ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލުގައި ތަރައްޤީ ކުރި ބެލެނިވެރިންގެ ހިޔާ ހުޅުވައިފިއެވެ.
މިލަންދޫ ސްކޫލުގެ އުތުރު ފަރާތުގައި ހެދި ބެލެނިވެރިންގެ ހިޔާ ރަސްމީކޮށް ހުޅުވީ އިއްޔެއެވެ.
މިލަންދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ދަރިން ބަލާ ސްކޫލަށްދާ ބެލެނިވެރިންނަށް ދެން އަވީގައި ތިބެން ނުޖެހޭނެ ކަމަށާއި އެ ހިޔާގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިލަންދޫ ކައުންސިލުން ބުނީ، ކޮންޓްރެކްޓް އުޞޫލުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހިޔާގެ މަސައްކަތް ނިންމާލީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށާއި އެކަމަށް 734،000 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އަދި އެތަން އެއް ފަހަރާ 200 މީހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.
600 އެއްހާ ދަރިވަރުން ކިޔަވަމުންދާ މިލަންދޫ ސްކޫލުގެ ބެލެނިވެރިންގެ ހިޔާގެ ޖާގަ އިތުރުކުރަން ޖެހިއްޖެނަމަ އިތުރު ހިޔާއެއް ހަދަން ވިސްނާނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
މިލަންދޫ ކައުންސިލުން ބުނީ ސްކޫލަށް ދިމާވާ ދަތިތައް ބަލައި ކައުންސިލަށް ކޮށްދެވެން ހުރި ކަންތައްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު