"ފަލަސްޠީނުގެ ވިންދު"ގެ ނަމުގައި ހިރާ ސްކޫލުން ބޭއްވި މައުރަޒުގައި ފަލަސްޠީނުގެ ހާލަތާއި އެކުދިންގެ ޝުޢޫރުތައް ކިޔައިދިނީ ކުރެހުންތަކުންނެވެ. ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި މައުރަޒުގައި އެ ސްކޫލުގެ ޕްރައިމަރީ އަދި ސެކަންޑްރީ ގުރޭޑް ތަކުގެ 206 އެއްހާ ދަރިވަރުންނާއި އެ ސްކޫލުގެ އިސްދަރިވަރުން ބައިވެރިވިއެވެ.
" އަޅުގަނޑުމެން މިތިބީ ކައިގެން ބޮއިގެން، އެކުދިން ކާނެ އެއްޗެއް ބޯނެއް އެއްޗެއް ނެތް. އަޅުގަނޑުމެން މިތިބީ ފެންވަރައި ރީތިވެގެން، އެކުދިން ތިބީ ލެޔާއި ދަލާއި ހިރަފުހުން ތަތްތެޅިފައި. ޔާ ﷲ އެކުދިން ރައްކާތެރި ކުރައްވާންދޭއެވެ." ހިރާ ސްކޫލުން އާންމު ކުރި ވީޑިއޯގައި އެ ސްކޫލްގެ ދަރިވަރަކު ކުރެހި ކުރެހުމުގެ ކައިރީގައި ހުރެ ޝުއޫރު ފާޅުކުރަމުން ބުންޏެވެ.

މި މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ފަލަސްޠީނާއި ޣައްޒާގެ ހާލަތު ދަރިވަރުންނަށް ކިޔައިދިން ކަމަށް ހިރާ ސްކޫލުން ބުނެއެވެ. އޭގެ ފަހުން ފަލަސްޠީނާ ގުޅޭ ގޮތުން އެކުދިންގެ ޝުއޫރުތައް ފާޅުކޮށް ކުރެހުންތައް ތައްޔާރު ކުރުމަށް ފުރުޞަތު ދިނެވެ. ފަލަސްޠީނުގެ އެހާރާއި މިހާރުގެ ހާލަތު ދައްކައިދޭ ކުރެހުންތަކާއި ދިދަ ފަދަ ތަކެތި ވިއްކައިގެން އެ ދަރިވަރުން ފައިސާ އެއްކުރީ ފަލަސްޠީނުގައިހާލުގައި ޖެހިފައިވާ އެންމެގައި ފަރާތްތަކަށް އެހީވުމަށް މުޅި ރާއްޖޭގައި ހިންގާ ހަރަކާތުގައި ވެސް ބައިވެރިވުމުގެ ގޮތުންނެވެ.

ހިރާ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންގެ ކުރެހުންތައް ބައިވެރިކޮށްގެން މައުރަޒެއް ބޭއްވީ ފަލަސްޠީނަށް އެހީވުމުގައި އެ ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ގޮތަށެވެ. އެ ދަރިވަރުންގެ އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެ ދަރިވަރުންނަށް އަންގައި ދިނުމަކީ އެ މައުރަޒުގެ އެންމެ މުހިންމު ބޭނުން ކަމަށް ސިތާރާ ފާހަގަކުރެއްވިއެވެ.

"ފަލަސްޠީނުގެ އެހާރާއި މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް މި ހަރަކާތުން ދަރިވަރުންނަށް އެނގިގެންދިޔަ. އަދި އެކުދިން އެ މަސައްކަތް ކުރީ ކުރާހިތުން ކުރަން ބޭނުންވެގެން، އެހާމެ ޝަޢުޤުވެރިކަމާއެކު" ސިތާރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައުރަޒު އިންތިޒާމް ކޮށްފައި ވަނީ ދަރިވަރުންގެ އިތުރުން މައުރަޒަށް ޒިޔާރާތްކުރި ހުރިހާ ފަރާތްތަކަށް ވެސް އެ މައުލޫމާތު ފަސޭހައިން ފެންނާނެ ގޮތަށެވެ.
އައްޑޫސިޓީގައި ހުންނަ ހިރާ ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގަމުން ގެންދާ، ފައުންޑޭޝަން ސޭޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
advertisment
ހިޔާލު