ނާއިބްރައީސް ފައިސަލްގެ ހަޔާތްޕުޅުން ދަރިވަރުންނަށް ފިލާވަޅެއް: އުނގެނުމަކީ ކޮންމެ މީހެއްގެ ފުށުންވެސް އެމީހަކަށް ނޭނގޭ އެއްޗެއް ދަސްވުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސްގައި، ނާއިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން އެމަނިކުފާނުގެ ހަޔާތްޕުޅުން ގިނަގުނަ ފިލާވަޅުތަކެއް، ކިޔަވައި އެންމެހައި ދަރިވަރުންނަށް ދެއްވައިފިއެވެ.

އިއްޔެ މެންދުރު، ޤައުމީ ޔުނިވަރސިޓީގައި ވާހަކަ ދައްކަވަމުން ނައިބުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްޞީލީގޮތެއްގައި ޙިއްޞާވެސް ކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތް އީޕީއެސް ސްކޫލުން ފެއްޓެވިއިރު، މާލޭގައި ކުލީ ކޮޓަރިއެއްގައި އުޅުއްވީ ބޭބެއާއެކުގައި ކަމަށާއި އޭރު އުމުރުން އެންމެ 12 އަހަރު ކަމަށެވެ. އޯލެވެލް ނިންމާފައި މަސައްކަތުގެ މައިދާނަށް ނުކުންނެވީ އުމުރުން އެންމެ 18 އަހަރުގައި ކަމަށާއި އޭރުގެ ޢަޒުމަކަށްވީ އަމިއްލަ މަސައްކަތުން ކުރިއަށް ވަޑައިގަންނަވާށެވެ.

" އޭރު ބޭނުންވީ އިތުރު ބުރައެއް މައިންބަފައިންނަށް ނުޖައްސައި އަމިއްލަ މަސައްކަތުން ކުރިއަށް ދާން. އޭރު ވިސްނީ މަސައްކަތް ކޮށްގެން ލާރިހޯދާނީއޭ ކިޔަވަންވެސް ކިޔަވާނީއޭ"

އޭރުވެސް މަސައްކަތުގެ ދާއިރާއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް އޮތް ކަމަށް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

އެކަން އެގޮތަށް މެދުވެރިވި ސަބަބެއްކަމަށް ވިދާޅުވީ، ބޯޓް ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޭނާގެ ބައްޕަ އެނޫން އެތައް މަސައްކަތެއް ކުރެއްވިއިރު އެންމެ ކައިރީގައި ގެންޅުއްވީ އޭނާ ކަމަށް ވާތީ ކަމަށެވެ.

" އަޅުގަނޑު ކުޑައިރު، ބައްޕަ މަސައްކަތުގައި އުޅުއްވީ އަޅުގަނޑު ގޮވައިގެން، އެއީ ޝައުގުއުފެދެން ދިމާވި ސަބަބެއް" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ލިބުނު ފުރުޞަތެއްގައި އޭރު ހަދަމުން ދިޔަ ރިސޯޓެއްގެ މަސައްކަތަށް ވަޑައިގެންނެވީ އެއްޗެއް އެނގިވަޑައިގެން ނޫން ކަމަށެވެ. މަސައްކަތް ކުރެއްވުމުގެ ޝަޢުޤުވެރުކަމާއި ކަންތައްތައް ދަސްކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.

ރިސޯޓަށް ފުރުވާލައްވަމުން ބައްޕަ ވިދާޅުވީ ބަސްފުޅުގެ މަތިން މިހާރުވެސް ފައިސަލް ހަނދާން އެބަހުއްޓެވެ.

" ފުރުވާލަމުން ބައްޕަ ވިދާޅުވީ އެނބުރި ނާންނާށޭ" މީގެ 32 އަހަރުގެ ކުރީގެ އެ ހަނދާންތައް ފައިސަލް އައު ކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އެމަނިކުފާނު އޭރު ނުކުންނެވީ ކޮންމެ ފަދަ މާހައުލެއް އެތަނެއްގައި އޮތް ނަމަވެސް މަސައްކަތް ކުރުމުގެ ރޫޙްގައި ކަމަށެވެ. މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމުގައި ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އެ ރިސޯޓްގައި އޭނާ ނުކުރައްވާ މަސައްކަތެއް ނެތް ކަމަށެވެ. ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްތާއި ސާފްކުރުމާއި ރާނާ ސިމެންތިޖެހުމާއި ވަޑާންކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

" އަޅުގަނޑު ވަރަށް އުފާވޭ އެކި ވިސްނުމުގެ އެކި ޤައުމުތަކުގެ މީހުންނާއެކީ މަސައްކަތް ކުރެވުމުން"

ފައިސަލް ވިދާޅުވީ އެ ރިސޯޓްގައި މަސައްކަތް ކުރެއްވީ އެތަނުގެ ސެކަންޑް އިންޗާޖެއްގެ ގޮތުން ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން ކަމަށެވެ.

" މިހާރު ހުންނެވި ގޮތަށް ދެވަނަ މީހާގެ ގޮތުގައި ހުރުމަކީ ވަރަށް ފަރިތަ ކަމެއް. ވަރަށް ފަސޭހަކަމެއް. އަބަދުވެސް މީހެއްގެ އިރުޝާދު ލިބިގެން ކަންތައްތައް ކުރަންވީމާ އެއީ އަދި އާދަޔާ ޚިލާފުކަމެއް" ނާއިބް ރައީސްގެ މަގާމަށް ވެސް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކިޔެވުމަށް ވަކި ވަގުތެއް ވަކި ތަނެއް ވެސް ނޯންނަ ކަމަށެވެ.

" އަބަދުވެސް ދަސްކުރަން ބޭނުންވަނީ. އަޅުގަނޑު ބުނަން ބޭނުމެއް ނުވޭ ނޭނގޭއޭ"  ރިސޯގެ ފުރަތަމަ ތަޖުރިބާތައް ހިއްސާ ކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

" ބެލީ އެތަނުގައި ސާފުކުރަން ހުންނަ މީހާކައިރިން ވެސް އެއްޗެއް ދަސްކުރެވޭތޯ. ކޮންމެ މީހެއްގެ ފަރާތުން ވެސް އަޅުގަނޑަށް ކޮންއެއްޗެއްތޯއޭ ދަސްކުރެވޭނީ"

ކިޔަވައި ކުދިންނަށް ފައިސަލް ދެއްވި އަނެއް މެސެޖަކީ، މަސައްކަތުގެ މާހައުލުގައި ގުޅިގެން އުޅުމާއި އެކަކު އަނެކަކަށް އޮންނަންޖެހޭނެ އިހްތިރާމް ދެމެހެއްޓުމުގެ މުހިންމު ކަމެވެ.

ފައިސަލް ވިދާޅުވީ މަގާމެއްގައި މީހަކު ހުރީއޭ ކިޔާފައި އިޙްތިރާމެއް ނުކުރާނެ ކަމަށާއި އެކަން އެ މަގާމެއްގައި ހުންނަ މީހާ ވެސް ދަންނަން ވާނެ ކަމަށެވެ.

" ލޯތްބަކީ ހޯދާއެއްޗެއް. ގަދަބާރުން ހޯދޭނެ އެއްޗެއްނޫން. ފިހާރަތަކުގައި ހުންނާނީ ގަންނަ އެއްޗެތި. ލާރި ހުރި ކޮންމެ މީހަކަށް އެ ގަނެވޭނެ. ލޯބި ވިއްކާކަށް ނުހުންނާނެ. އިޙްތިރާމް ވިއްކާކަށް ނުހުންނާނެ. ތެދުވެރިކަން ވިއްކާކަށ ނުހުންނާނެ. ވަފާތެރިކަން ވިއްކާކަށް ނުހުންނާނެ. ހުންނަނަމަ ހުރިހާއެންމެންގެ އަތުގައި ވެސް ހުންނާނެ. އޯވަ ނައިޓަކުން ވެސް ލިބޭއެއްޗެއް ނޫން މިއީކީ"

ނާއިބް ރައީސް އެދިވަޑައިގަތީ އެކަން ކުރުމަށް އެންމެ ކުޑައިރުއްސުރެ ނާސަރީން ފެށިގެން ކުރިއަށްދާނެ ގޯލްތަކެއް ކަނޑައަޅައި އެ މަގަށް މަސައްކަތް ކުރުމަށެވެ.

" ވަރަށް ކުލިއަރ ގޯލްތަކެއް ހުންނަންޖެހޭނީ. އެ ޓާގެޓަށް މަސައްކަތް ކުރަންޖެހޭނީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *