ތައުލީމީ ދާއިރާއަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކުގެ ތެރޭގައި ދެ ޖިންސް ވަކިކޮށް، ކިޔަވައިދޭ ވަގުތު އިތުރުކުރަންޖެހޭ ކަމަށް ޤައުމީ ޔުނިވަރސިޓީގެ ޗާންސަލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.
ޑރ. ހަސަން ވަނީ ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލެއްކަމަށް ފެނިވަޑައިގަންނަވާ ގޮތް އޭނާގެ ބްލޮގްގައި ތަފްޞީލު ގޮތެއްގައި ލިޔުއްވާފައެވެ.
އެ ލިޔުއްވުމުގައި ހަސަން އިޝާރާތް ކުރައްވާފައިވަނީ މި ފެށޭ ރިޔާސީ ދައުރުގައި ތަޢުލީމީ ދާއިރާއަށް ގެނެވިދާނެ އިސްލާޙްތަކާ ގުޅޭ ގޮތުންނެވެ.
ތައުލީމީ ދާއިރާގައި ފަންނީ ފެންވަރެއްގައި ޑރ. ހަސަން މަސައްކަތް ކުރއްވާތާ 40 އަހަރު ވެއްޖެއެވެ.
ޑރ. ހަސަންގެ ތަޖުރިބާގެ މައްޗަށް ބުރަވެ ލިޔުއްވާފައި ވަނީ އެ ބަދަލުތަކެއްގެ ސަބަބުން، ތަޢުލީމީ ދާއިރާއަށް ދެމެހެއްޓެނިވި ހެޔޮ އަސަރުތަކެއް ކުރާނޭކަމަށް ފެނިވަޑައިގަންނަވާ ކަންކަމެވެ. އެބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކުރައްވާފައި ވަނީ ދެ ޖިންސަށް ވަކިން ކިޔަވައިދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
ޑރ. ހަސަން ވިދާޅުވީ ދެ ޖިންސަށް ވަކިން ކިޔަވައިދިނުމުގެ ފައިދާ ކިތަންމެ ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ނަތީޖާތައް ވެސް މާ ބޮޑަށް ރަނަގަޅު ކަމަށެވެ. ހާވާޑް ޔުނިވަރސިޓީގެ ހޯދުންގެ ހޯދުންތަކުގެ އިތުރުން އިތުރު އެތައް ދިރާސާތަކުން އެކަން ފާހަގަކުރެއްވޭ ކަމަށާއި މަތީ ތަޢުލީމީ ނަތީޖާ 10 އިންސައްތައަށް އިތުރުވާ ކަމަށް ވެސް ޑރ. ވިދާޅުވެފައިވެއެވެ.

ޗައިނާއަކީ މަދްރަސީ ތަޢުލީމުގައި މިހާރު އެންމެ ކުރީގައިވާ ޤައުމު ކަމަށާއި، އެ ޤައުމުގައި ވެސް، ޖިންސް ވަކިން ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތައް ގިނަވަމުން އަންނަ ކަމަށާއި ސްރީ ލަންކާގެ އެންމެ މަޝްހޫރު ހުރިހާ މަދަރުސާއަކީ ޖިންސް ވަކީން ކިޔަވައިދޭ މަދަރުސާތައް ކަމަށް ހަސަން ލިޔުއްވާފައިވެއެވެ.
" އަޅުގަނޑުގެ ނަޒަރުގައި، އާބާދީ ބައިބޯ ރަށްރަށުގައި، ވެވެން އޮތް މިންވަރަކުން އެއް ޖިންސްގެ މަދަރުސާތައް ޤާއިމްކުރުމަކީ، ދަރިވަރުންނަށާއި ޤައުމަށް، ޚާއްޞަކޮށް އަންހެންކުދީންނަށް ވަރަށް ބޮޑު މަންފާއެއް ކުރާނޭ ކަމެއްކަން ޔަޤީން އެވެ. މިކަން އެންމެ ފުރަތަމަ ފަށަންވީ މަޖީދިއްޔާ އާއި އަމީނިއްޔާ އެއް ޖިންސްގެ މަދުރަސާއަށް އަލުން ބަދަލުކޮށްގެންނެވެ."
ޑރ. ހަސަން ދިވާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ ނިސްބަތުން ޗުއްޓީ އެންމެ ގިނަ، ވަޒީފާ އަދާކުރާ މުއްދަތު އެންމެ ކުރު ޤައުމު ކަމަށެވެ. މިކަމުގެ ނަތީޖާއަކީ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު އެހެން ޤައުމުތަކާ އަޅާ ބަލާއިރު މާ ބޮޑަށް މަދުވުމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކަލަންޑަރުގައި 2023/2024 ގެ ދިރާސީ ކަލަންޑަރުގައި 201 ދުވަސް ޓާމު ދުވަސްވަރުކަމަށް ފާހަގަކޮށްފައި އޮތަސް، ޙަޤީޤަތުގައި އަހަރުގެ ތެރޭގައި އެތައް ދުވަހެއް އެކި ސަބަބުތަކާ ހުރެ ބަންދުކުރެއެވެ. އަދި އެ ކަލަންޑަރުގައި ފާހަގަކޮށްފައިވާ އެތައް ދުވަހަކީ ކިޔަވައިދޭ ދުވަސްތަކެއް ނޫނެވެ. އިމްތިޙާނު އޮންނަ ދުވަސްތަކާއި އިމްތިޙާނަށް ފަހު ނުކިޔަވައިދޭ ދުވަސްތައް ކިޔަވައިދޭ ދުވަސްތަކުގެ ގޮތަކު ނުހިމަނާކަމަށް ވެސް ޑރ. ވިދާޅުވެފައިވެއެވެ.
ކިޔަވައިދޭ މުއްދަތު ދިގުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިވިލް ސާވިސްގެ މަސައްކަތު ގަޑިކަމަށާއި އެކަންކަން އިޞްލާޙްކުރެވޭނީ ވަޒީފާއާ ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެނެސްގެންނެވެ.
" މި ޤާނޫނަކީ ރާއްޖޭގެ ޕްރޮޑަކްޓިވިޓީ ނުވަތަ މަސައްކަތްތެރީންގެ އުފެއްދުންތެރިކަން ދަށްކުރި ޤާނޫނެކެވެ. ރާއްޖޭގައި ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތުކުރުމަށާއި މޮޅުވުމަށް ބޭނުންނަމަ، އަޅުގަނޑުމެން ކުދީންނަށް ކިޔަވައިދޭންޖެހޭ ގަޑި އިތުރުކުރަން ޖެހެއެވެ. މިކަން ނުކުރާނަމަ، އެއް ދަންފަޅިއަށް ހިންގާ މަދަރުސާތައް ބިނާކުރުމުގެ ބޭނުމެއް ނެތެވެ" ޑރ. ހަސަން ލިޔުއްވާފައިވެއެވެ.
އަހަރީ ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ވެސް ޑރ. ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ކުރަންޖެހޭ ކަމެކެވެ.
ގިނަ ބެލެނިވެރީން އަހަރީ ޗުއްޓީ ބޭނުންވަނީ ޖުލައި މަހުކަމަށް ބުނާ ބުނުމަކީ ބަރުދަން ހުރި ދިރާސާއެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫން ކަމަށް ޑރ. ހަސަން ލިޔުއްވާފައިވެއެވެ.
ދިރާސީ އަހަރު ޖުލައި މަހު ފެށޭގޮތަށް ހަމަޖެއްސި މައިގަނޑު ސަބަބަކީ، ރިޒޯޓްތަކުގެ މުވައްޒަފުން އެދޭތީކަމަށް ބުނާ ބުނުމަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ 94000 މަދަރުސާ ދަރިވަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދަރިވަރުންގެ ބެލެނިވެރީންނަކީ ރިޒޯޓްތަކުގެ ވަޒީފާގައި އުޅޭ ފަރާތްތަކެއް ނޫނެއެވެ. މިކަން ޔަޤީންވަނީ މި ދަރިވަރުންގެ ތެރެއިން %40 ދަރިވަރުންނަކީ މާލޭގައި ކިޔަވާ ދަރިވަރުންނަށް ވާތީއެވެ. މާލޭގެ ވަރަށް މަދު ބެލެނިވެރިޔަކު ނޫނީ ރިޒޯޓް ވަޒީފާގައެއް ނޫޅޭނެތީއެވެ.
