ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރިގެން ދިޔައީ މި އަހަރުގެ ތެރޭގައެވެ. މިވީ 50 އަހަރުގެ ތެރޭގައި ރާއްޖޭގައި މަތީ ތަޢުލީމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދިން މުއައްސަސާއަކީ ވެސް އެއީއެވެ. މިއަދު އެ މުއައްސަސާއިން ފޯރުކޮށްދޭ ތަޢުލީމަކީ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ، ދެ ފުށް ފުންނަ ނިޒާމެއްގެ ތެރެއިން ވަށައިޖެހޭ ގޮތެއްގައި ފޯރުކޮށްދެވޭ ތަޢުލީމެކެވެ.
ތިރީގައި މިވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފު ދަރިވަރު ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގެ މުހިންމު ބައިތަކެވެ.
ދަރިވަރުން ބާރުވެރިކޮށް، އެމީހުންގެ އަޑު އެހުން
ޑރ. ޝަރީފު ވިދާޅުވި ގޮތުގައި މިވީ ހަތަރު އަހަރުގެ ތެރޭގައި ވައިސް ޗާންސެލަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބަކީ ޤައުމީ ޔުނިވަރސިޓީގެ ކަންކަމުގައި ދަރިވަރުން ބާރުވެރިކުރުވުމާއި ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބައިނަލް އަޤްވާމީ ފެންވަރެއްގައި އެކްރެޑިޓް ކުރެވިފައިވާ މުއައްސަސާއަކަށް ޤައުމީ ޔުނިވަރސިޓީ ހެއްދެވުމެވެ.
ޝަރީފު ވިދާޅުވީ ޔުނިވަރސިޓީއެއްގައި ކިޔަވާ ދަރިވަރުން ބާރުވެރިކުރުވުމަކީ ޔުނިވަރސިޓީއަކުން ދަރިވަރުންނަށް ދެވޭ އެންމެ މުހިންމު އެއް ފިލާވަޅު ކަމަށެވެ.
" އަޅުގަނޑު ހަވާލުވިއިރު، ދަރިވަރުންގެ ބަހެއް، ދަރިވަރުން ދެކޭގޮތެއް، ދަރިވަރުންގެ ކައިރީގައި އަހައިގެންނެއް ނޫން ދަރިވަރުންނަށް ކަންތައްތައް ކޮށްދެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީއެއް ދަސްކޮށްދޭ ބަޔަކަށް އެއީ އެހާ ރަނގަޅު ގޮތެއް ނޫން. ޑިމޮކްރަސީއަކީ ޕޮލިޓިކަލް ފީލްޑަށްދާ މީހާއަށް އެކަނި އެނގެންޖެހޭ އެއްޗެއްނޫން" ޑރ. ޝަރީފު ވިދާޅުވިއެވެ.

" ތަނެއް ކުރިއަރާނީ ތަނުގެ ޚިދުމަތް ލިބޭ މީހުން ދެކޭގޮތް އަޑުއަހައިގެން. އެ މީހުން ދައްކާ ވާހަކަތަކަށް ބިނާކޮށް ކަންތައްތައް ރަނގަޅު ކޮށްގެން"
ޝަރީފު ވިދާޅުވީ މިހާރު ކޮންމެ ފެކަލްޓީއެއްގައި " ފެކަލްޓީ ޕެނަލެއް" އޮންނާނެ ކަމަށާއި ކޮންމެ ކޯހެއްގައި އުޅޭ އިސް ދަރިވަރަށް ޑީންއާ ބައްދަލުކޮށް ޔުނިވަރސިޓީން މި ދެވޭ ތަޢުލީމީ ތަޖުރިބާތަކުގައި އެ ދަރިވަރުން ބޭނުންވާ ކަންތައްތަކާއި، މިކަމުގައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ. ކޮންމެ ސެމިސްޓަރއެއްގައި މަދުވެގެން ތިން ފަހަރު މި ޕެނަލް ބައްދަލުކުރާނެ ކަމަށާއި އެ ގޮތަށް މުޅި ޔުނިވަރސިޓީގައި ސެންޓްރަލް ލެވެލްއެއްގައި ޔުނިވަރސިޓީގެ އިސް ވެރިންނާ ހަމައަށް އެ ވާހަކަތައް، ހުށަހަޅާނެ ކަމަށެވެ.
" ދަރިވަރުންގެ ވާހަކަތައް އަޑުއަހާލީމާ އެނގޭނީ ބައެއް ކަންތައްތައް އަދި ވެސް ރަނގަޅު ކުރެވިދާނެކަން. އަދި ދަނީ ރަނގަޅަކަށް ނޫންކަން. އިސްލާހު ކުރަންޖެހޭކަން. މިވެނިކަމެއް ދަރިވަރުންނަށް ފޯރުކޮށް ދޭންޖެހޭކަން. މިވެނި ކަމެއް މިއަށްވުރެ މާ ރަނގަޅަށް ކޮށްދެވޭނެ ގޮތްތައް އެބަހުރިކަން"

ޑރ. ޝަރީފު ވިދާޅުވީ ސިސްޓަމެއްގެ ތެރެއިން ދާއިރު، ހުރިހާ ކަމަކީ ވަގުތުން ވަގުތައް ހައްލު ކުރެވޭނެ ކަންތައްތައް ނޫން ނަމަވެސް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރެއްވޭނެ ކަމަށެވެ. އަދި އެނާ ފާހަގަކުރެއްވި ގޮތުގައި އެކަންތައްތައް ޔުނިވަރސިޓީއިން ރަނަގަޅު ކުރަން މަސައްކަތް ކުރާކަން ދަރިވަރުންނަށް އެނގުން ވެސް މުހިންމު ކަމަށެވެ.
އެކްރެޑިޓްކޮށް ދެފުށް ފެންނަ ނިޒާމެއް
އިންޓަރނޭޝަނަލް ކޮލިޓީ ރިވިއު (އައިކިއުއާރް) ނިންމައި، ކިއުއޭއޭއިން ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންވަނީ މިހާރު ހޯދާފައެވެ. މިއީ ރާއްޖޭގެ ޔުނިވަރސިޓީއަކަށް މިފަދަ ދަރަޖައެއް ލިބުނު ފުރަތަމަ ފަހަރެވެ. މިކަން ކުރެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޑރ. ޝަރީފެވެ.
ޝަރީފު ދެކެވަޑައިގަންނަވާ ގޮތުގައި މި ފަދަ ރިވިއުއެއް ކުރަން މާ ލަސްވެއްޖެއެވެ.
ޝަރީފު ވިދާޅުވީ ޤައުމީ ޔުނިވަރސިޓީ، ބޭރުގެ ޔުނިވަރސިޓީއަކުން ނޫނީ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފެންވަރު ކަށަވަރުކުރާ އިދާރާއަކުން އެކްރެޑިޓް ކުރުމުގެ ވިސްނުން ފެއްޓެވީ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލުގެ ތެރޭގައި ވެސް ތައުލީމުގެ ފެންވަރާ މެދު ސުވާލު އުފައްދާ އަދި ޔުނިވަރސިޓީގެ ފެންވަރު ކަށަވަރު ކުރުމުގައި ބޭރުގެ ޔުނިވަރސިޓީތަކާ އަޅާ ކިޔާ ސުވާލު އުފައްދަން ފެށުމުންނެވެ.

" އެވާހަކަ ގިނައިން ދައްކަނީ ޔުނިވަރސިޓީން ބޭރުން ކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން. އެ ބޭފުޅުންނަކީ މިތަނުން {ޤައުމީ ޔުނިވަރސިޓީން} ކިޔަވައި ވިދާޅުވި ނޫނީ މަސައްކަތް ކުރެއްވި ބޭފުޅުންނެއް ނޫން. އެހެންވެ އެ ބޭފުޅުންނަށް ޔުނިވަރސިޓީގައި ކިޔެވައިދިނުމާއި އެހެން ޚިދުމަތްތަކުގެ ކަންތައްތައް ދާ ގޮތެއް އަޅުގަނޑުމެންގެ އެތެރޭގެ މީހުންނަށް އެނގޭ މިންވަރަށް ސާފުނުވުން އެކަށީގެންވޭ. މިކަމުން ދޭހަވި ކަމަކީ ޔުނިވަރސިޓީން ބޭރުގެ ފަރާތްތަކަށް ޔުނިވަރސިޓީގެ ކަންކަން ކުރެވޭ އުޞޫލުތައް އެނގެން އެބަޖެހެއޭ، އަދި އެކަން މިންކުރުމަށް އެންމެން ބަލައިގަންނާނެ މިންތަކެއް ނުވަތަ ސްޓޭންޑަރޑްތަކެއް އެބަ ބޭނުންވެއޭ"
ޝަރީފު ވިދާޅުވިގޮތުގައި އެކްރެޑިޓް ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު، އެކަން ކުރައްވާނެ ގޮތުގެ މަޝްވަރާ ގިނަ ބޭފުޅުންނާ ކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި އެހާ އޯޕަންކޮށް އެކަން ކުރާކަށް ފެނިވަޑައިނުގަންނަވައެވެ.
" އަޅުގަނޑުގެ ނަޒަރުގައި ޔުނިވަރސިޓީފަދަ ތަންތަނަކީ ދެފުށް ފެންނަންޖެހޭ ތަންތަން. އެ ފުރުޞަތު ވީހާވެސް ފުޅާކޮށް އޮންނަންޖެހޭނެ ކަމަށް ދެކުނީ. ހުރިހާ ކަމެއް ލިޔެކިޔުންތަކުން އޮންނަން ބޭނުންވީ" ޑރ. ޝަރީފު ވިދާޅުވިއެވެ.
" އެއިރުއްސުރެ އޮޑިޓެއް ކުރުމުގެ މުހިންމުކަން ބޮޑުވެފައި އޮތީ. އޭރުން އަޅުގަނޑުމެންނަށް ރަނގަޅަށް ކުރެވޭ ކަންތައްތަކާއި ގޯސްކޮށް ކުރެވޭ ކަންތައްތައް އަދި އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތައް އެނގޭނީ. އެކަންކަން ފެނުނީމާ އެނގޭނީ އެކަން އެ އޮތީ އަދި ރަނގަޅަކަށް ނޫނޭ ތިއަށްވުރެ ރަނގަޅު ކުރެވޭނެއޭ. ނޫނީ ތިކަން އަދި ނުކުރެވޭކަން އެނގެނީ އޭރުން"

ޝަރީފު ވިދާޅުވީ މިފަދަ ގޮތަކަށް ޓްރާންސްޕޭރަންޓްކަން އެކަން ނުކޮށް ފޮރުވައިގެން ތިބެން ބޭނުން ނަމަ ތިއްބެވޭނެ ކަމަށެވެ. އެކަމަކު އެއީ ޔުނިވަރސިޓީ މަތީ ލެވެލްއަށް ގެންދާކަށް ރަނގަޅު ގޮތެއްނޫން ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.
" ޔުނިވަރސިޓީ މިހާރު އޮތް ލެވެލްއިން އެހެން ލެވެލްއަކަށް ގެންދެވޭނީ ރަނގަޅަށް ހުރި ކަންކަން ފާހަގަކުރުމާއެކު ކޯސްކޮށް ހުރި ކަންކަން ވެސް ފާހަގަކޮށްގެން. އަދި އިސްލާހުކުރަން ހުރި ކަންތައްތައް ވެސް ބަލައިގަނެގެން. މިފަދަ ގޮތަކަށް ހުރި ކަންކަން ފާހަގަ ކުރަން ޖެހޭނީ މިތަނުގެ ތެރެއަކުން ނޫން. ރަނގަޅު ގޮތުގައި މިކަން ކުރުމަށްޓަކައި މިތަނާ ގުޅުމެއް ނެތް އެހެން އިންޑިޕެންޑަންޓް ބައެއް ލައްވައި އެކަން މި ކުރީ"
މުސާރައިގެ ކުރިއެރުން އެއީ މުއައްޒަފުންގެ ކުރިއެރުމާއި ތަރައްގީއައްޓަކައި ކޮށްދެވުނު މުހިންމު ކަމެއް
ޑރ. ޝަރީފު ވިދާޅުވީ 2011 ވަނަ އަހަރު ޔުނިވަރސިޓީ އުފައްދާފައި، އޭރު މުސާރައަށް ގެނައި ބަދަލުގެ ފަހުން މުސާރައަށް ބަދަލެއް ގެނައީ ދާދިފަހުންނެވެ. އެ ދިޔަ މުއްދަތުގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް މުވައްޒަފުންނަށް ލިބެމުންދިޔަ ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. މިހެން ކަމުން ވައިސް ޗާންސެލަރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި އެއް މަސައްކަތަކީ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައިގެ ކުރިއެރުން ހޯއްދަވައި ދެއްވުން ކަމަށް ޑރ. ޝަރީފު ވިދާޅުވިއެވެ.

ޑރ. ޝަރީފު ވިދާޅުވީ މުސާރައިގެ ކަންތައްތައް ޔުނިވަރސިޓީގެ ކައުންސިލުން ނިންމޭނެ ކަމަށް ބައެއް ބޭފުޅުން ވާހަކަ ދެއްކެވިކަމަށެވެ. ނަމަވެސް ކައުންސިލުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަޒަރުގައ އޭރުވެސް ޔުނިވަރސިޓީގެ މުވައްޒަފުންނަށް ދެމުން ގެންދިޔައީ އެހެން ތަންތަނާ އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެކެވެ.
ކައުންސިލުގެ ބޭފުޅުންނަށް އެގޮތަށް ގަބޫލުކުރެއްވޭއިރު ކައުންސިލުގެ ތެރެއިން އެކަން ކުރިއަށް ގެންދެވެން ނެތް ކަމަށް ޝަރީފު ދެކެވަޑައިގެންނެވިއެވެ. އަދި ކައުންސިލުން މުސާރައަށް ބަދަލު ގެންނަން ނިންމެވި ނަމަވެސް އެކަން ކުރެވޭނީ ސަރުކާރުން ޔުނިވަރސިޓީއަށް ކަނޑައަޅާ ބަޖެޓްގެ މިންވަރުން ކަމަށް ވާތީ އެކަމަކީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ނޫނީ ކުރެވޭނެ ކަމެއްނޫން ކަމަށް ޑރ. ޝަރީފު ވިދާޅުވިއެވެ.
" އަޅުގަނޑަށް ފެނުނީ އެކަމުގެ ކަންބޮޑުވުން ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ހަމައަށް ގެންދަން. ރައީސްއަށް ދެންނެވީމާ ވިދާޅުވީ ޕޭ ކޮމިޝަނުން ގޮތްތަކެއް ނިންމައިގެން ގެނައީމާ އެކަން ކޮށްދޭނެ ވާހަކަ. ނަމަވެސް އެކަން ވާން އަޅުގަނޑު ބޭނުންވި ވަރަށްވުރެ މާ ގިނަ ދުވަސް ނެގި."

މުވައްޒަފުންނަކީ މަސައްކަތަށް ކަމޭހިތާ ބަޔަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ
ޑރ. ޝަރީފު ކުރައްވަން ބޭނުންފުޅުވެ ނުވި ކަމެއްގެ ގޮތުގައި ވަރަށް މުހިންމު ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުންނާއި ދާރިސުންގެ ޕްރޮފެޝަނިޒަމް ހަރުދަނާކުރުމެވެ. މިފަދަ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ބައެއް ބޭފުޅުންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ފެނިވަޑައިނުގަންނަވާކަމީ ސީރިއަސް ކަމެއްގެ ގޮތުގައި ޑރ. ޝަރީފު ފާހަގަކުރެއްވިއެވެ.

" މުޅި މުޖްތަމައުގައި އޮތް ސަގާފަތެއް މީ، ވީމާ އެއީ ކުރަން އެހާ ފަސޭހަކަމެއް ނޫން. ގިނަ ފަހަރު ވަޒީފާއަކަށް ނުކުމެ މުސާރަ ހަލާލޭ ބުނާވަރަށް މަސައްކަތް ކުރާތަން ފެންނަނީ މަދު ފަރާތްތަކެއްގެ ކިބައިން. މިހެން ވަނީ ވުޒާރާތަކުގައި ޕާމޯރމަންސް ބެލެހެއްޓޭނެ ނިޒާމު އެހާ ވަރުގަދަ ނޫންވީމާ. އެއީ ސިވިލްސާވިސްއަށް ވިޔަސް އަޅުގަނޑުމެންގެ މުއައްސަސާއަށް ވިޔަސް އެހެން ވުޒާރާއަކަށް ވިޔަސް، ހިތާމައަކީ މުވައްޒަފުންނަކީ ޕްރޮފެޝަނަލް މީހުންގެ ގޮތުގައި މުޖްތަމައުއަކަށް ގިނަ ފަހަރު ނުއެއް ދެއްކޭ" ޑރ. ޝަރީފު ވިދާޅުވިއެވެ.

" މި މަރުކަޒަކީ އެކަން ކުރެވޭނެ ފުރަތަމަ ތަނަށް ވާނެ. އެއީ މިތަނަކީ ރަނގަޅަށް ކިޔަވައިގެން ތިބި މޮޅު މީހުން ތިބި ތަނެއް. އެމީހުންގެ މައިންޑް ސެޓް އެހެން މީހުންނާ އަޅާބަލާއިރު މިފަދަ އެދެވޭ ގޮތަކަށް ބަދަލުކޮށްލުމަކީ ފަސޭހަ ކަމަކަށްވާނެ" ޑރ. ޝަރީފު ވިދާޅުވީ، ދަރިވަރުންނާއި ދާރިސުންނާ ދެމެދު ހަރުދަނާ، އިތުރުބާރު ކުރެވޭ އަދި އެއްބައިވަންތަ ގުޅުމެއް އޮންނާންޖެހޭ ކަމަށެވެ. ދާރިސުން ދަރިވަރުން ދައްކާ ވާހަކަ އަޑުއަހަންޖެހޭ ކަމަށެވެ.
" ބައެއް ބޭފުޅުންނަށް ހީވަނީ ކުދިންނާ ގާތްކޮށް ރަނގަޅަށް މުއާމަލާތް ކުރުމަކީ ދަށްވުމެކޭ. އެ ކުދިން ދައްކާ ވާހަކަ ޤަބޫލު ކުރުމަކީ ތިމާގެ ފެންވަރު ދަށްވުމޭ. ހަޤީޤަތުގައި އެއީ ދަށްވުމެއްނޫން. ދަރިވަރުގެ ވާހަކަ އަޑުއެހީމާ އެނގޭނެ އެކުދިންނަށް އުނގެނުމުގައި މިއަދުގެ ހާލަތުގައި އެންމެ ބޭނުންވާކަންކަން. މިކަންކަން އަޅުގަނޑުމެންނަށް ބީރައްޓެހި ކަމަކަށް ވެދާނެ މި ބުނާ ޖެނެރޭޝަނަލް ގެޕާއާ ހެދި. ނަމަވެސް އަޅުގަނޑުމެންގެ ޒިންމާއެއް އެފަދަ ކަންކަން ދަރިވަރުން ފާހަގަކުރީމާ އެކަން އެއީ ކިޔެވުމަށް މަގުފަހިވާ ކަންކަން ނަމަ، އަދި ޔުނިވަރސިޓީން ކުރެވޭނޭ ކަންކަންނަމަ އެކަންކަން ކުރުން" ދަރިވަރުން ބާރުވެރިކޮށް ދަރިވަރުންނަށް ކޮށްދެވުނު ކަންތައްތަކާ މެދު ޑރ. ޝަރީފު ހިތްހަމަޖެހިވަޑައިގަންނަވައެވެ.

" ކިޔަވައިދޭ ދާރިސް، ކަމަށް ކަމޭހިތާކަން، ގަޑިއަށް ފަރުވާތެރިވާކަން، ތިމަންނާމެންގެ ކޯސް ވާރކް ވަގުތަށް މާކްކުރާކަން. ކުދިންގެ އަޑުއަހާކަން. މި ހުރިހާ ކަމަކުން ދަރިވަރުން ދާރިސް ޖަޖްކުރާނީ"
ޔުނިވަރސިޓީގެ ތެރެއިން މުވައްޒަފުންނަކީ މަސައްކަތަށް ކަމޭހިތާ ބަޔަކަށް އެންމެންވެސް ބަދަލުވެއްޖެނަމަ މުޅި ގައުމުގައި ވެސް އެކަން ބަދަލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޑރ. ޝަރީފު ގަބޫލުކުރައްވައެވެ.
" އެއީ މިތަނުންތާ މި ރާއްޖޭގެ ގިނަ ކުދިން ތަމްރީނު ވެގެންދާނީ" ޑރ ޝަރީފު ވިދާޅުވިއެވެ.
ކުރިއަށް އޮތީ އުމްރާނީ ތަރައްޤީގެ ބޮޑު ބަދަލެއް
އުމްރާނީ ތަރައްޤީގެ ބޮޑު މަސައްކަތެއް ޢަމަލީ ގޮތުން މި ވަގުތު ފައްޓަވާފައި ނެތް ނަމަވެސް އެކަން ކުރަން ގިނަ މަސައްކަތްތަކަކަށް މިހާރު ހުރީ މަގު ކޮށްޓަވާފައެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޑރ. ޝަރީފު ފާހަގަކުރެއްވީ ހުޅުމާލޭގައި އަޅާ މެޑިކަލް ސްކޫލެވެ. އެ ސްކޫލަށް ބޭނުންވާ ބިން މިހާރު ވަނީ ގަނެފައެވެ. އަތޮޅު ތެރޭގައި ހުރި ކެމްޕަސްތައް ހިންގަން އިމާރާތް އަޅާނެ ބިންތައް އޮތީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އައްޑޫއާއި ފުވައްމުލަކާއި ލ. ގަމާއި ޅ. ހިންނަވަރު ހިމެނެއެވެ.

ޝަރީފު ޤަބޫލުކުރައްވާ ގޮތުގައި ޔުނިވަރސިޓީއަށް ލިބިވަޑައިގެންނެވި ރީތިނަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައި ކުރަންޖެހެއެވެ. އެއީ ކަމެއް ޙާޞިލްކުރުމަށްވުރެ އެކަމެއް ދަމަހައްޓަން އުނދަގޫވާނެތީއެވެ. އެއީ އެ މަގާމަށް އާ ބޭފުޅަކު ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާއިރު، އެ ބޭފުޅެއްގެ އެންމެ ބޮޑު މަސައްކަތެވެ.
" އަޅުގަނޑުގެ ޙަޔާތުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވުނު ތަން މިއީ. މާދަމާ ވަކިވެގެން ދާއިރު ވެސް އަޅުގަނޑަށް އޮތީ ކަންތައްތަކެއް ހާސިލު ކުރުވެނު ކަމުގެ އިހުސާސް" ވައިސް ޗާންސެލަރު ކަމުގައި ހޭދަކުރެއްވި ހަތަރު އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ގޮތުން ޑރ. ވިދާޅުވިއެވެ.
advertisment
ހިޔާލު