ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމުގެ މުއްދަތު ހަމަވެފައިވާތީ އެ މަޤާމްތަކަށް މީހުން ހޯދަން އެ ޔުނިވަރސިޓީން އިއުލާން ކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީން އިއުލާން ކުރީ، ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑަމިކް އެފެއާޒު، ޑެޕިއުޓީ ވައިސް ޗާންސެލަރު އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭނސް، ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާރޗް އެންޑް އެންޓަރޕްރައިސްގެ މަޤަމަށެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ އެ މަގާމުގެ ޝަރުޠުތަކެއް ކަމަށް ބުނެފައި ވަނީ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތަކުގެ އޮނިގަނޑު ގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުމެވެ. ނޫނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 16 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުމެވެ.
ހިންގުމުގެ ދާއިރާގެ ތަޖުރިބާ ބެލާނީ، މަތީ ތަޢުލީމު ނުވަތަ ތަޢުލީމު ދޭ މުއައްސަސާއެއް ނުވަތަ އިދާރާއެއްގައި، ނުވަތަ ޔުނިވަރސިޓީން ޤަބޫލުކުރާ އެފަދަ އިދާރާއެއްގެ މަތީ ފަންތީގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތަކަށް ވެސް ޤައުމީ ޔުނިވަރސިޓީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
މި މަޤާމުތަކުގެ އަސާސީ މުސާރައަކީ 26،387 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކަށް 15،112 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސަކަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 409 ރުފިޔާ ލިބެއެވެ. އަދި ކޮމިއުނިކޭޝަން ޑިވައިސް އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ވެސް ލިބެއެވެ.
މި މަޤާމްތަކަށް އެދި ހުށަހަޅަން ޖެހެނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން https://tinyurl.com/MNU-HR-2023-234 މި ލިންކް މެދުވެރިކޮށެވެ.
ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑަމިކް އެފެއާޒުގެ މަޤާމުގައި ކުރިން ހުންނެވީ އައިޝަތު ޝާހީން އިސްމާއިލެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރު އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭނސްގައި ހުންނެވީ ހުސައިން ޙަލީމެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާރޗް އެންޑް އެންޓަރޕްރައިސްގެ މަޤާމުގައި ކުރިން ހުންނެވި ޑރ. ޢާއިޝަތު ޝެހެނާޒު އާދަމެވެ. ޑރ. ޝެހެނާޒަކީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރެވެ.
advertisment
ހިޔާލު