ޤުރުއާނާބެހޭ މަރުކަޒު މެދުވެރިކޮށް، މުޅި ރާއްޖެއަށް ޤުރުއާނުގެ އަޚްލާޤާއި ޢިލްމް ފުޅާކުރުމުގެ ޚާއްޞަ މަޝްރޫއެއް ފައްޓަވާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިވްސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު، ޑރ. ޝަހީމް ވިދާޅުވީ ޤުރުއާނުގައިވާ އަޚުލާޤަށް، މިއަދުގެ ޖީލަށް މިވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައި ކަމަށެވެ.
ވަޒީރު ވިދާޅުވީ، " އަޅުގަނޑު ބޭނުންވަނީ ޤުރުއާނާބެހޭ މަރުކަޒުން ޤުރުއާނުގައި ހުރި އިލްމީ ވާހަކަތަކާ އިޖްތިމާއީ ރަނގަޅު ސިފަތަކުގެ ވާހަކަ މުޖްތަމައަށް ގެންދަން. ޤުރުއާނުގެ ރިސާލަތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ޚާއްޞަ ޕްލޭނެއް އަޅުގަނޑުމެން އެކުލަވާލަން. އެ ޕްލޭން ޤުރުއާނާބެހޭ މަރުކަޒާ ހަވާލުކުރާނަން، މުޅި ރާއްޖޭގައި އެ ޕްލޭން ކުރިއަށް ގެންދިއުމަށް. ޤުރުއާނުގެ އަޚްލާގު އެބަޖެހޭ އަޅުގަނޑުމެންގެ ކިޔަވާކުދިންނާއި މުޖްތަމައަށް އަންނަން" ޖެހޭ ކަމަށެވެ.
ވަޒީރު، ޑރ. ޝަހީމް ވިދާޅުވީ " ޤުރުއާނަކީ ގަވާއިދުން ރީތިކޮށް ތަޖުވީދުން ކިޔާލާފައި ނިންމާލަންޖެހޭ އެއްޗެއް ނޫން ކަމަށާއި ޤުރުޢާނަކީ ވަރަށް ބޮޑު އިލްމެއް" ކަމަށެވެ.
އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޤުރުއާނުގައި މި ހުރީ ހަމައެކަނި އަޅުކަމާއި ޒަކާތާ ރޯދައާ މިކަންކަމާ ބެހޭ ވާހަކަތައް ކަމަށެވެ. " އިޤްތިޞާދުގެ ވާހަކައާއި އިޖްތިމާއީ، އަދާލަތުގެ ވާހަކަ، ސައިންސްގެ ވާހަކަ، ތިމާވެށީގެ ވާހަކަތައް ޤުރުއާނުގައި އެބަހުރި"ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
" ހުރިހާ ކަމެއް ތިމަންރަސްކަލާގެ ތަފްޞީލްކޮށްދެއްވީމޭ. ހުރިހާ ކަމަކަށް މަގުދައްކާ ފޮތެއްގެ ގޮތުގައޭ ޤުރުއާން ބާވައިލެއްވީ. އެހެންވީމާ އެ ޤުރުއާން އެބަޖެހޭ ކިޔަވާ ކުދިންނަށް މުޅި ސޮސައިޓީއާ ހަމައަށް ފޯރަން" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާނާ ބެހޭ މަރުކަޒުން ކޯސްތައް ހިންގުމުގެ ބަދަލުގައި އެތަނުން ޤުރުއާނާބެހޭ ދިރާސާތައް ކުރައްވައި އެ އާންމު ކުރައްވާނެ ކަމަށެވެ.
advertisment
ހިޔާލު