އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވަން ބޭނުންވެގެން 600 އެއްހާ ދަރިވަރުން ހުށަހެޅި ކަމަށާއި ޖާގައިގެ ދަތިކަމާ ހުރެ ފުރުޞަތު ދެވުނީ 400 ދަރިވަރުންނަށް ކަމަށް އެ ސްކޫލުން ބުނެފިއެވެ.
މާލޭގެ ސަރަހައްދާއި އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލުގައި މަތީ ސާނަވީގެ ކިޔެވުން ފަށަނީ މާދަމާއެވެ.
ދަރިވަރުނޫހާ ވާހަކަ ދައްކަވަމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، އެހެން އަހަރުތަކާ ޚިލާފަށް މަތީ ސާނަވީގައި ކިޔަވަން އެ ސްކޫލަށް ވަންނަން ބޭނުންވި ދަރިވަރުން މި އަހަރު އިތުރުވިއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމުން ކިޔަވަން ބޭނުންވި ހުރިހާ ދަރިވަރުންނަށް ފުރުޞަތު ނުދެވުނު ކަމަށާއި މަތީ ސާނަވީއަށް ފުރުޞަތު ދެވުނީ 400 އެއްހާ ދަރިވަރުންނަށް ކަމަށް ރަޝީދު ވިދާޅުވިއެވެ.
އަޙްމަދިއްޔާ ސްކޫލްގައި މަތީ ސާނަވީގެ ގުރޭޑް 11ގައި ކިޔަވަން ފަށާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މިހާރު ވަނީ ބާއްވާފައެވެ. އެފަދަ ބައްދަލުވުމެއް ބެލެނިވެރިންނަށް ބާއްވަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ރަޝީދު ވިދާޅުވީ ދަރިވަރުންނާއި ބެލެނިވެރިންނާއެކު އެ ބައްދަލުވުން ނުބޭއްވުނީ ޖާގައިގެ ދަތިކަމާހުރެއެވެ.
" ހުރިހާ ސްކޫލަކަށް ބަލާއިރު ވެސް ޖާގައިގެ މައްސަލަ އެންމެބޮޑު އެއް ސްކޫލަށް މިތަންވާނެ" ރަޝީދު ވިދާޅުވިއެވެ.
އަޙްމަދިއްޔާ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އާ ހަމައަށް މާލޭގެ ސަރަހައްދުގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
ރަޝީދު ވިދާޅުވީ އެ ސްކޫލުގެ ނަތީޖާއަށް ބަލާއިރު، އެއީ މަތީ ސާނަވީގައި ވެސް އެއްވަނަ ސްކޫލް ކަމަށެވެ.
" އަޅުގަނޑުމެންގެ ކާމިޔާބަކީ ދަރިވަރުންނަށް ހޯދައިދޭ ނަތީޖާ. ފާއިތުވި އަހަރުވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދައި އެ ނަތީޖާ ދަމަހައްޓަމުން އަންނަ ބަޔަކީ އަޅުގަނޑުމެން" ރަޝީދު ވިދާޅުވިއެވެ.
އަޙްމަދިއްޔާގައި ވެސް މަތީ ސާނަވިއަށް ކިޔަވަމުންއަންނަ ދަރިވަރުންގެ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ.
advertisment
ހިޔާލު