ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސް، ކުޅުދުއްފުށީގައި އޮންނަ ހޮނިހިރު ބާޒާރަށް ނެރުނުތާ ވިއްސަކަށް މިނެޓް ތެރޭގައި ވިކި ހުސްވެއްޖެއެވެ.
ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ ހޮނިހިރު ބާޒާރަށް ފުތަމަ ނެރުނު ބައި ހުސްވެގެން ދެ ވަނަ ފަހަރަށް ވެސް ލެޓިއުސް ގެންދަން ޖެހުނު ކަމަށެވެ.
ވެލްނެސް މެޓަރސްގެ ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގާއިމް ކުރި ހައިޑްރޯފޯނިކް ސިސްޓަމްގައި، ތިމާވެށި ކުލަބުގެ ދަރިވަރުން ހެއްދި 200 އެއްހާ ގަހުގެ ތެރެއިން ކެނޑި 174 ބޮނޑި ލެޓިއުސް ބާޒާރުގައި މިއަދު ވިއްކިއެވެ.
މަތީން ވިދާޅުވީ، ދަރިވަރުން ބާޒާރަށް ނުކުތް ފުރަތަމަ ދުވަހުގެ ތަޖުރިބާ ވަރަށް ކާމިޔާބު ކަމަށާއި ލެޓިއުސް ބޭނުން ވެގެން ކުޅުދުއްފުށީގެ ބައެއް ފިހާރަތަކުން ވެސް ގުޅި ކަމަށެވެ.

ލެޓިއުސް ވިއްކައިގެން ތިން ހާހެންހާ ރުފިޔާ ދަރިވަރުން ހޯދިއެވެ.
މަތީން ވިދާޅުވި ގޮތުގައި ލެޓިއުސް ގެންދިއުމުގެ ކުރިން އެ ބޭނުން ވެގެން ގިނަ ބަޔަކު އިންތިޒާރުގައި ވެސް ތިބި ކަމަށެވެ.
" ވަރަށް ބޮޑަށް އިސްތިހާރުވެފައި އޮތީ ލެޓިއުސް ވިއްކަން ދަރިވަރުން ބާޒާރަށް ދާނެކަން. އެހެންވެ ދަރިވަރުން ދިއުމުގެ ކުރިން ބައެއް މީހުން ތިބީ ބާޒާރަށް ގޮސް" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ދަނޑުވެރިކަމުގައި އެ ސްކޫލުގެ ދަރިވަރުން ކުރި ތަކުރިބާގެ އަލީގައި އިތުރު ހިތްވަރަކާއެކު އެ މަސައްކަތް ފުޅާކުރުމުގެ ވިސްނުން އެ ސްކޫލުން ގެންގުޅޭ ކަމަށެވެ. އޭގެ ޕްލޭންތަކެއް މިހާރު ހަދަމުންދާ ކަމަށް މަތީން ވިދާޅުވިއެވެ.
" ދަނޑުވެރިކަމަކީ ވަށާ ޖެހޭ ތަޢުލީމުގެ ތެރެއިން ސްކޫލްތަކުގައި ފުޅާކޮށް ކުރެވިދާނެ ކަމެއް" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ލެޓިއުސްގެ އިތުރުން މެލަން ފަދަ ބާވަތްތައް ހެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
" މިއީ ފެށުމެއް. ކުދިން ކުރި ތަޖުރިބާ ވެސް ރަނގަޅު. މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ މިސްރާބަކަށް އަޅުގަނޑުމެން ދާނީ" މަތީން ވިދާޅުވިއެވެ.
advertisment
ހިޔާލު