"ގުރޭޑް ލެވެލް" ގެ ފެންވަރު ނުހުންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ނ. ލަންދޫ ސްކޫލުން ސްޓަރ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 6އާ ހަމައަށެވެ.
ލަންދޫ ސްކޫލުން ބުނީ ގުރޭޑާ އެއް ލެވެލްއެއް ނެތް 35 ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ކަމަށެވެ.
ސްޓަރ ޕްރޮގްރާމުގެ ދަށުން އެ ސްކޫލުގެ ކޮންމެ މުދައްރިސަކަށް އެއްކުއްޖަކު ނޫނީ ދެ ކުދިންނާ ހަވާލުވެ، އެ ޕްރޮގްރާމުގެ ތެރެއިން ކަނޑައަޅާފައިވާ ފެންވަރަށް އެ ދަރިވަރަކު ގެންދަން މަސައްކަތް ކުރަންޖެހެއެވެ.
" ކޮންމެ މުދައްރިސެއްގެ ބެލުމުގެ ދަށުން އެއްކުޖަކު ނޫނީ ދެ ކުއްޖަކު ބަލަހައްޓަމުން ދާނީ. އެ ކުއްޖާ ސްކޫލަށް ނޫނީ ގެއަށް ގެންގޮސްގެން ނަމަވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއީ އެ މުދައްރިސެއްގެ ޒިންމާއެއް" ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއް ރަހީމް ވިދާޅުވިއެވެ.
" ކޮންމެ މުދައްރިސެއްގެ އަތުގައި އޮންނާނެ އެކުއްޖެއްގެ ފައިލް. އެ ފައިލުން އެނގެން އޮންނާނެ ފުރަތަމަ ދުވަހުން ފެށިގެން މުދައްރިސުން ކުރަމުންދާ މަސައްކަތްތަކާއި އެ ކުއްޖަކަށް އަންނަ ކުރިއެރުން. އެ އަންނަ ކުރިއެރުން ބެލެނިވެރިންނާ ވެސް އަޅުގަނޑުމެން ހިއްސާ ކުރާނަން" ޕްރިންސިޕަލް ވިދާޅުވިއެވެ.
ޔޫސުފު ވިދާޅުވީ ދަރިވަރުންގެ ކުރިއެރުންތަކާއި ޕްރޮގްރާމްގެ ތެރެއިން ވަކިވަކި ދަރިވަރުންނަށް އެޕްރޯޗް ކުރާގޮތް އެސްއެމްޓީގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ ޓީޗަރުންގެ ބައިވެރިވުމާއެކު އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެއްދެވުމެވެ.
މި ޕްރޮގްރާމުގެ ސަބަބުން ސާނަވީއަށް އަންނައިރު އެ ކުދިން ތިބޭނީ އެއް ލެވެލްއެއްގައި ހިފެހެއްޓިފައި ކަމަށާއި އޭގެ ސަބަބުން އޯލެލެވްގައި ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޔޫސުފު ވިދާޅުވިއެވެ.
" ލިޔަން ކިޔަން ދަސްކޮށްދިނުމަކީ އެއި ވަރަށް ބޮޑު މަސައްކަތެއް. ޓީޗަރުން އެ ކުރާ މަސައްކަތުން ލިބޭ ކުރިއެރުން ސްކޫލުން ފާހަގަވެސް ކުރާނެ"
ލަންދޫ ސްކޫލްގެ ހަތަރު ދަރިވަރުން މި އަހަރު ބޭއްވި ސާނަވީ އިމްތިޚާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
advertisment
ހިޔާލު