ތާޖުއްދީނުގެ އިސްދަރިވަރުން ހިންގި ހަރަކާތުން 50،000 ރުފިޔާ ޣައްޒާ ފަންޑަށް

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ތާޖުއްދީން ސްކޫލުގެ ސްޓޫޑަންޓް ލީޑާރސް ކައުންސިލުގެ ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ފަންޑް ރެއިސިންގ ހަރަކާތުން ލިބުނު 50،000 ރުފިޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްފިއެވެ.

މިއީ ސްޓޫޑެންޓް ލީޑާރސް ކައުންސިލުގެ ދަރިވަރުން އިސްނަގައިގެން އެ ދަރިވަރުން އަމިއްލައަށް ކުރިއަށް ގެންދިޔަ ހަރަކާތަކުން އެއްކުރި ފައިސާއެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ސްކޫލް ކައުންސިލުގެ ދަރިވަރުން އެ ހަރަކާތް ހިންގަން ޕްރޮޕޯސަލެއް ހުށަހެޅި ކަމަށާއި އެ ޕްރޮޕޮސަލާ އެއްގޮތަށް އެ ހަރާކާތް ރާވާ އިންތިޒާމް ކުރީ ވެސް އެ ދަރިވަރުން އަމިއްލަ ކަމަށެވެ.

" ދަރިވަރުން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު އަޅުގަނޑުމެން އޮންނާނީ ހުޅުވާލާފައި. ހިންގަން ބޭނުންވާ ހަރަކާތެއްގެ ޕްރޮޕޯސަލް ހުށަހެޅީމާ އެ ޕްރޮޕޯސަލަށް ބަލާފައި ހުއްދަ ދެނީ" ޕްރިންސިޕަލް ފާތުން ވިދާޅުވިއެވެ.

ޣައްޒާއަށް އެހީވާން ދަރިވަރުންގެ އިސްނަގައި އެފަދަ ޕްރޮޕޯސަލެއް ހުށަހެޅުމަކީ އެއީ އެކަމާ ދޭތެރޭ އެ ދަރިވަރުން ވިސްނާ ކަމުގެ ހެއްކެއް ކަމަށް ފާތުން ދެކިވަޑައިގަންނަވައެވެ.

ފާތުން ވިދާޅުވީ ދަރިވަރުން އެއްކުރި ފައިސާއަކީ ދެ ހަފްތާއެއްހާ ދުވަހަށް ބެހެއްޓި ފަންޑް ފޮއްޓަށް ލިބުނު ފައިސާ ކަމަށެވެ.

" ހަމައެކަނި ފަންޑް ފޮއްޓެއް ބަހައްޓައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ. މި ހަރަކާތުގައި ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ދަރިވަރުންނަށް ލިބުނު" ފާތުން ވިދާޅުވިއެވެ.

ފާތުން ވިދާޅުވީ ޣައްޒާއާ ބެހޭ ފުރިހަމަ މައުލޫމާތު ދަރިވަރުންނަށް އެނގެންޖެހޭ ކަމަށާއި، ދަރިވަރުންނަށް، އުމުރާ އެކަށޭނެ މިންވަރަށް އެ މައުލޫމާތު ފޯރުކޮށް ދޭންޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން ވާނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާ ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި، ދަރިވަރުންނަށް އެ މައުލޫމާތު ދޭނެ ފޯރަމެއް ބާއްވައިދޭން" ފާތުން ވިދާޅުވިއެވެ.

ޔަހޫދީން ޣައްޒާއަށް ދިން ހަމަލާ ތަކުގައި ގިނަ އަދަދެއްގެ ކުދިން މަރުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *