ވެލްނެސް މެޓަރސްގެ "ގަހެއް އިންދަމާ" ޕްރޮގްރާމުގެ ދަށުން ކާބޯތަކެތި އަޅާ ގަސް ރައްކާތެރި ގޮތުގައި ހައްދާނެ ގޮތް ސްކޫލްތަކުގެ ދަރިވަރުންނަށް ދަސްކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެ ފަރާތުން ބުނެފިއެވެ.
ވެލްނެސް މެޓަރސްއިން ދަނީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާއި ސިއްޙަތާ ގުޅޭ ގޮތުން ހޭލުންތެރިކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޯޗިންގެ ޝެޝަންތައް ނަގައިދެމުންނެވެ.
ވެލްނެސް މެޓަރސްއިން ބުނީ ސިއްޙަތު ރަނގަޅު ވެއްޓެއްގައި ހެދިބޮޑުވުމަށް އިތުބާރު ހުރި ރަނގަޅު ކާނާއަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ.
އެހެންވެ ރައްކާތެރި ކަމާއެކު ކާބޯތަކެތި އަޅާ ގަސް ހެއްދުމަށް ބާރު އެޅުމުގެ ގޮތުން "ގަހެއް އިންދަމާ" ޕްރޮގްރާމް ފެށީ މިދިޔަ އަހަރު ފާހަގަކުރި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެންނެވެ.
މި ޕޮރޮގްރާމް ފެށިތާ އެއް އަހަރު ފުރުމާ ގުޅިގެން ވެލްނެސް މެޓަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާތަނަށް 14 އަތޮޅަކުން 17 ރަށެއް އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އަމިއްލަ 33 ފަރާތާއި، 18 ސްކޫލްގެ އިތުރުން 9 މުއައްސަސާއެއް ހިމެނޭ ކަމަށެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ހިންގުމަށް ޕްރޮޖެކްޓްގައި ބައިވެރިވި ފަރާތްތަކަށް ގަސް އިންދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި ގަސްތަކަށް ދިމާވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެ މައްސަލަތައް ހަލުކުރާނެގޮތް ބައިވެރިންނަށް އަންގައިދިނުމުގެ ގޮތުން ދަނޑުވެރިކަމުގެ ވުޒާރާއާ ގުޅިގެން ސިލްސިލާ ކްލާސްތަކެއް ނަގައިދީފައިވާ ކަމަށް ވެލްނެސް މެޓަރސްއިން ބުނެއެވެ.
ވެލްނެސް މެޓަރސްއިން ބުނީ މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް އިތުރު ސްކޫލްތަކާއި އެކި ފަރާތްތަކުން އެދެމުން ދިޔަ ކަމުގައިވިޔަސް އެފަރާތްތަކަށް އޮތް ގޮންޖެހުމަކަށް ވެގެންދިޔައީ ބިމުގެ ދަތިކަމުގެ ސަބަބުން ބޭނުންވާ ވަރަށް ގަސް އިންދާނެ ތަން ނެތުމާއި ގިނަ ސްކޫލް ތަކަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ވުމުން އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމަށް ވަގުތު ނުލިބޭ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހައިޑްރޯޕޯނިކްސް ތަޢާރަފު ކުރުން ވެގެންދިޔައީ ކުރިމަތިވި ގޮންޖެހުންތަކަށް ލިބުނު ހައްލަކަށްވެފައި، ފަސޭޙައިން ގަސްއިންދާލެވޭ މަޤުބޫލް މެތަޑެއް ކަމަށް ވެލްނެސް މެޓަރސްއިން ފާހަގަކޮށްފައިވެއެވެ.
ވެލްނެސް މެޓަރސްގެ ބަޔާނުގައި ބުނެފައި ވަނީ، ހައިޑްރޯޕޯނިކްސްގެ ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ ކަމަށާއި އެ ޕްރޮޖެކްޓް ވެގެންދިޔައީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. ހައިޑްރޯޕޯނިކްސް ސިސްޓަމްގައި ލެޓިއުސްގެ އެކި ބާވަތްތަކާއި ކިއުކަމްބާގެ ބާވަތެއް އިންދައި 42 ދުވަސްތެރޭގައި ގޮވާންކެނޑޭ ވަރުވި ކަމަށް ވެސް ވެލްނެސް މެޓަރސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހައިޑްރޯ ޕޯނިކްސް ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން އެ ޕްރޮޖެކްޓަށް އެކި ފަރާތްތަކުން އެހީތެރިކަން ލިބުނު ކަމަށް ވެލްނެސް މެޓަރސްއިން ބުންޏެވެ.
ވެލްނެސް މެޓަރސް އިން ހިންގާ 21 ޑޭސް ފިޓް ޗެލެންގައި ބައިވެރިވާ ބައިވެރިން އެސީޒަންއެއްގަ ލުއިކުރާ ކޮންމެ ކިލޯއަކުން 10 ރުފިޔާ ސީއެސްއާރު ޕްރޮޖެކްޓަށް ހޭދަކުރާގޮތަށް ހަމަޖެއްސުމުން، "ގަހެއް އިންދަމާ" ޕްރޮގްރާމަށް އެހީތެރިވުމަށް ފިޓް ޗެލެންޖްގެ ބައިވެރިންނަށް އިތުރު ހިތްވަރަކަށް ލިބުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
" މި ލިބުނު ދީލަތި އެހީތަކާއެކު އަޅުގަނޑުމެން ވަނީ 4 އަތޮޅެއްގެ 4 ސްކޫލެއްގައި މިހާރު ހައިޑްރޯޕޯނިކް ސިސްޓަމް ގާއިމް ކޮށްފައެވެ. އެ ސްކޫލް ތަކަކީ ތ.ވޭމަންޑޫ ސްކޫލް، ކ.މާފުށި ސްކޫލް، ފ.ނިލަންދޫ ސްކޫލްގެ އިތުރުން ހދ.ކުޅުދުއްފުށި ސްކޫލްއެވެ. މީގެ ތެރެއިން ތ.ވޭމަންޑޫ ސްކޫލުންވަނީ ސިސްޓަމްގައި ގަސްއިންދައި އޭގެއިން ގޮވާންކޮށްފައެވެ." ވެލްނެސް މެޓަރސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ނިންމާލަމުން އެ ބަޔާނުގައި ބުނެފައި ވަނީ " ޕްލާންޓް އަ ޓްރީ" ގެ ނަމުގައި ޖަމްޢިއްޔާ އެއް މިދިޔަ މަހު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެ ޖަމިއްޔާއަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ޖަމިއްޔާ ރަޖިސްޓްރީ ވުމާއި ގުޅިގެން އެކައުންޓް ހުޅުވުމުގެ މަސައްކަތް މިވަގުތު ކުރަމުންދާތީވެ އެއްވެސް ފަރާތަކުން މާލީ އެހީއެއް ދޭން ބޭނުންވާނަމަ ވެލްނަސް މެޓާސްގެ ފައުންޑާ ޒުލްފާ ނަޞީރުގެ އެކައުންޓް، ( އެކައުންޓް ނަމްބަރ: 7730000530582 )
ޖަމާކޮށް ދިނުމަށް އެދިފައިވެއެވެ.
advertisment
ހިޔާލު