ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ޤާއިމުކުރަން އާ ސަރުކާގެ ސަތޭކަ ދުވަހުގެ މަގުޗާޓްގައި ހިމަނައިފިއެވެ.
14 ހަފްތާއަށް ދިގުދެމިގެންދާ މަގުޗާޓުގައި ފާހަގަކޮށްފައިވާ ގޮތުން ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ޤާއިމް ކުރުމުގެ މަސައްކަތް ފަށަން ތާވަލު ކޮށްފައި ވަނީ އެންމެ ފަހު ހަފުތާއަށެވެ. އެ ހަފުތާގައި އެ ކޮލެޖުގެ " ސިގްނޭޗަރ ރިސާޗް" ޕްރޮގްރާމްތައް އުފައްދައި، އޭގެ މުޤައްރަރުތައް އެކުލަވާލަން ވެސް ހިމަނާފައިވެއެވެ. އެ ކޮލެޖާބެހޭ ތަފްޞީލެއް މިހާތަނަށް ހަމާކޮށްފައެއް ނުވެއެވެ.
އިސްލާމްދީނާއި ޤައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ޓަކައި، ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ފަށަން ކަނޑައަޅާފައިވެއެވެ.
އޭގެ ކުރިން ހަތަރުވަނަ ހަފުތާގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫއުތައް އެކަށައަޅައި، އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ފަށަން ހިމަނާފައިވެއެވެ.
ތަޢުލީމާއި ތަމްރީނުގެ ދަށުން އެ މަގުޗާޓުގައި ވަނީ، ދިވެހި ޤައުމިއްޔަތު ކިޔަވައި ދިނުމަށް ވަކި މާއްދާއެއް ތަޢުލީމުގެ ޤައުމީ މަންހަޖުގައި ހިމަނަން ކަނޑައަޅާފައެވެ. އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ އާދަ އަލުން އަށަގެންނެވުމަށްޓަކައި ތަޢުލީމުގެ ޤައުމީ މަންހަޖަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ފަށަން ވެސް ހިމަނާފައިވެއެވެ.
ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާކުރުމުގެ މަޝްރޫއެއް ތަވާލު އެކުލަވާލައި ތަންފީޒުކުރަން ފެށުމާއި އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރަށް، ކުރެހުމާއި ފަންނުވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއްގެ އިތުރުން "ފެޝަން ޑިޒައިން" ގެ ދާއިރާއަށް ޚާއްޞަ ތަމްރީނުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން ވެސް އެ މަގުޗާޓުގައި ހިމަނާފައިވެއެވެ.
ތިމާވެށީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ އިތުރު ފުރުޞަތުތައް ޒުވާނުންނަށް ފަހިކޮށް ދިނުމުގެ ގޮތުން ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރުމާއި ޤައުމީ ފެންވަރުގެ "ރިސަރޗް ގްރާންޓް ފަންޑް"އެއް ޤާއިމް ކުރަން ވެސް ހިމަނާފައިވެއެވެ.
advertisment
ހިޔާލު