ދަރުމަވަންތަ ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ދަރިވަރުން ހިމެނޭހެން 52 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ އާއި ޑެޕިއުޓީ އޮފް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އިއްޒުއްދިން ސްކޫލާއި، ދަރުމަވަންތަ ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ..
އޮކްޓޫބަރު 28 އިން ނޮވެމްބަރު 2 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
advertisment
ހިޔާލު