ސްޓޫޑެންޓް ލޯނު ފީ ޝީޓްގައި ސޮއިކުރާތާ ފަސް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ލޯނަށް ޝަރުޠު ހަމަވި 1275 ދަރިވަރުންގެ ތެރެއިން 760 ދަރިވަރުން ފައިސާ ހަމަޖައްސައި ދިނުމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެ ދަރިވަރުންގެ ތެރޭގައި ލިޔެކިޔުންތައް ހަމައަށް ހުށަހަޅާ ދަރިވަރުން ފީ ޝީޓުގައި ސޮއިކުރާތާ މަސައްކަތު ފަސް ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރުނީ، ލޯނުގެ ދަށުން ގިނަ އަދަދެއްގެ ދަރިވަރުން ފުރަން ތައްޔާރުވަމުން ދިޔައިރު، ފައިސާގެ ކަންތައްތައް ހަމަނުޖެހުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ ގިނަ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ، ލިޔެކިޔުންތައް ހަމަކޮށް މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުށަހެޅި ހުރިހާ ދަރިވަރުންގެ ފީ ޝީޓްތައް ތައްޔާރުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ދަރިވަރުންގެ ލޯނަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށާއި ފައިސާ ދޫނުކޮށް ލަސްވަމުން ދިޔައީ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމުން ކަމަށެވެ.
އަދި އެ މިނިސްޓްރީން ބުނީ ދަރިވަރު ލޯނަށް ހޮވިފައިވާކަން އަންގައިދޭ ތަފްސީލީ ސްޕޮންސާޝިޕް ލިޔުމެއް ކިޔަވަން އެދޭ ކޮލެޖް ނޫނީ ޔުނިވާސިޓީ އަށް ހުށަހަޅަން ބޭނުންވާނަމަ، ސްޕޮންޝާޝިޕް ލިޔުން ވެސް އެ މިނިސްޓްރީން ދޫކުރާނެ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެއްވެސް ދަރިވަރެއްގެ ލޯން ކެންސަލް ނުވާނެ ކަމަށާއި ލޯން ހަމަޖެހުނު ހުރިހާ ދަރިވަރުންނަށް ފައިސާ ދޫކުރާނެ ކަމަށެވެ.
ސަރުކާރުގެ ލޯނު އެހީގެ ދަށުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވާ ގިނަ ދަރިވަރުން މި މަހާއި އަންނަ މަހުގެތެރޭގައި ފުރަން އަންނަނީ ތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު