވިދާޅުވިއެވެ.

ޕްރިންސިޕަލް މަމްދޫޙް ވިދާޅުވީ، ތެރަޕީއަކީ އެ ސްކޫލުގައި ކިޔަވާ ޚާއްޞަ އެހިއަށް ބޭނުންވާ ދަރިވަރުންނަށް އެކަނި ދޭ ޚިދުމަތެއް ނޫން ކަމަށާއި އެ ސްކޫލުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް އެތަނުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

" މެއިން ސްޓްރީމް ކުލާސްތަކުގައި، ގުރޭޑް 6،7 އަދި ގުރޭޑް އެކެއްގައި ވެސް އެބަތިބި ތެރަޕީ ބޭނުންވާ ދަރިވަރުން. އެ ދަރިވަރުންނަށް ތެރަޕީ ލިބިއްޖެނަމަ އެހެން ކުދިންނެކޭ އެއްގޮތަށް އެކުދިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ" މަމްދޫޙް ވިދާޅުވިއެވެ.

އިމާދުއްދީނުގައި ހުޅިވި ތެރަޕީ ރޫމުގެ މަރާމާތުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކުގައެވެ. ތެރަޕީ ދޭން ބޭނުންވާ ހުރިހާ ސާމާނެއް ހޯދާފައި ވަނީ ބީއެމްއެލްގެ އެހީތެރިކަމާ އެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *