ކޮމަންވެލްތް ސްކޮލަރޝިޕްގެ ދަށުން އިނގިރޭސިވިލާތުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން އަންނަ އަހަރު ކިޔެވުމަށް ހުޅުވާލީ މާސްޓަރސް ޑިގްރީގެ ދެ ކޯހަކަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކޮމަންވެލްތް ސްކޮލަރޝިޕްގެ ޝަރުޠަކީ ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއި، މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ލޯނެއް ނަގާފައިވާނަމަ، ގަވައިދުން އެ ދައްކަމުން ގެންދިޔުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުން އަދި އެ ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން ނުދިޔުމެވެ. އަދި މީގެ އިތުރުން އިތުރު ޝަރުޠެއްގެ ގޮތުގައި ބުނެފައި ވަނީ، ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓުގައި ކޯހާ ގުޅޭ ގޮތުން އިތުރު ޝަރުތެއްވާ ނަމަ، އެ ފުރިހަމަވެފައިވުމެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ކޯސްތަކަށް އިސްކަންދޭނީ އެކަޑަމިކް މެރިޓް ޕޮއިންޓް އިން އެންމެ މަތިން ލިބޭ ފަރާތަކަށެވެ. ޕޮއިންޓުން އެއްވަރު ވެއްޖެ ނަމަ، ދެން ބަލާނީ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށް ފަހު، ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
ސްކޮލަޝިޕަށް އެދި މި މަހުގެ 26ގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
advertisment
ހިޔާލު