ތާޖުއްދީނުގެ "ވެހިވާރު"ން ކިޔައިދިނީ މި ޖީލަށް ބީރައްޓެހި، ތަކެއްޗަށް ކިޔާނެ ދިވެހި ނަންތަކެވެ. " ވެހިވާރު" އަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހާއި ޘަޤާފަތަށް ލޯބި ޖެއްސުމަށްޓަކައި މިއަދުގެ މިޖީލަށް ބީރައްޓެހިވަމުންދާ ތަކެއްޗާއި އޭގެ ނަންތައް ދަސްކޮށްދިނުމަށް ގްރޭޑް 1ން 6ގެ ދަރިވަރުންނަށް ބޭއްވި ދިވެހި ކޭމްޕެކެވެ.
މި ކޭމްޕް ފައްޓަވައިދެއްވީ ދިވެހިބަހާއި ޤައުމިއްޔަތާއި ތަރިކައާ ބެހޭ ވަޒީރު އަލްފާޟިލް އާދަމް ނަސީރު އިބްރާހީމެވެ. މި ކޭމްޕް ފައްޓަވައި ދެއްވައި ވަޒީރު ވަނީ ދަރިވަރުންނާއި މުދައްރިސުންނަށް ތާރީޚާއި ޘަޤާފަތުގެ އިތުރުން ދިވެހި ބަހާ ބެހޭގޮތުން މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ.

"ވެހިވާރު" ކޭމްޕްގައި ހަ ގުރޭޑްގެ 30 ކުލާހުގައި ކިޔަވަމުންދާ 826 ދަރިވަރުން ބައިވެރިވިއެވެ.
ތާޖުއްދީނު ސްކޫލުގެ ލީޑިންގ ޓީޗަރު، އުލްފާ ފާއިޒު ވިދާޅުވީ ކޮންމެ ގުރޭޑަކުން ހުށަހަޅާ ދިނީ އެ ގުރޭޑެއްގައި ކިޔަވަން ޖެހޭ އެންމެ މުހިންމު ފިލާވަޅުތަކުގެ ތެރެއިން ކަނޑައެޅި ވަކި ތީމެކެވެ.
ގުރޭޑް އެކަކުން ހުށަހަޅާ ދިނީ ދިވެހިންގެ ދަނޑުވެރިކަމުގެ އުފެއްދުން ތަކެވެ. މި ބައިގައި ގެނެސްދިނީ ދިވެހިން އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކެވެ. ޗިޗަންޑާ، ބަރަބޯ، ތޮރާ ފަދަ ދަނޑުވެރި ކަމުގެ އެތައް ބާވްތަކެއް މި ބައިގެ ދަށުން ހުށަހަޅާދީފައިވެއެވެ. ގުރޭޑް ދޭއްގެ ދަރިވަރުން ހުށަހަޅާ ދިނީ ދިވެހިންގެ ރުކެވެ. މި ތީމުގެ ދަށުން ގެނެސްދީފައި ވަނީ ރުކުގެ ތަފާތު އުފެއްދުންތަކެވެ. ގުރޭޑް ތިނަކުން ގެނެސް ދިނީ ދިވެހިންގެ މަސައްކަތްތެރިކަމެވެ. ހަތަރުވަނަ ގުރޭޑުން ގެނެސްދިނީ ދިވެހިންގެ ކެއިންބުއިމެވެ. ފަސް ވަނަ ގުރޭޑުން ގެނެސްދިނީ ދިވެހިން ގެންގުޅޭ ހިފާ ގެންގުޅޭ ތަކެއްޗާއި ސާމާނެއެވެ. ގުރޭޑް ހަޔަކުން ހުށަހަޅާ ދިނީ އިހުގައި ދިވެހިން ތައުލީމު އުނގެނުނު ގޮތެވެ. އެކަމަށް ކުރި މަސައްކަތްތަކެއެވެ. މިއިން ކޮންމެ ތީމެއްގެ ދަށުން ތަކެތި ހުށަހަޅާދީފައި ވަނީ ކޮންމެ އެޗަކަށް ކިޔާނެ ދިވެހި ނަން ހިމަނައިގެންނެވެ.

އުލްފާ ވިދާޅުވި ގޮތުގައި ކޭމްޕްގައި ދައްކައިދިން ހުރިހާ ތަކެއްޗަކީ ވެސް ދުރާލާ ބެލެނިވެރިން ހޯދި ތަކެއްޗެވެ.
" ހަފްތާއެއްހާ ދުވަސް ހޭދަވި ތަކެތި ހޯދަން، ގިނައީ ރަށްރަށުން ހޯދައިގެން ގެނައި ތަކެތި" އުލްފާ ވިދާޅުވިއެވެ.
މިއީ މި އުމުރު ފުރައިގެ ދަރިވަރުންނަށް މިފަދަ ކޭމްޕެއް ތާޖުއްދީނުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

އުލްފާ ވިދާޅުވި ގޮތުގައި ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހި ޘަޤާފީ އުފެއްދުންތައް ދަރިވަރުންނަށް އަމަލީ ގޮތުން ދައްކައިދޭން ޖެހޭއިރު، ބައެއް ކަންތައްތަކަކީ މިހާރު ދަރިވަރުން އުޅެމުންދާ މާހައުލުގެ ތެރެއިން ފަސޭހައިން ދައްކައިދެވޭނެ ކަންތައްތަކެއް ނޫނެވެ. އެހެންވެ ދަރިވަރުންނަށް އެފަދަ ތަކެތި ދައްކުވައިދެވޭނީ މިފަދަ ހަރަކާތެއްގެ ތެރެއިން ކަމަށް އުލްފާ ވިދާޅުވިއެވެ.
" ޝަޢުޤުވެރިކަމާއެކު ދަރިވަރުން މިކޭމްޕްގައި ބައިވެރިވެ މައުލޫމާތު އެއްކުރީ. ކުލާހުގައި ކިޔާދޭއިރު ބައެއް ތަކެއްޗާއި އެ ތަކެއްޗަށް ކިޔާނެ ނަންތައް ބުންޏަސް ދަރިވަރުންނަށް ނަގައިނުގަނެވޭ. ލޮލަށް އެ މަންޒަރު ފެނުނީމާ ދަރިވަރުންނަށް ދަސްކުރާށާއި އެކަން ހަނދާނުގައި ބަހައްޓަން ފަސޭހައީ" އުލްފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދަރިވަރުންގެ ޝަޢުޤުވެރިކަމާއެކު ކުރިއަށް ގެންދަން، ދިވެހި ބަހާއި ޘަޤާފަތާ ގުޅުން ހުރި މުހިންމު ހަރަކާތްތަކެއް ކުރިއަށް ވެސް ރޭވިފައި އެބަހުރި ކަމަށެވެ.
advertisment
ހިޔާލު