ކޮންމެ އަހަރަކު ވެސް ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް އއ. މާޅޮހު ސްކޫލުގައި ފާހަގަކުރެއެވެ. ހުރިހާ ޓީޗަރުންނަށް ޚާއްޞަކޮށްގެން ހެނދުނުގެ ނާސްތާއެއް އެ ދުވަހު ބޭއްވުމަކީ އެ ސްކޫލުގެ އާދައެކެވެ. ކުރީ އަހަރުތަކާ ޚިލާފަށް މި އަހަރު ބޭއްވި ހެދުނުގެ ނާސްތާ ހުރިހާ ގޮތަކުން ވެސް ތަފާތެވެ.
އެދުވަހުގެ ހެނދުނުގެ ނާސްތާގައި ހިމެނި ހުރިހާ ބާވަތްތަކެއް ވެސް ތައްޔާރުކުރީ ދަރިވަރުން އަމިއްލައަށެވެ. ހުނިރޮއްޓާއި މަސްހުންޏެވެ. ޓޯސްޓާއި ޕޭންކޭކެއެވެ. މިފަދަ އެތައް ބާވަތެކެވެ.

މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ، ދަރިވަރުންގެ ފަރާތުން ދިން ހެދުނުގެ ނާސްތާވީ ހުރިހާ ގޮތަކުން ވެސް މުދައްރިސުންނަށް ލިބުނު " ސައިޕްރައިޒް"އަކަށެވެ. އެ ސްޕްރައިޒް މުދައްރިސުން ބަލައިގަތީ ވެސް ހިތްހަމަޖެހުމާއި އުފާވެރިކަމާއެކުގައެވެ.
ދަރިވަރުންގެ ނާސްތާ ތައްޔާރު ކުރުމުގައި އެ ދަރިވަރުންނަށް އެންމެ ބޮޑު ދައްޗަކަށް ދިމާވީ އެ ދުވަހުގެ މޫސުމެވެ. ސްކޯލްގެ ގޯތިތެރޭގައި ކުރިއަށް ގެންދަން ރޭވި އެ ހަރަކާތް މޫސުން ތަން ނުދިނުމުގެ ސަބަބުން ކުރިއަށް ގެންދަން ޖެހުނީ އެ ސްކޫލުގެ ކުލާސްރޫމެއްގެ ތެރޭގައެވެ.
" މުދައްރިސުންނަށް އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނީ، ދަރިވަރުންގެ އެ އިސްނެގުމާއި އެ ދަރިވަރުންގެ އަމިއްލަ އުފެއްދުންތަކާއި ނާސްތާ ފޯރުކޮށް ދޭން ދައްކުގައިދިން ހުނަރު" ޝިމާނާ ވިދާޅުވިއެވެ.

ނާސްތާގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ގުރޭޑް 9 އަދި 10ގެ ދަރިވަރުންނެވެ. 22 ކުދިން އެ މަސައްކަތުގައި ބައިވެރިވިއެވެ.
" ލައިވް ކިޗަން" ގައި މުދައްރިސުން ބޭނުންވި ގޮތަށް ދަރިވަރުން ތަފާތު ވައްތަރަށް ބިސްގަނޑުވެސް އަލައި ދިނެއެވެ.
" ކައިރިއަށް އައިސް އަހާލާނެ އިތުރު އެއްޗެއް ބޭނުންވޭތޯ ވެސް" ޚިދުމަތް ދިނުމުގައި ވެސް ދަރިވަރުން އެ ދައްކުވައިދިން ނަމޫނާ ޝިމާނާ ފާހަގަކުރިއެވެ.

" އެފަދަ މަސައްކަތްތައް ކުރިން ކުރަމުން އައީ މުދައްރިސުން ކައިރިން ބަލައި ކިޔައިދީގެން. އެކަމަކު އެ ދުވަހު ކިޔައިދޭނެ މުދައްރިސަކު ނެތި ދަރިވަރުން އަމިއްލައަށް އެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަކީ އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް"
ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް 135 ދަރިވަރުން މާޅޮހު ސްކޫލުގައި މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު