އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ސައިކޮލޮޖީ ދާއިރާގެ ކޯސްތައް ތަޢާރަފު ކުރައްވާނެ ކަމަށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، އައިޔޫއެމްގައި، އައިޓީ ދާއިރާއާއި ސައިކޮލޮޖީ ދާއިރާގެ ކޯސްތަކެއް މިހާރު ނެތް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޔުނިވަރސިޓީން ކިޔަވައިދޭ ކޯސްތައް އިތުރު ކުރާއިރު އެ ދެ ދާއިރާގެ ކޯސްތައް ފައްޓަވާނެ ކަމަށެވެ. އަދި އެކި އެކި ދާއިރާތަކަށް ހުޅުވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
އިސްލާމީ ޔުނިވަރސިޓީއެއްގައި ކިޔަވައިދޭ ކޮންމެ މާއްދާ އެއްވެސް ބިނާވެފައި އޮންނާނީ އިސްލާމިކް ކެންސެޕްޓަރ އެއްގޮތަށް ކަމަށާއި
އިންޓަރގުރޭޓެޑް ކޮށްގެން އިސްލާމީ ޝަރުއީ ތަޢުލީމާއި އެހެން ދުނިޔެވީ ތަޢުލީމާ އެއްކޮށް އަޅުގަނޑުމެންގެ މުޖްތަމައަށް ފައިދާހުރި ގޮތަކަށް ޕްރޮގްރާމްތައް ޑިވެލޮޕް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމިކް ސައިކޮލޮޖީގެ ޕްރޮގްރާމްތަކެއް ޔުނިވަރސިޓީގައި އޮންނަންޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ނަފްސާނީ ކަންތައްތައް ގިނަ ކަމަށާއި އެ ދާއިރާތަކަށް މީހުން އިތުރުކުރަން ޖެހޭ ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
" އަޅުގަނޑު ޤަބޫލުކުރަނީ ސައިކޮލޮޖީން ތަމްރީނުވާ މީހުން އިސްލާމީ ބެކްގްރައުންޑަކާ އެއްކޮށް ތަމްރީނު ވެއްޖިއްޔާ، އަޅުގަނޑުމެން ކަހަލަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ޕޭޝަންޓުންނަށް ފަރުވާކުރާއިރު ބޮޑު ތަނުން ހެޔޮ ބަދަލުތަކެއް ގެނެވޭނެ" ޑރ. އަލީ ޒާހިރު ރޭ ވިދާޅުވިއެވެ.
އައިޔޫއެމްއިން ބުނީ، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް 92 ޕްރޮގްރާމެއް ހިންގާއިރު އެންމެ ޑިމާންޑް ބޮޑީ ޤުރުއާނާއި އިސްލާމް ޓީޗަރުން ތަމްރީނު ކުރުމާއި އިމާމުން ތަމްރީނު ކުރުމުގެ ކޯސްތަކަށެވެ.
advertisment
ހިޔާލު