" މަދު ބަޔަކު އެދޭ ގޮތަށް، މަންފާކުޑަ ގޮތަކަށް މުޅި ނިޒާމު ގުޑުވާލުމަކީ ޙިކްމަތްތެރި ކަމެއް ނޫނެވެ". ޑރ. ހަސަން ލޔުއްވާފައިވެއެވެ.

ޑރ. ހސަން ވިދާޅުވި ގޮތުގައި ކުރިން އޮތްގޮތަށް ޗުއްޓީގެ ކަންތައްތައް މިހާރު ނިންމޭނީ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރީންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އެއިރުން ގިނަ ބަޔަކު އެދޭ ގޮތް ހާމަވެގެން ދާނެއެވެ. ވޯޓުގެ ނަތީޖާ ގިނަ ބޭފުޅުންނަށް މިހާރުވެސް އަންދާޒާކުރެއްވޭނެއެވެ.
ރާއްޖޭގެ މަދަރުސާތަކުގައި މިހާރު މިއޮންނަ ދެ ޓާމުގެ ބަދަލުގައި ތިން ޓާމަށް ބެހުމަކީ ދަރިވަރުންނަށް މަންފާ ކުރާނޭ ކަމަށްވެސް ޑރ. ވިދާޅުވެފައިވެއެވެ.
" އެއީ ދުވަސް ދުވަސް ކޮޅުން ގަހަކަށް ކާދުއެޅުމުން އެއަށް ކުރާ މަންފާ ބޮޑެވާނެތީ"
ޑރ. ހސަން ވިދާޅުވެފައިވަނީ، ސްރީ ލަންކާ އާއި އިންޑިއާ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތުގެ މަދަރުސާތަކުގެ ދިރާސީ އަހަރު އޮންނަނީ ތިން ޓާމަށް ބަހާފައި ކަމަށާއި އޮސްޓްރޭލިއާ އާއި ނިޔު ޒީލަންޑްގެ ދިރާސީ އަހަރުގައި އޮންނަނީ ހަތަރު ޓާމަށް ބަހާފައިކަމަށެވެ. ދިރާސީ އަހަރު ދެ ޓާމަށް ބެހުމަކީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކަންކުރާ ކަމެއްކަން ބަޔާން ކުރައްވައި ޑރ. ހަސަން ވިދާޅުވީ، ޔުނިވަރސިޓީތަކުގައި އެއް ޓާމެއްގައި ކިޔަވައިދޭ އެއްޗަކުން ޖެހިގެން އަންނަ ޓާމަކު ސުވާލެއް ނާންނާނެ ކަމަށެވެ. މަދަރުސާތަކުގައި ދެތިން އަހަރުން ކިޔަވައިދޭ އެއްޗެތި ވެސް ހަނދާންކުރަން ޖޭހޭކަމަށްވާއިރު، ނިހާއީ އިމްތިޙާނުގައި އެތަކެތީން ސުވާލު އަންނާނެތީ ޔުނިވަރސިޓީ ތަޢުލީމު ބައްޓަން ކުރާގޮތަށް، މަދްރަސީ ތަޢުލީމު ބައްޓަން ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ އަމިއްލަ އިމްތިޙާނެއްގެ މުހިންމު ކަމުގެ މައްޗަށް ވެސް ޑރ. ހަސަންގެ ލިޔުއްވުމުގައި އަލިއަޅުވާލައްވާފައިވެއެވެ.
ޑރ. ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ދޭ އިމްތިޙާނުތައް ވެސް މަޑުމަޑުން އެސް.އެސް.ސީ. އިމްތިޙާނަށް ބަދަލުކުރަން ވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަރިވަރުންގެ ފެންވަރު ދަށެއް ނުވާނެއެވެ. އެއީ، ހުރިހާ ދާއިރާތަކުން ވަރަށް ފެންވަރު ރަނގަޅު އިމްތިޙާނުތައް އެކުލަވައިލާ ހިންގޭނޭ ފަރާތްތައް ރާއްޖޭގައި އެބަތިއްބެވެ. ބެލެނިވެރީންގެ ތެރެއިން އޯލެވެލް ފެންވަރުގެ ބޭރުގެ އިމްތިޙާނުތަކުގައި ދަރިވަރުން ބައިވެރިކުރަން ބޭނުންވާ މީހުން، އެމީހުންގެ އަމިއްލަ ފައިސާގައި ބޭރުގެ އިމްތިޙާނުތަކުގައި ބައިވެރިކުރާނީއެވެ. މިގޮތަށް ބަދަލުކުރުމުން، އިމްތިޙާނުތައް ރާއްޖޭގެ ވެއްޓާ ގުޅުވުމާއި، ރާއްޖޭގެ ދިރާސީ ކަލަންޑަރާ އެންމެ ގުޅޭގޮތަށް އިމްތިޙާނު ތަކުގެ ފޯވަހި ތަރުތީބުކުރެވުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
މަދްރަސީ ތަޢުލީމުން ދަރިވަރުންނަށް ކުރާ މަންފާ ބޮޑުކުރުމަށް، ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ އެވެ؟https://t.co/fMqByot0ul
— Hassan Hameed (@hsn_hameed) October 22, 2023
ތައުލީމީ ވުޒާރާއަށް ވެސް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ޑރ. ހަސަން ދެކެވަޑައިގަންނަވައެވެ.
ތަޢުލީމީ ވުޒާރާގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނައުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ، އެ ވުޒާރާގެ އެކި ގުނަވަންތައް އަލުން ތަރުތީބުކުރުމެވެ. މީގެ 15 އަހަރު ކުރީގެ ގިޔުގަނޑެއްގެ ދަށުން ހިނގަމުންދާ އެ ވުޒާރާއަށް އައު ރޯޝަންކަމެއް ގެންނަން، އެކަން ކުރަން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޑރ. ހަސަން ދެކެވަޑައިގަންނަވައެވެ.
" ކުރީ އަހަރުތަކުގެ މައްސަލަތަކަށް ހައްލުހޯދަން އެކުލަވައިލި ގިޔުގަނޑެއް މިހާރުގެ މައްސަލަތައް ހައްލުކުރަން އެކަށީގެންނެއް ނުވާނެއެވެ. މިހާރުގެ މައްސަލަތަކަކީ ތަފާތު މައްސަލަތަކެކެވެ. 1980 ގެ އަހަރުތަކުން ފަށައިގެން އެކުލަވައިލި ވުޒާރާގެ އޮނިގަނޑަށް އެންމެ ބޮޑު ބަދަލެއް އައީ ރައީސް ވަޙީދުގެ ދައުރުގައި، ”ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު“ އުވާލުމާ ގުޅިގެންނެވެ. އެ ފަހުން މިވީ 11 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ، މަންހަޖު ނުވަތަ ކަރިކިޔުލަމް ގެ ފަންނީ މަސައްކަތްތައް ހީނަރު ވެފައި ވާކަމެވެ. ބޮޑެތި މީހުންގެ ތަޢުލީމު ނުވަތަ ނުރަސްމީ ތަޢުލީމު ވަޅުޖެހިފައިވާ ކަމެވެ. މި މަސައްކަތްތަކަކީ އެކަމަށް ކުރިން ޚާއްޞަ އިދާރާތައް ހުރި ކަންކަމެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިންގަޕޫރުގައި ”ކަރިކިޔުލަމް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް އޮފް ސިންގަޕޯރ“ ހުންނަ ހެން، ރާއްޖޭގެ މަންހަޖަށް ފޯކަސްކޮށްގެން ވަކި އިދާރާއެއް ޤާއިމްކުރުމަކީ ކޮންމެހެން ކުރަން ވެއްޖެ ކަމެކެވެ."
advertisment
ހިޔާލު