ޑރ. ޝެހެނާޒުގެ އަމާޒަކީ ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ޤައުމީ ޔުނިވަރސިޓީ ހުޅުވާލެއްވުން

ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހުޅުވާލެއްވުމަކީ އެއީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ ޢާއިޝަތު ޝެހެނާޒު އާދަމްގެ ތަޞައްވަރެކެވެ.

ދަރިވަރު ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑރ. ޝެހެނާޒު ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީ، ބޭރު ދުނިޔެއަށް ހުޅުވާލެއްވުމުގެ ތަޞައްވުރެއް ގެންގުޅުއްވާ ކަމަށާއި ރާއްޖެއިން ބޭރުގެ ދަރިވަރުން ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުން ދާނަމަ އެތައް ފައިދާތަކެއް އެ ޔުނިވަރސިޓީއަށާއި ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ.

ޝެހެނާޒު ވިދާޅުވީ، އެ މިސްރާބަށް ދާއިރު ބޭރުގެ ދަރިވަރުންނަށް ތިބެވޭނެ އިންތިޒާމު ދަނާލެއްގެ ތެރެއިން ނަމަވެސް ހަމަޖެއްސިފައި ހުންނަންޖެހޭ ކަމަށާއި، އެފަދަ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.

" ބޭރުގެ ޤައުމުތަކުގެ ދަރިވަރުން ރާއްޖެއަށް ކިޔަވަން އައުމުން ގިނަ ފައިދާތަކެއް ކުރާނެ. ޚާއްޞަކޮށް ބޭރުގެ އެކި ޤައުމުތަކުގެ ދަރިވަރުންނާ އެކީގައި އަޅުގަނޑުމެންގެ ދަރިވަރުން ކިޔެވުމަކީ ގިނަ ތަޖުރިބާތަކެއް އެ ދަރިވަރުންނަށް ލިބި، އެކި ކަންކަމަށް ލޯ ހުޅުވި ކަންތައްތަކާ މެދު ވިސްނަން ލިބޭ ފުރުޞަތެއް" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޝެހެނާޒު ވިދާޅުވީ އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ " ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމް" ވެސް މިހާރަށްވުރެ ފުޅާކުރައްވާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ "ސަމަރ ސްކޫލް"އަކީ ރާއްޖޭގެ ތިމާވެއްޓާ ގުޅުން ހުރި ދިރާސާތައް ކުރުމަށް ބޭރުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް މިހާރު ވެސް ފަހިކޮށްދީފައިވާ ފުރުޞަތެކެވެ.

ޝެހެނާޒު ވިދާޅުވީ، އިނގިރޭސި ވިލާތުގެ ކިޔުއޭއޭއިން އެކްރެޑިޓް ކުރުމަކީ ވެސް ތަޢުލީމީ ގޮތުން ޤައުމީ ޔުނިވަރސިޓީ އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

" ކިއުއޭއޭއިން ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ލިބުމަކީ އެމްއެންޔޫއަށް ލިބުނުު ވަރަށް ބޮޑު ކާމިޔާބެއް. އަޅުގަނޑު ބޭނުން ވަނީ އެކަން އެހެން ހަރުފަތަކަށް ގެންދަން" ޔުނިވަރސިޓީގެ ފުރަތަމަ އަންހެން ވައިސް ޗާންސެލަރު، ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ ތަކާއި ކޯސްތައް ވެސް އެކްރެޓިޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

" މިހާރު ވެސް އެފްއެޗްޓީއެސް ވަނީ އެކްރެޑިޓް ކުރެވިފައި، ދެން ހުރި ފެކަލްޓީތަކާއި ކޯސްތައް ވެސް އެކްރިޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ޔުނިވަރސިޓީ އެހެން ހަރުފަތަކަށް ގެންދާނަން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ ޔުނިވަރސިޓީ އެހެން ލެވެލްއަކަށް ގެންދަން ދިރާސާ ކުރުމުގެ މަސައްކަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރަންޖެހޭ ކަމަށެވެ.

" އަޅުގަނޑުމެންގެ ތެރޭގައި ދިރާސާ ކުރުން މަދީ. އެކަމަށް މަސައްކަތް ކުރާ މުވައްޒަފުން ވެސް މަދީ. އަޅުގަނޑު ބޭނުންވަނީ ކޮންމެ މުވައްޒަފަކީ ވެސް ދިރާސާ ކުރާ މީހަކަށްވާން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިރާސާތަކުގެ އަލީގައި ކަންތައްތައް ކުރިއަށް ގެންދަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައިވާއިރު، އެ މަސައްކަތް ފުޅާކުރެވެން އޮތީ ޤައުމީ ޔުނިވަރސިޓީގެ ތެރެއިން ކަމަށެވެ.

" މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރާސާ ކުރަން މުވައްޒަފުންނާއި ދަރިވަރުންނަށް ވަގުތު ނުވާނަމަ އެކަމަށް ވެސް ގޮތްތަކެއް ވެސް ރާވާނަން" ދިރާސާ ކުރަން ބާރުއަޅުއްވަމުން ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން އަންނަނީ ދިރާސާތަކަށް ޚާއްސަ ކޮންފަރެންސްތައް ރާއްޖޭގައި ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *