ގުރައިދޫ ސްކޫލުގެ ހުރިހާ ކުލާސްރޫމެއް އެރަށު ކައުންސިލުން އޭސީ ކޮށްދީފި

ކ. ގުރައިދޫ ސްކޫލުގެ ހުރިހާ ކުލާސްރޫމެއް އޭސީކޮށްފިއެވެ. އޭސީ ކޮށްފައި ހުންނަ ކުލާސްރޫމްތަކުގައި ކިޔަވައި ދެނީ ރާއްޖޭގެ މަދު ސްކޫލެއްގައެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުޙައްމަދު ވިދާޅުވީ އެރަށު ސްކޫލްގެ އުމްރާނީ ހާލަތު ވަރަށް ދަށް ކަމަށާއި، ކައުންސިލުގެ އިސްނެންގެވުމުގެ މަތިން ބޮޑެތި މަރާމާތު ތަކެއް ފާއިތުވި ހަތަރު ހަފްތާތެރޭގައިކޮށްފައިވާ ކަމަށެވެ. އެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ސާދަ ކުލާސްރޫމް އޭސީކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކައުންސިލުގެ އިސްނެންގެވުމާއެކު އެރަށުގެ ތައުލީމަށާއި ސްކޫލަށް ބޭނުންވާ އެތައް ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

" ފަސް އަހަރެއްހާ ދުވަސް ވެއްޖެ ސްކޫލުގެ މަރާމާތުގެ މަސައްކަތެއް ކުރިއަށް ނުގެންދާތާ. އެހެންވެ ސްކޫލްގެ ހާލަތު ވަރަށް ދަށުގައި އޮތީ. ކައުންސިލުން ހެދި ސާވޭއަކަށްފަހު ދަރިވަރުންނަށް އުނގެނެން ފަސޭހަ މާހައުލަކަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައީ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސްކޫލުގައި ކުލަލައި، " ވޯކް ވޭ" އާކޮށް، ހޫނުން ސަލާމަތް ވުމަށް ދާ ވެސް މިހާރު ދަމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބަދަލުތައް ގެންނަން ހަތަރު ލައްކަ ރުފިޔާ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށެވެ.

" ސްކޫލުގެ ކިޔެވުން ކުރިއަށް ދާއިރު މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަން ވަރަށް އުނދަގޫ. އުނދަގުލުން ނަމަވެސް ހަތަރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ފަހަރު ކުރަން ކަނޑައެޅި ހުރިހާ މަސައްކަތެއް ނިންމައި ލެވިއްޖެ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެރަށު ކައުންސިލުން އެންމެ އިސްކަމެއް ދެނީ ތަޢުލީމަށާއި ސިއްޙަތަށް ކަމަށެވެ. އަންނަ އަހަރު ވެސް ބަޖެޓްގައި ހިމަނައިގެން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫ ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *