ތަޢުލީމީ ދާއިރާއަށް، މެދުނުކެނޑި 24 އަހަރު ޚިދުމަތް ކުރެއްވި ޚަދީޖާ ޙުސައިން ނިޔާވުމާ ގުޅިގެން ތަޢުލީމީ ވުޒާރާއިން ތަޢުޒިޔާ ދަންނަވައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ތަޢުޒިޔާގެ މެސުގައި ބުނެފައި ވަނީ ޙަދީޖާ ޙުސައިން ނިޔާވުމާ ގުޅިގެން ޙަދީޖާ ޙުސައިންގެ އާއިލާއަށް ތަޢުލީމީ ވުޒާރާއާއި އެ ވުޒާރާގެ އިސްވެރިންނާއި، އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
17 އޮކްޓޯބަރު 1999ގައި ސެކްރެޓަރީއެއްގެ ގޮތުގައި ތަޢުލީމީ ވުޒާރާއާ ގުޅިވަޑައިގެންނެވި ޚަދީޖާ، ތަޢުލީމީ ދާއިރާގައި މެދުނުކެނޑި މަސައްކަތް ކުރައްވާތާ 24 އަހަރުވެފައިވާ ކަމަށް އެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
ޚަދީޖާ އެންމެ ފަހުން މަސައްކަތް ކުރައްވަމުން ގެންދިޔައީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގެ އެސިސްޓެންޓް އިލަސްޓްރޭޓަރގެ މަޤާމުގައެވެ.
ޞިއްޙީ ފަރުވާއަކަށް ހައްޖަ ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ދާދި މިދާކަށް ދުވަހުއެވެ. އެދަތުރަށް ފުރާވަޑައިގަންނަވަންދެންވެސް އެން އައިއީން ޝާއިޢުކުރާ "ޤުރުއާން" މާއްދާގެ ފޮތްތަކުގެ ލޭއައުޓް ހެއްދެވުމުގެ މޭސްތިރިއަކީ ހައްޖައެވެ. ހައްޖަގެ ވަކިވެދިއުމުން އެން އައިއީ އަށް ލިބުނު ގެއްލުން ފޫބެއްދުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށް އެ އިންސްޓިޓިއުޓުން ފާހަގަކުރައްވާފައިވެއެވެ.
ޚަދީޖާއަކީ އެކީގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އިތުބާރާއި ލޯބި ހޯއްދެވި ބޭފުޅެއް ކަމަށާއި، ޙައްޖަގެ ވަކި ދިއުމަކީ މުޒާރާގެ އެންމެހައި މުވައްޒަފުންނާއި ތަޢުލީމީ ޢާއިލާއަށް ލިބުނު ފުންހިތާމައެއް ކަމުގައި، ތަޢުލީމީ ވުޒާރާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. " މި ހިތާމަވެރި ވަގުތުގައި މަރުޙޫމްގެ ފުރާނައަށް މާތް ﷲ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުއާކުރަމެވެ." އެ މެސެޖު ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު